ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 22:33
ޢަސްކަރިއްޔާއިން ބޯޑަރު ސަރަޙައްދުގައި ތަރައްޤީ ކުރަމުން އެ ދަނީ ޣައްޒާއަށް އަންނަ އެހީ ބަލައިގަންނާނެ ލޮޖިސްޓިކްސް ޒޯން
ފަލަސްޠީން - އިސްރާއީލް ހަނގުރާމަ
ރަފަޙް ބޯޑަރުގައި މިޞްރުން ވަރުގަދަ ސިމެންތި ފެންސެއް ޖެހުމުގެ ބޭނުމަކީ...؟
 
އިޒްރޭލުން ޣައްޒާ ދެމުންދާ ޙަމަލާތަކުގެ ސަބަބުން، ފަލަސްޠީނުގެ އެތައް ބަޔަކު ރެފިއުޖީންގެ ގޮތުގައި ސައިނާ ސަރަޙައްދަށް އެތެރެވުމުގެ ބިރު އެބައޮތް

ނިރުބަވެރި އިޒްރޭލުން ވަރުގަދަ ގަތުލުއާންމެއް ހިންގަމުން ގެންދާ ފަލަސްޠީނުގެ ޣައްޒާގައި މިއަދު ހިނދުކޮޅަކަށް ހަމަޖެހިލާނެ އެންމެ ތަންފުކެއްވެސް ނެތެވެ. މުޅި ޣައްޒާގެ ޢާބާދީ އެއްކޮށްހެން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންދާ ރަފަޙަށްވެސް އިޒްރޭލުން މިހާރު ވަރުގަދަ ޙަމަލާތަކެއް ދެމުން ދާއިރު، ޣައްޒާގެ ރަށްވެހިން ދާނެ އިތުރު އެހެން ތަނެއް ނެތެވެ. ރަފަޙަކީ ފަލަސްޠީން ހިއްސާކުރާ ބޯޑަރުގައި އޮތް ތަނަކަށް ވާއިރު، މިޞްރުން މިހާރު ދަނީ ޣައްޒާއާ ހިއްސާކުރާ ރަފަޙް ބޯޑަރުގެ މިޞްރާ ވީ ފަޅީގައި ފިސާރި ވަރުގަދަ ސިމެންތި ފެންސެއް ޖަހަމުންނެވެ.

ގުރޫޕެއް އެކުވެގެންވެސް ގުޑުވާނުލެވޭހާ ބޮޑެތި ސިމެންތި ބްލޮކްތަކެއް ބޭނުންކޮށްގެން ރަފަޙް ބޯޑަރުގައި ޖަހަމުންދާ ފެންސަކީ ޣައްޒާއަށް ލިބޭ އެހީގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތަށް ޚާއްޞަކޮށްފައިވާ "ލޮޖިސްޓިކްސް ޒޯން" އެއް ކަމަށް މިޞްރުން ބުނެއެވެ. ފެބްރުއަރީ 17 ވަނަ ދުވަހު ރެކޯޑްކޮށްފައިވާ މަންޒަރުތަކުންވެސް ފެންނަނީ، ދިގު ފެންސެއް ޖެހުމުގެ މަސައްކަތުގައި ކްރޭންތަކާ ބުލްޑޯޒަރުތައް ހަރަކާތްތެރިވާ މަންޒަރެވެ.

އިޒްރޭލުން ރަފަޙްގައި ލާއިންސާނީ ޙަމަލާތައް ވަރުގަދަކޮށްފި ޙާލަތެއްގައި، ޣައްޒާގެ ރަށްވެހިންނަށް ވަގުތީ ޙިމާޔަތެއްގެ ގޮތުގައި ބޭނުން ކުރެވެން އޮތް ރަފަޙް ބޯޑަރު ސަރަޙައްދުން މިޞްރަށް އެތެރެ ނުވެވޭ ގޮތަށް މިޞްރުން ސިމެންތި ފެންސް ޖަހަމުން ދާ ކަމަށް ރޮއިޓަރޒްއިން ވަނީ ފެބުރުއަރީ 16 ވަނަ ދުވަހުވެސް ރިޕޯޓް ކޮށްފައެވެ. މަސްދަރުތަކަކާ ޙަވާލާދީ ރޮއިރޓަރޒްއިން ބުނީ، އެއީ މެދުވެރިވެދާނެ ޙާލަތަކަށް ބަލައި، މިޞްރުން އެޅި ފިޔަވަޅެއް ކަމަށެވެ.

ނަމަވެސް، އެ ފަދަ ތައްޔާރީތަކެއް ވަމުން ދާކަމަށް ކުރެވޭ ތުހުމަތުތަކަށް މިޞްރުން ތަކުރާރުކޮށް އިންކާރުކުރެއެވެ. މިޞްރާއި ފަލަސްޠީނު ހިއްސާކުރާ ރަފަޙް ބޯޑަރުގައި އަޅަމުންދާ ސިމެންތި ފެންސާ ބެހޭގޮތުން މިޞްރުގެ ޚާރިޖީ ވަޒީރު ސާމިހް ޝުކްރީ ވިދާޅުވީ، "މިއީ ވަރަށް ގިނަ ގޮތް ގޮތަށް ބަހުސް ކުރެވިދާނެ ކަމެއް" ކަމަށެވެ.

އުތުރު ސައިނާގެ ގަވަރުނަރުގެ ވާހަކަތަކަށް ބަލާއިރު، އަސްކަރިއްޔާއިން ބޯޑަރު ސަރަޙައްދުގައި ތަރައްޤީކުރަމުން އެ ދަނީ ޣައްޒާއަށް އަންނަ އެހީ ބަލައިގަންނާނެ ލޮޖިސްޓިކްސް ޒޯނެކެވެ.

އިޒްރޭލުން ޣައްޒާ ދެމުން ގެންދާ ފަނާކުރަނިވި ޙަމަލާތަކުގެ ސަބަބުން، ފަލަސްޠީނުގެ އެތައް ބަޔަކު ރެފިއުޖީންގެ ގޮތުގައި ސައިނާ ސަރަޙައްދަށް އެތެރެވުމުގެ ބިރު އެބައޮތް ކަމަށް މިޞްރުން ވަނީ ތަކުރާރުކޮށް އިންޒާރުދީފައެވެ. އެފަދަ ގޮތަކަށް ފަލަސްޠީނުގެ ރައްޔިތުން މިޞްރަށް އެތެރެވުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަން، މިޞްރުގެ ސަރުކާރުން ވަނީ ސާފުކޮށްދީފައެވެ. އެއީ ހަމަ އެކަނި މިޞްރުގެ އަޑެއް ނޫނެވެ. އުރުދުން ފަދަ ޢަރަބި އެތައް ޤައުމަކުންވެސް އިވެމުން ދަނީ ހަމަ އެފަދަ އަޑުތަކެކެވެ.

ޙަމަލާތައް ވަރުގަދަވެގެން ގޮސް، ޣައްޒާގައި ތިބެވޭވަރު ނުވެގެން މިޞްރަށް ދާން ޖެހިދާނެކަމީ ޚުދު ޣައްޒާގެ ރަށްވެހިންވެސް ޖެހިލުންވާ ކަމެކެވެ.

އަހަރެމެން މިޞްރަށް ބަދަލުވެއްޖެއްޔާ، އަހަރެމެންގެ އުފަން ފަސްގަނޑަށް އާދެވޭނެކަމުގެ ޔަޤީންކަން ދެވޭނީ ކާކަށް؟ 1948ގެ ހާދިސާ އަނެއްކާވެސް ތަކުރާރު ވާނީ. އަހަރެމެން ގެނެސްދެވޭނެ ބަޔަކު ތިބިތޯ، ނޫންތޯ ބަލަން ޖެހިފަ އޮންނާނީ. އަހަރެމެން ކިހިނެއް ހަދާނީ؟ އަހަރެމެންގެ ގެދޮރު ވަނީ ސުންނާފަތިކޮށްފަ. ގެތައް ދޫކޮށް ނުކުމެގެން އަހަރެމެން މި އުޅެނީ. އަތުގަ ހުރި ހުރިހާ އެއްޗެއްވެސް ދޫކޮށްލާފަ ނުކުތީ. އަހަރެންގެ ހުންނާނެ 4 ބުރީގެ ގެއެއް. އެ ގެޔާ، ފިރިމީހާގެ ފިހާރައާ ކާރުވެސް މިހާރަކު ނެތް. އަހަރެމެން މި ބުނަނީ މީ މައްސަލައެއް ނޫނޭ. މާތް ﷲ އަހަރެމެންނަށް ބަދަލު ދެއްވާނެއޭ. މިހާ ހިސާބަށް އާދެވެންދެން ވެސް ހަމަ އެއްތަނުން އަނެއް ތަނަށް ބަދަލު ވޭވޭ އަހަރެމެން މި ތިބީ. ބާކީ ދެން އޮތީ ކޮން ގޮތެއް؟
އުލްފާ އައްނަޙްލު، ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހެއް

ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ފައިބަން ޖެހިދާނެ ދުވަހަކަށް މިޞްރުން ތައްޔާރުވާކަމުގެ ވާހަކަތައް އެ ޤައުމުން ދޮގުކުރާއިރު، ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ފަހާލުމުގެ ނިޔަތެއް ނެތްކަމަށް ޔަހޫދީ އިޒްރޭލުން ވަނީ ބުނެފައެވެ. އެބައެއްގެ ޙިމާޔަތުގައި އިޒްރޭލުން ގަތުލުއާންމު ހިންގާ އެމެރިކާއިންވެސް ވަނީ، ފަލަސްޠީނުގެ ރައްޔިތުން އެ ފަސްގަނޑުން ބޭލުމާ ދެކޮޅަށް ވަކާލާތު ކޮށްފައެވެ. ނަމަވެސް، އެ ބުނި ބަހަކަށް އިތުބާރުކުރާނީ ކާކު ހެއްޔެވެ؟

ބޯޑަރަށް މި އައީ މިތަން ރައްކާތެރި ވާނޭ އެމީހުން ބުނީމަ. އެވަރުންވެސް އެ ދަނީ އަހަރެމެންގެ ގެދޮރު ގެއްލުވާލަން ބިރު ދައްކަމުން. ދާނެ ތަނެއް އަހަރެމެންނަށް އެނގެނީއެއް ނޫން. އަހަރެންގެ ދަރިން އެބަތިބި. އެއް ކުއްޖެއްގެ އަތާ ފައި އޮތީ ޒަޚަމްވެފަ. ދާނެ ތަނެއް އަހަރެމެންނަކަށް ނޭނގެ. މި ބުނަނީ، އަހަރެމެން މި ފަސްގަނޑަކުން ނުބޭލޭނޭ. މިތަނުން އަހަރެމެން ބޭލުމާ ދެކޮޅޭ. ފަލަސްޠީނު ދޫކޮށްފަ ނުފައިބާނަން. މަރުވާން ޖެހުނަސް ހެޔޮ. ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވެގެން ވިއަސް ހެޔޮ. މިހާރުވެސް 30،000 މީހުން ޝަހީދުވެއްޖެ. އަހަރެމެންވެސް އޭގެ ތެރޭގަ ހިމެނިދާނެ. އަހަރެމެން ބޭނުން ވަނީ އަހަރެމެންގެ އުފަން ވަޒަނުގަ ތިބެ، އެ ފަސްގަނޑުގަ މަރުވެދާން.
ވަފާ އައްދާސް؛ ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހެއް

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުގައި މަރުވި ފަލަސްޠީނު ރައްޔިތުންގެ ޢަދަދު 29،000ށް އަރައެވެ. ބައި ލައްކައަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މަރުވި މީހުންނާއި ޒަޚަމްވީ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް ޣައްޒާގެ ހުރިހާ އެންމެންހެން މިއަދު ވަނީ ރެފިއުޖީންނަށް ވެފައެވެ. ބަނޑުހައިހޫނުކަން އޭގެ އެންމެ އިންތިހާއަށް ކުރިމަތިވެފައި އޮތްއިރު، ނުރައްކާތެރި އެކި ޒާތްޒާތުގެ ބަލިމަޑުކަންވެސް ފެތުރެމުން ދަނީ އިންތިހާ ހަލުވި ދުވެއްޔެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް