ކ. މާލެ
|
20 ފެބްރުއަރީ 2024 | އަންގާރަ 19:05
ރައީސް މުއިއްޒު
ރައީސް މުއިއްޒު
ރައީސް އޮފީސް
މަޖިލިސް އިންތިޚާބު 2024
ހަފުތާއެއް ވީއިރު ވެސް މަޖިލިސް އިންތިޚާބު ރޯދަމަހުގެ ފަހުން ބޭއްވުމާގުޅޭ ބިލް ތަސްދީގެއް ނުކުރޭ
 
ރޯދަ މަހު އިންތިޚާބު ބޭއްވުމަކީ އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް އަދި އިދާރާއަކުން ވެސް އެދޭ ގޮތެއް ނޫން

މިހާރު ސިޔާސީ ދާއިރާގެ އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ އެއް ދިމާއަކަށެވެ. މަޖިލިސް އިންތިޚާބު 2024ށެވެ. މިއީ ގައުމުގެ ސިޔާސީ ކުރިމަގު ބައްޓަންކުރުމަށާއި، ގައުމުގެ ކަންކަން އަތުރާލުމަށް ވެސް މުހިންމު އިންތިޚާބެކެވެ. އެހެންކަމަށް ވާއިރު، މިހާރު އޮތްގޮތުން މި އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ މި އަންނަ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ.

ރޯދަ މަހު އިންތިޚާބު ބޭއްވުމަކީ އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް އަދި އިދާރާއަކުން ވެސް އެދޭ ގޮތެއް ނޫނެވެ. ސަރުކާރު ހިންގާ ޕާޓީން ވެސް ގައުމީ ލަފާދޭ ކޮމިޓީގައި ވިދާޅުވަނީ ވެސް ރޯދަ މަހު އިންތިޚާބު ބާއްވަން ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް އަމަލުތައް ބަހައްޓަވަނީ ދިމާ އިދިކޮޅަށެވެ. ނިކަން ބައްލަވާށެވެ. މަޖިލީހުގެ އިންތިޚާބު ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވުމަށް ކޮމިޓީން ފާސްކުރި ދުވަހު، ކޮމިޓީގައި ތިއްބެވި މެމްބަރުން އެ އިސްލާހުތައް ފާސްކުރުމަށް ދެކޮޅު ހެއްދެވިއެވެ. ހަމަ އެގޮތަށް، އިންތިޚާބުތަކާބެހޭ ގާނޫނަށް ގެނައި އިސްލާހު ތަޅުމުން ފާސްކުރުމާ ސަރުކާރު މެމްބަރުން ދެކޮޅުހެއްދެވިއެވެ. ބައެއް ބޭފުޅުން ކުރެއްވީ ވޯކްއައުޓެވެ. އަނެއްބައި މެމްބަރުން އެ ބިލަށް ޖެއްސެވީ ނޯއެވެ.

ދައްކާ ވާހަކައާ އަމަލު ދިމަލެއްނުވެއެވެ. މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބޭއްވުމުގެ އިތުރުން، އިންތިޚާބުތަކާބެހޭ ގާނޫނަށް އިތުރު ބައެއް އިސްލާހުތައް ގެނައުމަށެވެ. އިންތިޚާބުތަކާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކުރީ، އެ މައްސަލައިގައި ދިރާސާ ކުރުމަށް އެކުލާވާލާފައިވާ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނާގޮތުގައި، ރޯދަ މަހު އިންތިޚާބު ބޭއްވުމަކީ އެ ކޮމިޝަނަށް ވެސް މަޖުބޫރު ނިންމުމެކެވެ. އެހެންކަމުން ގާނޫނީގޮތުން ރޯދަ މަހުގެ ފަހުން އިންތިޚާބު ބޭއްވޭގޮތަށް ހަމަޖެހުމުން އެކަމަށް މި ސަރުކާރުން އެވަރަށް ނުރުހެންވީ ސަބަބެއް ނުވިސްނެއެވެ. މި ބިލް މަޖިލީހުގެ ތަޅުމުން ފާސްކުރުމުން، ތަސްދީގު ނުކޮށް ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެކަމަށް ދައްކާ ހުއްޖަތެއް ނުވަތަ އުޒުރެއްވެސް ނެތެވެ.

މަޖިލީހަކީ އަދި މަޖިލީހުން ނިންމާ ނިންމުންތަކަކީ އާދައިގެ ކަމަކަށް މި ސަރުކާރުން ހަދައިފިއެވެ. ބައެއް ބޭފުޅުން ވިދާޅުވާގޮތުން، އަވަހަށް އިންތިޚާބު ބާއްވަން ސަރުކާރުން ބޭނުންވަނީ ކަންކަމުގެ ހަގީގަތް އޮޅުވާލުމަށެވެ. ގިނަ ދުވަސް ވާވަރަކަށް ސަރުކާރުން ދެއްކި ވާހަކައާއި އަމަލު ދިމާނުވެ ބޭޒާރުވާތީއެވެ. މަތި ބަރު ނުވާނެ ކަމަށް ބުނި ސަރުކާރުގެ އަސްލު ސިޔާސީ ފަޑި ބަރު މިންވަރު ފެންނާތީއެވެ. ކުރީ ސަރުކާރުން ދިން ތަނަކުން، ދިން މިންވަރަކަށް ދޭނެކަަމަށް ބުނި ފްލެޓާއި ގޯތި ނުދެވި، އިދާރީ މަރުހަލާގައި ތާށިކޮށްފައި ބަހައްޓާކަން އާއްމުންނަށް އެނގެމުންދާތީއެވެ. އިގްތިސާދު މެނޭޖު ކުރާނެ ގޮތެއް ނެތި، ފެތެމުންދާ ހާލުގައި ސަރުކާރަށް ގޮތް ހުސްވާކަން އެނގިދާނެތީ ތޯއްޗެކެވެ. ކޮންމެއަކަސް ވަރަށް ސާފުކޮށް އެނގޭ ކަމަކީ މި ސަރުކާރުން އިންތިޚާބު ރޯދަ މަހު އަދި އެ ނޫންވެސް ގޮތަަކަށް އަވަހަށް ބާއްވަން ބޭނުންވާ ކަމެވެ. ލަސްކޮށްފިނަމަ ސަރުކާރުން ބޭނުންވާ ނަތީޖާ ނުނެރެވިދާނެ ކަމުގެ ބިރަށްޓަކައެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް، ގަދަ ބާރު ދައްކައިގެން ވެސް މަޖިލީހުގެ މެޖޯރިޓީ ބޭނުންވެގެން އުޅޭކަހަލައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި