ރައްޔިތުންގެ މަޖިލީހުގެ ޕެޓީޝަން ކޮމެޓީން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވަކިކުރައްވައިފި އެވެ.
ޕެޓިޝަން ކޮމެޓީއަށް ފާރިސް އައްޔަން ކުރައްވަފާއިވަނީ ޕީޕީއެމް ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން ނެވެ.
އެ ކޮމެޓީން ފާރިސް ވަކިކުރައްވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވީނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ޕެޓިޝަން ކޮމެޓީން ފާރިސް ވަކިކުރެއްވުމަށްފަހު އެކޮމެޓީއަށް އައްޔަން ކުރައްވާފައިވަނީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ އެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާނު ހުސައިން މަނިކަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާތީ އޮޅުންފިލާގޮތް ވަނީ ނުވެފަ އެވެ.
މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ޕެޓިޝަން ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެކޮމެޓީން ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. ނަމަވެސް ޕެޓިޝަން ކޮމެޓީން ވަނީ އެ ކޮމެޓީއަށް ފާރިސް ހާޒިރު ކުރަންދެން މެދުކަނޑާލާފައެވެ. ނަމަވެސް ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ހުންނެވި ފާރިސް އެ ކޮމެޓީއަށް ހާޒިރު ކޮށްދެއްވާފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި މަޝްހޫރު ބައެއް ގާނޫނީ ވަކީލުން ވެސް ގެންދަވަނީ އެއީ ގާނޫނާ ހިލާފަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކުރަމުންދާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
ޝަރީއަތް ނިމެންދެން ފާރިސް ޖަލުގައި ބަހައްޓަން މުއްދަތު ޖެހާފައިވަނީ ރިޝްވަތު ހުށަހެޅުމުގެ ކުށުގެ ތުހުމަތެއްގަ އެވެ. ނަމަވެސް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެމައްސަލަ ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ދައުވާ ކުރުމަށް ފޮނުވާފައިވާކަމެއް ނުވަތަ ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާކަން ވެސް އެނގޭކަށް ނެތެވެ.