ސަރުކާރުން ހެސްކިޔާފައި ބޭރު ޤައުމުތަކަށް ދަތުރުކުރާއިރު، ރައްޔިތުންނަށް ދަތުރުތަކާ ގުޅޭ މައުލޫމާތުތައް ސިއްރު ކުރަމުންދާކަމަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، މި ސަރުކާރު ފުރަތަމަ ވެރިކަމަށް އައީ އެއްވެސް ކަމެއް ސިއްރުނުކޮށް ރައްޔިތުންނަށް ކަންކަން ހާމަކުރާނެކަމަށް ބުނަމުން ކަމަށެވެ. ނަމަވެސް އެންމެ ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެވުނު އެގްރީމަންޓުތައްވެސް ސިއްރުކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި ޚާރިޖީ ގޮތުން ކުރައްވާ ދަތުރުތަކުގެ ތަފްސީލުތައްވެސް މިހާރަށްވުރެ ބޮޑަށް ހިއްސާކުރެވެމުން ގޮސްފައިވާކަމަށެވެ.
އެހެންނަމަވެސް މިއަދު، އެތައް ދަތުރެއް ސަރުކާރުން ކުރާއިރު، އެ ދަތުރުތަކުގެ މައުލޫމާތުތައް ސިއްރު ކުރަމުންދާކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.
ކުރެވުނު އެގްރީމަންޓުތައްވެސް ސިއްރު، ކުރެވުނު މަސައްކަތްތައްވެސް ސިއްރު، ކޮންމެ ދަތުރެއް ނިންމާފައި އެނބުރި ވަޑައިގަންނަވާއިރު އެ ދަތުރަކާބެހޭ ހުރިހާ މައުލޫމާތެއް ސިއްރުއެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ޝާހިދު ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޝާހިދު ވިދާޅުވީ، ރޯދައިގެ ފަހުން ވެސް އިންތިހާބު ބޭއްވޭނެ ތާރީޚުތަކެއް އެބަ ހުރި ކަމަށާއި، އެހެން ނަމަވެސް ރޯދަ މަހު އިންތިހާބު ބާއްވަން ނިންމާފައިވަނީ ސަރުކާރުގެ ފިއްތުންތަކަށް ބޯލަބައިގެން ކަމަށެވެ.
އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއެކު އެތައް ބަޔަކަށް ރޯދަ މަހުގައި ވޯޓުލުން ވާނީ ދަތިކަމަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރުން ރަމަޟާން މަހުގެ ފަހު ދިހަ ދުވަހަކީ ސަރުކާރުން ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅީ، އެ މަހަކީ އަޅުކަމުގެ މަހަކަށް ހެދުމަށް ދޭ އިސްކަމުގެ ސަބަބުން ކަމަށްވާއިރު، ރޯދަ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ބޮޑު އިންތިހާބެއް ބާއްވަން ބޭނުންވާ ވިސްނުމާ މެދު ސުވާލު އުފެދޭކަމަށެވެ.