ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 09:33
ޑރ ރާޖާ އޮކާޝާ؛ ހިލޭ ސާބަހަށް ޚިދުމަތްދޭ ޑޮކްޓަރެއް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
މީޑިއާތަކުގެ ފަލަ ސުރުޚީން ޖާގަ ނުލިބުނަސް، މިއަދު އެއީ އެތައް ހިތެއް ފަތަޙަ ކުރި ބަޠަލެކެވެ!
 
ހިލޭ ސާބަހަށް ޑރ އޮކާޝާ ޚިދުމަތް ދޭ ޓެންޓު ކުރިމަތީގައި، ބަލި ދަރިންކޮޅު ގޮވައިގެން ގިނަ ޢަދަދެއްގެ މައިންބަފައިން ސަފަކަށް އެތުރިގެން ތިބޭ މަންޒަރު ފެނޭ
 
ކުޑަކުދިންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، ރެފިއުޖީ ކޭމްޕުގައި ހުރި އޭނާގެ ޓެންޓު، ވަގުތީ ކުލިނިކަކަށް ބަދަލުކޮށް

މުޅި ދުނިޔެއަށް ބެލި ކަމުގައި ވިޔަސް، މި ވަގުތު އެންމެ ތޮއްޖެހިފައި އޮތް އަވަށް ކަމަށް ވާ ޣައްޒާގެ ރަފަޙުގައި، ޙަޤީޤީ އިންސާނިއްޔަތުކަމަކީ ކޮބައިކަން ޢަމަލުން ދައްކައިދެމުން ދާ އެތައް ޝަޚްސެއް އެބަ ތިއްބެވެ. މީޑިއާގަ ފަލަ ސުރުޚީތަކުން ޖާގަ ނުލިބުނެއް ކަމަކު، ހަމަ ގައިމުވެސް އެތައް ބައެއްގެ ހިތް ފަތަޙަ ކުރި އެތައް ޝަޚްސުންނެއް ރަފަޙުން އެބަ ފެނެއެވެ. އެފަދަ އެކަކީ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، ޑރ ރާޖާ އޮކާޝާއެވެ. ޑރ އޮކާޝާވެސް މިވަގުތު ދިރިއުޅެމުން ދަނީ ރަފަޙުގައެވެ. ޣައްޒާގެ ކުޑަކުދިންނަށް މިއަދު އެންމެ ބޭނުން ޖެހިފައިވާ ޞިއްޙީ ބޭސްފަރުވާގެ ކަންކަން ކޮށްދިނުމުގެ ޒިންމާއާ ޑރ އޮކާޝާ ހަވާލުވީ އަމިއްލަ ނަފުސަށް އެކަން ފެނިގެންނެވެ. ހިލޭ ސާބަހަށެވެ.

ޑރ އޮކާޝާ އަސްލު ނިސްބަތް ވަނީ ބައިތު ޙަނޫންއަށެވެ. ރަފަޙުގައި ދިރިއުޅެމުން ދަނީ ގެދޮރު ގެއްލިފައި ވާ ރެފިއުޖީއެއްގެ ގޮތުގައެވެ. ކުޑަކުދިންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، ރެފިއުޖީ ކޭމްޕުގައި ހުރި އޭނާގެ ޓެންޓު، ވަގުތީ ކުލިނިކަކަށް ބަދަލުކޮށްގެންނެވެ. އެ ސަރަޙައްދާ ކައިރި ހިސާބެއްގައިވެސް ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމާއި އޭނާގެ ހިތުގައި ކުޑަކުދިންނަށް އޮންނަ ޚާއްޞަ ލޯތްބަކީ، މިފަދަ ޚިދުމަތެއް ދިނުމުގެ އެންމެ ބޮޑު ސަބަބެވެ.

ހިލޭ ސާބަހަށް ޑރ އޮކާޝާ ޚިދުމަތް ދޭ ޓެންޓު ކުރިމަތީގައި، ބަލި ދަރިންކޮޅު ގޮވައިގެން ގިނަ ޢަދަދެއްގެ މައިންބަފައިން ސަފަކަށް އެތުރިގެން ތިބޭ މަންޒަރު ފެނެއެވެ. ކޮންމެ މީހެއްގެވެސް އުންމީދަކީ ދަރިފުޅަށް ވާ ގޮތެއް އެނގި، ބޭސްކޮޅެއް ލިބޭ ގޮތް ވުމެވެ.

ސާފުތާހިރުކަން ކުޑަވުމާއި، ޞިއްޙަތަށް ފައިދާ ކުރަނިވި ކާބޯތަކެއްޗާއި، ސާފު ފެން ލިބެން ނެތުމުގެ ސަބަބުން، ކޭމްޕު ތެރޭގައި އެކި ޒާތްޒާތުގެ ބަލިމަޑުކަން، އޭގެ އެންމެ އިންތިހާއަށް ފެތުރެމުން ދާ ކަން ޑރ އޮކާޝާ ފާހަގަ ކުރިއެވެ.

އެންމެ ޢާންމުކޮށް ފެންނަ ބަލިތަކަށް ބަލާއިރު... ކުޑަކުދިންގެ ތެރޭގައި ބަލިތައް ފެތުރެމުން ދަނީ ވަރަށް ބިރުވެރި ގޮތަކަށް. ވަކިން ޚާއްސަކޮށް، ބަނޑުގެ އިންފެކްޝަންތަކާއި، ވައިރަލް އިންފެކްޝަންތަކާއި، ގަދަ ފިނީގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ އިންފެކްޝަންތައް. ބައެއް ފަހަރު އެބަ ފެނޭ، ޖެކެއްޓެގެ މިންވަރުވެސް ނުލާ މިތަނަށް އަންނަ ކުދިން. އެންމެ ހެދުމެއް ލައިގެން. މީހުން އަތަކު ނެތް އަންނައުނެއް. ގެދޮރު ދޫކޮށް ނުކުތީ ހުސް އަރާ. ހެޕަޓައިޓިސް އޭ ވެސް ދަނީ ފެތުރެމުން. ކުޑަކުދިންގެ ތެރޭގަ ވަކިން ބޮޑަށް. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިނމް ބުނާ ގޮތުގައި ހެޕަޓައިޓިސް ފެތުރެނީ ބޮޑު ބަލިމަޑުކަމެއްގެ ދަރަޖައިގަ. 13 އަހަރުން ދަށުގެ ކުދިންގެ 70، ނޫނީ 80 ޕަސެންޓް ކުދިންނަށް ވަނީ ބަލީގެ އަސަރުކޮށްފަ. މި ހުރިހާ ކަމެއްވެސް މި ވަނީ ސާފުތާހިރުކަން ނެތިގެން، ހަމަ އެކަނި އެކަމެއް ނޫން، ލޮނު ފެން ބޯން ޖެހުމާ، ފައިދާ ހުރި ކާނާ ނުލިބުމާ ހެދި ކޭމްޕުގަ އިންފެކްޝަންތައް ފެތުރެނީ.
ޑރ ރާޖާ އޮކާޝާ؛ ހިލޭ ސާބަހަށް ޚިދުމަތްދޭ ޑޮކްޓަރެއް

ޣައްޒާގައި ހުރި ހޮސްޕިޓަލުތަކުގެ ތެރެއިން، ޚިދުމަތް ދެވެނީ މަދު ތަނެއްގައެވެ. ބާކީ ހުރި ތަންތަނަކީ ނިރުބަވެރި އިޒްރޭލުގެ ޢުދުވާންތަކުގައި ސުންނާފަތި ކޮށްފައި ވާ ނުވަތަ ރެއިޑްކޮށް ހަލާކުކޮށްފައި ވާ ތަންތަނެވެ. ޚުދުމުޚުތާރު ޔަހޫދީ ފައުޖުތަކުން ރަފަޙާ ގާތަށް ޖެހި، ޙަމަލާތައް ވަރުގަދަ ކުރަމުން ދާ އިރު، މިހާރު ޚިދުމަތް ދޭ މަދު ހޮސްޕިޓަލުތަކަށް ބާރު ބޮޑުވެފައި ވަނީވެސް އޭގެ އިންތިހާއަށެވެ. އިޒްރޭލުން ބުނާ ގޮތުގައި ހޮސްޕިޓަލުތަކަކީ، ޣައްޒާ ކޮންޓްރޯލް ޙަމާސް ޖަމާޢަތުން ހަނގުރާމައިގެ ކިއްލާއެއްގެ ގޮތުގައި ބޭނުން ކުރާ ތަންތަނެވެ. ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޢަމާޒުކޮށްގެން ޙަމަލާ ދިނުމަކީ، ހަނގުރާމައިގެ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އިޒްރޭލުން ޣައްޒާގައި ޤަތުލުޢާންމު ހިންގަން ފެށީ، ޙަމާސް ޖަމާޢަތުން އޮކްޓޯބަރު މަހުގެ ކުރީކޮޅު ދިން ޙަމަލާއެއްގެ ރައްދުގައި ކަމަށް ބުނެއެވެ. އޭގެ ފަހުން ފާއިތުވެދިޔަ 4 މަސްދުވަހަކީ ދުނިޔޭގެ އެއްވެސް ހިސާބެއްގައި ބަޔަކު ތަޙައްމަލު ކޮށްފައި ނުވާ ފަދަ ބިރުވެރިކަމާއި، އަނިޔާވެރިކަމުގައި ޣައްޒާގެ ރަށްވެހިން ހޭދަ ކުރި ދުވަސްތަކެކެވެ. 5 ވަނަ މަހަކަށް ގުނަން ޖެހިފައި އޮތް އިރު، މި އިން ދުވަހަކު ޤަތުލުޢާންމު ހުއްޓާލާނެ ކަމަކަށްވެސް ނުބެލެވެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އިޒްރޭލުގެ ޢުދުވާންތަކުގައި މަރުވި ފަލަސްޠީނު ރައްޔިތުންގެ ޢަދަދު 29000 އާ ގާތް ކުރެއެވެ. އެޔެއް މިޔެއް ބެލުމެއް ނެތި ވައްޓާލާފައި ވާ ޢިމާރާތްތަކުގެ ދަށުގައިވެސް އެތައް ޤަބުރެއް ވާނެ ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ބުނާ އިރު، މަރުގެ ކޭސްތަކުގެ އަސްލު ޢަދަދު، އެތަ ގުނައެއް އިތުރުވާނެ ކަމަށް ބެލެވެއެވެ.

2.3 މިލިއަން މީހުންގެ ޢާބާދީއެއް އޮތް ޣައްޒާގެ ހުރިހާ އެންމެންހެން މިއަދު ދިރިއުޅެމުން ދަނީ ރެފިއުޖީންގެ ގޮތުގައެވެ. ޣައްޒާގެ ކުޑަކުދިންގެ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބި، 5 އަހަރުން ދަށުގެ ކޮންމެ 10 ކުއްޖަކުން، ގާތްގަނޑަކަށް 1 ކުއްޖަކީ، އެކިއުޓްލީ މެލްނޮރިޝްޑް ޙާލަތުގައި ތިބި ކުދިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް