ކ. މާލެ
|
27 ފެބްރުއަރީ 2024 | އަންގާރަ 09:24
އީނާޒް އަލް-ބާޒް؛ ޣައްޒާގައި ގެދޮރު ގެއްލިފައިވާ ޓީޗަރެއް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
"ދިރިއުޅުން 180 ޑިގްރީއަށް އެނބުރިއްޖެ...އެކަމަކު ބުނަން، އަހަރެމެންނަކީ ފަލަސްޠީނުގެ އަންހެނުން"
 
ރެފިއުޖީ ކެމްޕްތަކުގައި ތިބެ ޣައްޒާ ރައްޔިތުންގެ ވިސްނުމަކަށް އޮންނަނީ، ކާނެ އެއްޗަކާ، ބޯނެ އެއްޗަކާއި ކައްކާނެ އެއްޗަކާއި ތިބޭނެ ގޮތަކާ މެދު ވިސްނުން
 
އިޒްރޭލުގެ ސިލްސިލާ ޢުދުވާންތަކުގައި، ޣައްޒާގެ ތަޢުލީމީ ނިޒާމު ފުނޑުފުނޑު ކޮށްފައި

އީނާޒް އަލް-ބާޒްއަކީ ފަލަސްޠީނުގެ އެތައް ޖީލެއް ބިނާ ކުރުމުގެ މަސައްކަތުގައި ދެމި ހުރި ޓީޗަރެކެވެ. މިއަދު އީނާޒްއާއި އޭނާގެ ޢާއިލާ، ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން ދަނީ ޣައްޒާގެ މުޅި ޢާބާދީހެން އެތަނެއްގައި "ދިރިއުޅެމުން" އަންނަ ރަފަޙުގައެވެ. ރަފަޙަށް އައުމުގެ ކުރިންވެސް، އެ ޢާއިލާއިން ވަނީ ޣައްޒާގެ އެކި ހިސާބުތަކަށް ދިރިއުޅުން ބަދަލު ކޮށްފައެވެ.

ދޭހާ އަތްވަކާއި ވެހޭހާ ވާރޭއެއް އަދި ރޭގަނޑުގެ ގަދަ ފިނިން ކިރިޔާވެސް ރައްކާތެރިކަމެއް ހޯދައިދޭ ނައިލޯން ޓެންޓުގައި އިނދެ، ވާހަކަދައްކަމުން، އީނާޒްގެ ތަޢުރީފުގެ ބަސްތައް ހަދިޔާ ކުރީ ޣައްޒާގެ އަންހެނުންނަށެވެ. ވާހަކައިގެ ތެރެއިން އީނާޒް ވަނީ، ޤަތުލުޢާންމުގެ ކުރިން އޭނާގެ ދިރިއުޅުން އޮތް ގޮތުގެ ވާހަކަތައްވެސް ކޮންމެވެސް ވަރަކަށް ހިއްސާކޮށްދީފައެވެ.

އަހަރެން ދެކޭ ގޮތުގަ، ޣައްޒާގެ އަންހެނުންނަކީ މުޅި ދުނިޔޭގައިވެސް ތިބި އެންމެ ހިތްވަރުގަދަ އަންހެނުންގެ ތެރޭގަ ހިމެނޭނެ ބައެއް. އަޔަން ވުމަންއޭވެސް ބުނެވިދާނެ. އެއީ، ފަލަސްޠީނުގެ އަންހެނުން މިއަދު މި ތަހައްމަލު ކުރަމުން ދާ ވޭނަކީ، އެހެން ބަޔަކު ތަހައްމަލު ކޮށްފަ އޮތް ކަންކަމަށް ނުވާތީ. ފަލަސްޠީނުގެ އަންހެނުންނަށް ވީތީ، އަހަރެމެންނަށް ވަރަށް ތަކުލީފު ޖައްސާ، މި ޓެންޓުތަކުގެ ދިރިއުޅުން ވަރަށް ދަތި. އެކަމަކު، މި ހުރިހާ ކަމަކާ އެކީވެސް، އަހަރެމެން މި ދަނީ ޙަލާތާ އެކީ ދިރިއުޅެމުން. އަހަރެމެންނަށް ދިރިއުޅެވޭނެ. ﷲ އަށް ޙަމްދު ހުރި، މި ޙާލުގަވެސް އަހަރެމެން މި ދަނީ އަހަރެމެންގެ ދަރިން ބަލަމުން، މި ހުރިހާ ތަކުލީފުތައް އުފުލަމުންވެސް. އެކަމަކު، އޭގެ މާނައަކީ، އަހަރެމެން މި ޙާލުގަ އުޅެން ދޫކޮށްލާފަ ބާއްވާށެކޭވެސް ނޫން. ނޫނީ، އަހަރެމެން މިގޮތުގަ ދިރިއުޅެމުން ދާންވީއެކޭވެސް ނޫން. އަހަރެމެންގެ އެންމެ އަސާސީ ޙައްޤުތައްވެސް އެ ދަނީ ގެއްލެމުން. އަހަރެން، އަންހެނެއްގެ ހައިސިއްޔަތުން، އަހަންނަކީ ކާކުކަން ހަނދާން ނެތޭ... އަހަރެންގެ ނަފްސު ހަނދާން ނައްތާލެވޭ، އަހަންނަކީ އަންހެނެއްކަންވެސް ހަނދާން ނެތޭ.
އީނާޒް އަލް-ބާޒް؛ ޣައްޒާގައި ގެދޮރު ގެއްލިފައިވާ ޓީޗަރެއް

4 ދަރިންގެ މަންމަ، އީނާޒް ކިޔައިދިން ގޮތުގައި، ޤަތުލުޢާންމުގެ ކުރިން، އޭނާގެ "ބިޒީ" ދިރިއުޅުމަކީ ވަރަށް 'ތަރުތީބު" ދިރިއުޅުމެއް ކަމަށެވެ.

އަހަރެން މި ހުރީ ކަލޭމެން ކުރިމަތީގަ... އަހަންނަކީ އެތައް ޖީލެއް ބިނާ ކުރި ޓީޗަރެއް. ﷲ އަށް ޙަމްދު ހުރި، އަހަރެންގެ ދިރިއުޅުން، 180 ޑިގްރީއަށް އެނބުރިއްޖެ... އަހަންނަކީ ވަރަށް އަވަހަށް ވަޒީފާއަށް ދާ މީހެއް، ގޭގަ ކުރަން ހުންނަ ކަންކަން ކޮށްލާފަ، ދަރިންގެ ކަންކަން ކޮށްލާފަ، އެކުދިން ސްކޫލަށް ގެންގޮއްސަ، ދެން އަހަރެން ވަޒީފާއަށ ދަނީ... އަހަރެންގެ ދިރިއުޅުމަކީ ވަރަށް ތަރުތީބު ދިރިއުޅުމެއް. އޭރު ކަރަންޓުވެސް ހުރޭ. އެއްޗެހި ދޮވުމާއި، ކެއްކުމާއި، ދޮވުނު އެއްޗެހި ހިއްކަން އެޅުމާ، އަންހެނުން ގޭތެރޭގަ ކޮށް މި އުޅޭ މަސައްކަތްތައްވެސް ކޮށްލެވޭ. އެކަމަކު މިހާރު، ހުރިހާ އެއްޗެއް ގެއްލިއްޖެ. އަހަރެންގެ ސޫރަވެސް ބަދަލުވެއްޖެ 180 ޑިގްރީއަށް...މީ އަސްލު އަހަންނެއް ނޫން. މީ އަހަރެމެން، ފަލަސްޠީނުގެ އަންހެނުން ތިބޭ ގޮތެއް ނޫން.
އީނާޒް އަލް-ބާޒް؛ ޣައްޒާގައި ގެދޮރު ގެއްލިފައިވާ ޓީޗަރެއް

މިއަދު ކުރެވެން އޮތް ކަމަކީ ލިބުނު އެއްޗެއް ކައިބޮއެ ހަދައިގެން، ނިދުނު ގޮތަކަށް ނިދުން ކަމަށް އީނާޒް ބުންޏެވެ. ޣައްޒާގެ ރަށްވެހިންގެ ދިރިއުޅުމަށް އައި ބަދަލަކީ ކުޑަ ބަދަލެއް ނޫނެވެ. އެތައް އަހަރެއް ވަންދެން ބަންދުވެފައި އޮތް ސިޓީއެއްގައި ދިރިއުޅުމުގެ ދުވަސްތައް ގުނަމުން ދަނިކޮށް، ޔަހޫދީން ހިންގަން ފެށި ޤަތުލުޢާންމުން، މުޅި ދިރިއުޅުން، އެފުށް މިފުށަށް ޖަހައިފިއެވެ.

ޓެންޓުގަ މިހާރު އަހަރެންގެ ދިރިއުޅުމުގަ އޮންނަނީ، ކާނެ އެއްޗަކާ، ބޯނެ އެއްޗަކާ، ކައްކާނެ އެއްޗަކާ، ތިބޭނެ ގޮތަކާ މެދު ވިސްނުން. ދިރިއުޅުމުގަ މިހާރު އޮތީ، ކެއިންބުއިމާ ނިދުން... ކެއިންބުއިމާއި ނިދުން. އަހަންނާއި އަހަރެންގެ ދަރިންނަށްވެސް. އަހަރެންގެ ދަރިންނަކީ، ހުސްވަގުތު އެކި ކަހަލަ ކަންކަން ކުރާ ބައެއް، ސްކޫލުގަވެސް ރަނގަޅު ނަތީޖާ ހޯދާ ކުދިބައެއް. ﷲ އަށް ޙަމްދު ހުރި. ބޮޑުވެގެން ކުރާނެ ކަންކަމުގެ ޢަޒުމު އޮތް ބައެއް... އެހެން ކުދިންހެން، ހެލިފެލި ދިރިއުޅުމެއް އުޅުނު ބައެއް މީ... އެކަމަކު މިހާރު އެކުދިންނަށްވެސް އޮންނަ ކަމަކީ، މަންމާ، ކޯނޗެއް ކާނީ، ކޯނޗެއް ބޯނީ އަހާލުން.
އީނާޒް އަލް-ބާޒް؛ ޣައްޒާގައި ގެދޮރު ގެއްލިފައިވާ ޓީޗަރެއް

އިޒްރޭލުގެ ސިލްސިލާ ޢުދުވާންތަކުގައި، ޣައްޒާގެ ތަޢުލީމީ ނިޒާމު ފުނޑުފުނޑު ކޮށްފައި ވާ އިރު، އީނާޒް ދަނީ ރެފިއުޖީ ކޭމްޕުގައި ތިބި އޭނާގެ ދަރިންނާއި، ގެދޮރު ގެއްލިފައި ތިބި އިތުރު ކުދިންނަށްވެސް ކިޔަވައިދެމުންނެވެ.

ވަރަށް ބަލަން ދާ އެއްޗެހި ފުނި ނުޖައްސާވޭތޯ... ކަލޭމެންނަށްވެސް ފެންނާނެ، އަތުން މި ދޮންނަނީ. ވަރަށް ވަރުބަލިވޭ، އަތުގެ ނާރުތަކާ މަސްތަކަށްވެސް ތަދުވޭ... 5 މަހުން 10 ދުވަސް އުނިކޮށްލާ، އެހާ ދުވަސް މިވީ މި ޙާލުގަ އުޅޭތާ... ޓެންޓުގަ އަހަރެން ވަގުތު ބޭކާރެއް ނުކުރަން. ކުދިންނަށް ޤުރުއާން ކިޔަވައިދެން، ޅެންވެރިކަން ކިޔަވައިދެން. ﷲ އަށް ޙަމްދު ހުރި. އަހަރެންގެ ދަރިންނަކީ، ހަމަ ފަލަސްޠީނުގެ އެހެން ހުރިހާ ކުދިން ފަދަ. ފަލަސްޠީނުގެ ހުރިހާ މައިންވެސް އެދޭނީ އެމީހުންގެ ދަރިންނަކީ އެންމެ ފުރިހަމަ ބަޔަކަށް ވާން. ހުރިހާ ޙައްޤުތަކެއް ލިބިފަ ތިބި ބަޔަކަށް ވާން. އެކަމަކު، އަހަރެމެން މި ތިބީ އެ ޙައްޤުތަކުން މަހްރޫމު ކޮށްފަ، އެކުދިން އެ ދަނީ އެތައް ތަކުލީފެއް އުފުލަމުން، އެ ޙައްޤުތަކުން މަހްރޫމުވެފަ ތިބި ޙާލުގަ. އެކަމަކު ބުނަން، އަހަރެމެންނަކީ ފަލަސްޠީނުގެ އަންހެނުން، ކެތްތެރިވާނެ، ދަރިންނަކީ އެންމެ ފުރިހަމަ ބަޔަކަށް ހަދަން ގަދަ އަޅާ މަސައްކަތް ކުރާނެ.
އީނާޒް އަލް-ބާޒް؛ ޣައްޒާގައި ގެދޮރު ގެއްލިފައިވާ ޓީޗަރެއް

ކޮންމެ ޙާލެއްގައި އުޅެން ޖެހުނު ކަމުގައި ވީ ނަމަވެސް، އީނާޒް ދަނީ، އެއީ ފަލަސްޠީނުގެ ސާބިތު އަންހެނެއްކަން ދައްކައިދެމުންނެވެ. އެ ހިތްވަރާއި ޢަޒުމަކީ، ކޮންމެ ކޮންމެ މީހެއްގެ ކިބާގައި ހުންނާނެ ހިތްވަރަކާއި ޢަޒުމެއް ނޫނެވެ.

ޙަމްދު ހުރީ ﷲއަށް. ދަރިންކޮޅު ތިބީ ދަޅުކާނާ ދެކެ ފޫހިވެފަ... އަސްލު ބުނަންޏާ، ދަޅުކާނާ ކައިކައި އެކުދިން ބަލިވީ. އެހެންވެ، އަހަރެން ބޭނުންވީ އެކުދިންގެ ކެއުން ބަދަލު ކުރަން. ﷲ އަށް ޙަމްދު ހުރި، ވާރޭ ވެހުނީމަ، މި ގަސް ހެދުނު... މީ ދަނޑުތަކުގަ، އެއްވެސް މަސައްކަތަކާ ނުލާ ހެއްދޭ އެއްޗެއް. އަހަރެމެން ނުޖެހޭނެ މި ގަންނާކަށް. ﷲ އަށް ޙަމްދު ހުރި. މިއަދު މި އުޅެނީ މި ކައްކަން... 4 މަސްދުވަސް ފަހުން އަހަންނަށް މި ވަނީ ގޭސް ސިލިންޑަރެއް ހޯދިފަ، އަނެއްހެން ބުނަންޏާ ބައި ސިލިންޑަރ ގޭސް. މިދިޔަ 4 މަހު ކެއްކީ އަލިފާންގަނޑު ޖަހައިގެން. މިދިޔަ 4 މަސްދުވަހު، އަހަންނާއި އަހަރެންގެ ދަރިން މި އުޅުނީ، އަލިފާންގަނޑުން ޓެންޓަށް ވަންނަ ވަސްގަނޑާ ހެދި ވަރަށް ހާލުގަ. އަންހެން ދަރިފުޅުގެ ފުއްޕާމެޔަށްވެސް އެކަމުގެ އަސަރު ކޮށްފަ ހުރީ. ﷲ އަށް ޙަމްދު ހުރި، ދަރިފުޅު ގޮވައިގެން ހޮސްޕިޓަލުން ގެޔަށް އާދެވިއްޖެ... ދަރިފުޅު ނޭވާލުމުގެ ނިޒާމުގަ މައްސަލަ ޖެހުނީ، އަލިފާނުގެ ވަހުން. އެ ތަކުލީފަށް ފަހު ދަރިފުޅު ބަލިވީ.
އީނާޒް އަލް-ބާޒް؛ ޣައްޒާގައި ގެދޮރު ގެއްލިފައިވާ ޓީޗަރެއް

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމަކީ، ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތް ނައްތާލުމުގެ ނަމުގައި ހިންގާ ޤަތުލުޢާންމެކެވެ. ބަހަނާއަކަށް ހަދަނީ، އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ޙަމާސް ޖަމާޢަތުން އިޒްރޭލަށް ދިން ކުށްލި ޙަމަލާއެވެ. އެ ޙަމަލާގައި އިޒްރޭލުން 1200 މީހެއްގެ ފުރާނަ ގެއްލިފައި ވާ އިރު، 253 މީހަކު ރަހީނު ކުރިއެވެ. ރަހީނު ކުރި މީހުންގެ ތެރެއިން ބަޔަކު މިހާރު ވަނީ މިނިވަންވެސް ކޮށްފައެވެ.

ޙަމާސްގެ ޙަމަލާގެ ރައްދުގައި ކަމަށް ބުނެ އިޒްރޭލުން ޤަތުލުޢާންމު ހިންގަން ފެށީ ހިނދުކޮޅެއްގެ ތެރޭގައެވެ. އޭގެ ފަހުން އަދާ ޖެހުނު އިރުވެސް ޣައްޒާގެ ރައްޔިތުން ހިންދެމިދާލެނެ ވަގުތެއް ނުދެއެވެ. ނިރުބަވެރި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމުގައި މަރުވި ފަލަސްޠީނު ރައްޔިތުންގެ ޢަދަދު 30000 އާ ގާތް ކުރާ ކަމަށް ރަސްމީ ރެކޯޑްތަކުން ދައްކައެވެ. އެޔެއް މިޔެއް ބެލުމެއް ނެތި ދެމުން ގެންދާ ޢުދުވާނީ ޙަމަލާތަކުގައި ބިމާ ހަމަކޮށްފައި ވާ ޢިމާރާތްތަކުގެ ދަށުގައިވެސް އަދި އެތައް ހާސް ބައެއްގެ ހަށިގަނޑުތައް ވާނެ ކަމަށް، ޣައްޒާގެ ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ. ޒަޚަމްވި މީހުންގެ ޢަދަދު ލައްކައަކާ ގާތް ކުރާ އިރު، މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް