Advertisement
ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 16:00
ކުނޫޒް ޖަލްސާގައި އަމީން އަދި މަލީހު
ކުނޫޒް ޖަލްސާގައި އަމީން އަދި މަލީހު
ޓްވިޓަރ
ބޮޑު ސުވާލު
މަޖިލީސް ހިސޯރު ކުރުމަށް ދައްކާނެ އިތުރު ހުއްޖަތެއް ނެތް: އަމީން
މަޖިލީހުގައި ތަޅުއެޅުމުން އެއޮތީ ހިސާރު ކުރެވިފައި
މިކަމުގައި ދައްކާނެ އިތުރު އެއްވެސް ހުއްޖަތެއް ނެތް
ޣައިރު ގާނޫނީ އަމުރަކަށް ސަލާމަތީ ހިދުމަތްތަކުން ތަބާވާކަން ނުޖެހޭ

މަޖިލީސް ތަޅު އަޅުވައި މަޖިލީހުގެ މެންބަރުންނަށް އެތަނަށް ނުވަދެވޭގޮތަށް ބަންދު ކުރުމުން މަޖިލީހުގެ އިދާރާ ހިސޯރުކުރެވުނު ކަމާމެދު އިތުރު ހުއްޖަތެއް ދެއްކެން ނެތް ކަމަށް މި ސަރުކާރުގެ ރައީސް އޮފީސް މިނިސްޓަރުކަން ކުރައްވާފައިވާ، އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ބޮޑު ސުވާލު" ގައި ވާހަކަ ދައްވަމުން އަމީން ވިދާޅުވީ، ގާނޫނު އަސާސީގެ 245 ވަނަ މާއްދާގައި އެއްވެސް ފަރާތަކުން، ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކަށް ޣައިރު ގާނޫނީ،އަމުރެއް ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ އަށް ވިޔަސް، ނުވަތަ ވަޒީރަކަށް ވިޔަސް ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކަށް އެފަަދަ އަމުރެއް ނުކުރެވޭނެ ކަމަށާއި އެފަދަ އެއްވެސް އަމުރަކަށް ކިޔަމަން ވެސް ވާން ނުޖެހޭނެ ކަަމަށް އެނާ ވިދާޅުވިއެވެ.

" އޭގެ މާނައަކީ މަޖިލީހުގެ ދޮރު ތަޅުއަޅުވަންދާ ސިފައިންގެ ބޭފުޅާވެސް ޣައިރު ގާނޫނީ އަމުރަށް ތަބާވެގެން ނުވާނެ. އެ އަމުރަށް ތަބާ ނުވުމުގެ ފުރިހަމަ ބާރާއި އިހްތިޔާރު ލިބިގެންވޭ. އެއަށް ތަބާ ނުވުމުގެ ސަބަބުން އެމީހަކަށް އެއްވެސް ކަހަލަ އަދަބެއް ވެސް ލިބިގެން ނުވޭ." އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، ފުލުހުންގެ އެންމެ އަސާސީ ހިދުމަތަކީ މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމުގައިވާ އިރު ގާނޫނުގައި އެފަރާތްތަކުގެ މަސްއޫލިއްޔަތު ވަރަށް ރަގަޅަށް ކިޔާދީފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއަދު ފެނިގެންދަނީ، އެފަދަ މުއައްސަސާތަކުގައި ތިބި ފަރާތްތަކުން އެފަރާތްތަކުގެ މަޤާމު ދިފާއު ކުރުމަށް ނުވަތަ އެނޫންވެސް އެހެން ބޭނުންތަކަށް އުސޫލުތަކުގެ ބޭރުން ކަންކަން ކުރައްވަމުންދާ މަންޒަރު ފެންނަ ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ޖުލައި 24 ވަނަ ދުވަހު ހިނގާ ދިޔަ ހުރިހާ ކަމެއްގެ ޒިންމާ ނަންގަވަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އަބދުﷲ ޔާމީން ކަމަށެވެ.

ޖުލައި 24 ވަނަ ދުވަހު ހިނގާދިޔަ ކަންކަމާއި ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މަޖިލީސް ހިސޯރުކުރި ކަމަށް ވާހަކަ ފެތުރުމަކީ ބޭރު ދުނިޔޭގައި ރާއްޖެ އިތުރަށް ބަދުނާމު ކުރުމަށް ކުރަމުންދާ ގައުމިއްޔަތާ ދެކޮޅު އަމަލެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، މި ސަރުކާރުގެ ޔޫތް މިނިސްޓަރުކަން ކުރައްވާފައިވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމަށް ބަލާއިރު  ސަރުކާރަށް ނިސްބަތްވާ މަޖިލީސް މެންބަރުން ފައިސާ ގޯނި ހިފައިގެން ބަހަމުންދާ ކަމަށް ބުނަމުންދާ އިރު ވެސް އެ ފަދަ ފަރާތްތަކުގެ މައްސަލަ ނުބެލޭ ކަމަށެވެ.

މިއަދު ސަރުކާރުގެ އަމަލުތައް ހުންނަނީ ސަރުކާރާއި ދެކޮޅުވާ ހިސާބުން،އެމީހަކަށް އެކި ކަހަލަ ފިއްތުންތައް ކުރިމަތިކުރުވާއި ބިރުދައްކައިގައި ކޮންމެ މީހެއްވެސް ސަރުކާރު ފަޅީގައި ބެެހެއްޓުން ކަަމަށެވެ. އެގޮތުން ސަރުކާރަށް ފާޑުކިޔާ ފަރާތްތަކާއި މެދު ޓެރަރިޒމްގެ ދައުވާތަކާއި އެހެން ދައުވާތައް ކޮށް އެމީހަކު ޖަލަށްލާ މަންޒަރު މިއަދު ފެންނަމުންދާކަން މަލީހު ފާހަގަކުރެއްވި އެވެ.

މަލީހު ވދާޅުވީ، ސަރުކާރުން ގަބޫލުކުރަންޖެހޭނެ ހަގީގަތަކީ ވެރިކަމަށް އައިސްފައިވަނީ، 51 ޕަސެންޓު ތާއީދު ހޯދައިގެން ކަމަށާއި ވެރިކަމަށް އައި ގިނަ ޕާޓީތަކެއްގެ އެހީތެރިކަމާއި އެކު ކަަމަށެވެ.

ވެރިކަން ރަގަޅަށް ކުރައްވަން ބޭނުންފުޅުވާ ކަމުގައިވާ ނަަމަ، ރައްޔިތުންގެ ބަސް އަޑުއަހާ، ރައްޔިތުންނަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ ކަމަށް މަސީހު ވިދާޅުވި އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް