ގައުމުގެ ރައީސް އިއްވަވާ ރިޔާސީ ބަޔާނުން ގައުމުގެ ހާލަތާއި، ކުރެވޭ އުންމީދު ހާމަވެގެންދާނެއެވެ. އެގޮތުން މިދިޔަ އަހަރު ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ގައުމުގެ ހާލަތު ބަޔާންކުރައްވައި، ވަރަށް އުންމީދީ ރިޔާސީ ބަޔާނެއް އިއްވަވާފައެވެ. އޭގެ އަހަރެއް ފަހުން އަނެއްކާ ވެސް 06 ފެބްރުއަރީ 2025ވާ ބުރާސްފަތި ދުވަހަކީ އެމަނިފާނުގެ ދެވަނަ ރިޔާސީ ބަޔާން އިއްވަވާ ދުވަހެވެ.
ނަމަވެސް ފުރަތަމަ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ރައްޔިތުންނަށް ދެއްވި އުންމީދާއި، ގައުމަށް ގެނެސްދެއްވަން ވައުދުވެވަޑައިގެންނެވި ތަރައްގީގެ ވައުދުފުޅުތަކުގައި ހަގީގީ ކުލަ ޖެހިގެންދިޔައީ ކިހައި މިންވަރަކަށްތޯ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުން ރައްޔިތުންގެ ދިރިއުޅުމަށް އައި ނަމަ އައި ކުރިއެރުމެއް އައީ ސަޅި ބައިސާތަކުންނެވެ. އެއިން ކަމަކަށް އަމަލީ ސިފައެއްގައި ލިބިފައިނުވެއެވެ.
ރަސްމާލެއާއި، ގުޅީފަޅާއި، ގިރާވަރުފަޅުން އަދި ހުޅުމާލެ ތަރައްގީކޮށް، ފްލެޓާއީ ގޯތި ދޫކުރުން
ރައީސް މުއިއްޒު ރިޔާސީ ބަޔާނުގައި ފާއިތުވި އަހަރުގެ ތެރޭގައި ކޮށްދޭން ވައުދުވެވަޑައިގެންނެވި ބައެއް ކަންކަމަށް ބަލާއިރު، ރަސްމާލެއާއި، ގުޅީފަޅާއި، ގިރާވަރުފަޅުން އަދި ހުޅުމާލެއިން ހިއްކާ ސަރަހައްދުތަކުގެ މަގުތައް ހަދައި، އަސާސީ ޚިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް ވިދާޅުވެފައިވެއެވެ. ގޯތި ލިބޭނެކަމުގެ ލިޔުމެއް، ކުރިން ލިބިފައި އޮތް ހަމަ ކޮންމެ ރައްޔިތެއްގެ ހައްގު ލިއްބައިދޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމަށް، ބިން ހިއްކުމާއި، ގޯތި ދޫކުރުމާއި، ފުލެޓު ބިނާކުރުމުގެ މަޝްރޫއުތައް 2024 ވަނަ އަހަރު ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.
އަޅުގަނޑުމެންގެ އަމާޒަކީ، 5 އަހަރުގެ މި ދައުރުގައި، އަމިއްލަ ހިޔާވަހިކަމުގެ ޙައްޤުން މަޙްރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު އިރާދަކުރެއްވިއްޔާ ނުހުންނާނެކަން ކަށަވަރުކޮށްދިނުން. މާލެ ސަރަހައްދުގައި، ގުޅިފަޅާއި ގިރާވަރުފަޅުން ހިއްކަން ކުރިން ކަނޑައަޅާފައިވާ ވަރަށްވުރެ ބޮޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިއްކާނަން. މާލެ ސަރަހައްދުގައި ހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް އެކަން ހަމަޖައްސައިދެވޭނީ، އަދި ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ހައްލެއްގެ މަގު ފަހިކޮށްދެވޭނީ ރަސްމާލެ މަޝްރޫޢާވެސްއެކު. ރަސްމާލެ ތަރައްޤީ ވެގެންދާނީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ "ސޭފް އައިލެންޑް ސްޓޭންޑަރޑް"އަށް. އަދި "ނެޓް ޒީރޯ ކާބަން އިކޯ ސިޓީ"އެއްގެ ގޮތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމަ އެކްސެސިބިލިޓީ ލިބިދީފައިވާ ފަސޭހަ ސިޓީއެއްގެ ގޮތުގައި.ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ނަމަވެސް މިމަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ދިޔަ މިންވަރު ރައްޔިތުންނަށް އޮތީ ފެންނާށެވެ. އެ ވާހަކަފުޅުތައް ވިދާޅުވި ގޮތައް ނުވާ ކަމީ ފެންނަން އޮތް ހަގީގަތެކެވެ. އަދި ކުރީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި ގޯތި ވެސް ވަނީ ދޫނުކޮށް ހިފަހައްޓާފައެެވެ. ބަހަނާ އަކަށް ފަހު ބަހަނާ އެއް ދައްކާ ރައްޔިތުން ގަނަތެޅުވުން ނޫން ކަމެއް ސަރުކާރުން ކޮށްފައެއް ނުވެއެވެ. އެކަމުގެ ކަންބޮޑުވުންތަކާއެކު އާއްމު ރައްޔިތުން ދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ވެސް ކުރަމުންނެވެ.
ކައުންސިލްތައް ބާރުވެރިކޮށް، ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރުން
ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތަކުން ހިންގާ ޚާއްސާ މަޝްރޫއުތަކެއްގެ ގޮތުގައި ކުނި ނައްތައިލުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި 2024 ވަނަ އަހަރު 56 ރަށެއްގައި، އާ ކުނިކޮށި އަޅައިދެވޭނެ ކަމަށެވެ. އަހަރު ނިމުނު އިރުވެސް ހަމަ އެލަވަ އެގޮތައް ވިދާޅުވުން ނޫން ކަމެއް ނުވިއެވެ. އަމަލީ ސިފައެއް ނުޖެހުނެވެ.
ހަމައެއާއެކު، ކައުންސިލްތަކުން ހިންގާ ޚާއްޞަ މަޝްރޫޢުތަކެއްގެ ގޮތުގައި ކުނި ނައްތައިލުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގު އިރާދަކުރެއްވިއްޔާ ފަހިކޮށްދޭނަން. މި އަހަރު 56 ރަށެއްގައި، އާ ކުނިކޮށި އަޅައިދެވޭނެ. 16 ރަށެއްގައި ކުނިކޮށި އަޕްގްރޭޑް ކޮށްދެވޭނެ. 93 ރަށަކަށް ކަލެކްޝަން ވެހިކަލް ހޯދައިދެވޭނެ. އަދި މެޝިނަރީއާއި އިކްއިޕްމަންޓް 71 ރަށަކަށް އިރާދަކުރެއްވިއްޔާ ހޯދައިދެވޭނެ. އަދި މިނޫނަސް، ކޮންމެ ރަށެއްގައި، އެ ރަށަކާ އެކަށޭނަ ކަސްރަތުކުރާ ތަނަކާއި، ޕާކަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ޒުވާނުންގެ މަރުކަޒުތައް ފަދަ ތަންތަން އިރާދަކުރެއްވިއްޔާ ގާއިމުކުރާނަން.ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
އާސަންދަ ނިޒާމު ހަރަދަނާކޮށް، ސިއްހީ ނިޒާމު އައު ހަރުފަތަކަށް
އާސަންދަ ނިޒާމު ހަރަދަނާ ކުރުމާ ގުޅޭގޮތުން ވެސް ރައީސް މުއިއްޒު ރިޔާސީ ބަޔާނުގައި އަލިއްޅުއްވާލެއްވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ އާސަންދަ ނިޒާމަކީވެސް، އޭގެ ހައްގުވެރި ފަރާތްތަކަށް އިސްކަން ލިބޭ ނިޒާމަކަށް ބަދަލުކުރާނެ ކަމަށެވެ.
އެންމެ ފޯރުންތެރިކަން ހުރި ފަރާތްތަކުން ލިބިގަންނަ ޚިދުމަތްތަކަށްވެސް ސަރުކާރަށް ބަރޯސާވާ ގޮތަށް ހަމަޖެހިފައި އޮތުމަކީ، މާލިއްޔާއަށް ބުރަ ބޮޑުވާ ކަމެއް. އަދި ނިޒާމު މިހާރު އެކުލަވައިލެވިފައިވާ ގޮތުން، އިސްރާފުވެސް މިވަނީ އިންތިހާއަށް އިތުރުވެފައި. ވީމާ، އާސަންދަ ނިޒާމަކީވެސް، އޭގެ ޙައްޤުވެރި ފަރާތްތަކަށް އިސްކަން ލިބޭ ނިޒާމަކަށް އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން. މި ބަދަލާއެކު، މާލިއްޔާއަށް ލިބޭ ޖާގައިން، ޞިއްޙީ ފަރުވާގެ ފެންވަރު އިތުރުކޮށް، މިހާރު މި ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދަން އަޅުގަނޑުމެންނަށް ފިސްކަލް ޖާގަ ލިބިގެންދާނެ.ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ސަރުކާރުން އާސަންދަ ނިޒާމަށް ގެނައި ބަދަލާއެކު މިހާރު އާސަންދަ ޚިދުމަތް އާއްމު ރައްޔިތުންނަށް ނުލިބޭ ޝަކުވާ ވަނީ ބޮޑުވެފައެވެ. ބޭސް ސިޓީ އަށް ސަލާން ޖެހުން އާންމު ވެއްޖެއެވެ. ޑޮކްޓަރަށް ދައްކަން ކުރާ ހޭދަ އެތައް ގުނައެއް އިތުރުވެއްޖެއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލް ބިނާކުރުމަށް ސަރުކާރުން 2024 ފަށާ މަޝްރޫއު ފުރިހަމަވުމުން، މާލެ ނައިސް، ރަށާ ކައިރިން ސިއްހީ ފަރުވާ ހޯދޭނެ މަގު ފަހިވާނެ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލް ބިނާކުރުމަށް ސަރުކާރުން މި އަހަރު ފަށާ މަޝްރޫޢު ފުރިހަމަވުމުން، މާލެ ނައިސް، ރަށާ ކައިރިން ޞިއްޙީ ފަރުވާ ހޯދޭނެ މަގު އިރާދަކުރެއްވިއްޔާ ފަހިވާނެ. ނަފުސާނީ ބަލިތަކަށް ފަރުވާދޭ ޚާއްޞަ ހަސްފަތާލެއް، ލ. އަތޮޅުގައި ތަރައްޤީ ކުރެވިގެންދާނެ. އަދި ކެންސަރަށް ފަރުވާދޭ ޚާއްޞަ ހަސްފަތާލަކާއި، ތެލަސީމިއާ ކުދީންނަށް ފަރުވާދޭ ޚާއްޞަ ހަސްފަތާލަކާއި، އަންހެނުންނާއި ކުޑަކުދީންނަށް ފަރުވާދޭ ޚާއްޞަ ހަސްފަތާލެއް، މި ދައުރުގައި މާލެ ސިޓީގައި އިރާދަކުރެއްވިއްޔާ ބިނާކުރާނަން. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުރިހަމަކުރަން ޒަމާނީ އިތުރު ބިނާއެއް ބިނާކޮށް، ވިލިމާލޭގައިވެސް 100 އެނދުގެ ޓާޝަރީ ހަސްފަތާލެއް އިރާދަކުރެއްވިއްޔާ އަޅާނަން. އައްޑޫ ހިތަދޫގައި ހުރި ހަސްފަތާލު އަދި ކުޅުދުއްފުށީގައި ހުރި ހަސްފަތާލުގެ ފެންވަރު މަތިކޮށް، މާލެ ނައިސް މައިގަނޑު ހުރިހާ ފަރުވާއެއް ލިބޭ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ. އަޅުގަނޑުމެންގެ ތަސައްވުރާ އެއްގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކަންކަން ފުރިހަމަވާއިރު، ރާއްޖެއިން ބޭރަށް ނުގޮސް، ގިނަ ޞިއްޙީ ފަރުވާތައް ހޯދޭނެ. އަދި ފަރުވާ ހޯދުމަށް ހަސްފަތާލުތަކުގައި ކިޔޫގައި ގިނަދުވަހު އިންތިޒާރުކުރަން ނުޖެހި، އިރާދަކުރެއްވިއްޔާ އަވަސް ޚިދުމަތް ލިބެން ފަށާނެ.ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ނަމަވެސް 2024 ވަނަ އަހަރު ނިމިގެންދިޔައިރު ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީ ކުރުމުގެ މަޝްރޫއެއް ހިންގާފައިނުވެއެވެ. އަދި ސިއްހީ ޚިދުމަތް ހޯދުމަށް ރައްޔިތުންނަށް ވަނީ އިތުރަށް އުދަނގޫތަކާ ކުރިމަތިވެފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކޮށް، ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުން
ރައީސް މުއިއްޒު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު 2024 ވަނަ އަހަރު ނިމި، އައު އެއަރލައިންތަކަށް ރާއްޖެއަށް ދަތުރުތައް ފަށަން ފުރުސަތު ދެވޭނެ ކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ނިމި، އައު އެއަރލައިންތަކަށް ރާއްޖެއަށް ދަތުރުތައް ފަށަން ފުރުޞަތު ދެވުމުން، މެދުރާސްތާގައި މި އަދަދު އަހަރަކު އެވުރޭޖުކޮށް 10.3 އިންސައްތައިން ދާނީ ކުރިއަރަމުން ކަމަށް ބެލެވޭ. މުޅި އިޤުތިޞާދު ސިންދަފާތު ކުރުމުގެ މަސައްކަތުގެ މުހިންމު އެއް ބައެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ، ރާއްޖެއަށް އެ ދާއިރާއަކުން އެންމެ ބޮޑު ކޮމްޕެރަޓިވް އެޑްވާންޓޭޖެއް ލިބިފައި މި އޮތް ފަތުރުވެރިކަމުގެ ދާއިރާވެސް ސިންދަފާތު ކުރުން.ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރުމަށް އެންމެ އިސްކަމެއްދޭންޖެހޭ އަނެއްކަމަކީ، ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުން ކަމަށާއި، އައު 2 އެއަރޕޯޓުގެ މަސައްކަތް، 2024 ވަނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ.
ޖަޒީރާ ރަށްތަކެއްގެ މައްޗަށް ރާއްޖެ އެކުލެވިފައި އޮތްއޮތުމާއި، ވަށައިގެން މި އޮތް މާކަނޑުގެ ބިޔަކަމާއެކު، ރާއްޖޭގެ އިޤުތިޞާދު ވަރުގަދަކުރުމަށްޓަކައި އެންމެ އިސްކަމެއްދޭންޖެހޭ އަނެއްކަމަކީ، ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުން. މިހާރު ބިނާކުރަމުންދާ ޑޮމެސްޓިކް އެއަރޕޯޓުތަކުގެ މަސައްކަތް ނިންމަމުން ދިޔުމުގެ އިތުރަށް، އައު 2 އެއަރޕޯޓުގެ މަސައްކަތް، މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަށާނަން. އެންމެ ޒަމާނީ، އެންމެ ރައްކައުތެރި ހެލިކޮޕްޓަރުގެ ޚިދުމަތް، ރާއްޖޭގައި ފެށުމަށް، ދާދި މިދާކަށް ދުވަހު ކެބިނެޓުން ވާނީ ނިންމާފައި. އެކަމާ ގުޅޭ މަސައްކަތް މިހާރު ވަނީ ފެށިފައި. ހަމައެއާއެކު، އެއްގަމު ދަތުރުފަތުރު ކުރާ ޓެކްސީތަކުގެ ޚިދުމަތް ހަރުދަނާކުރާނަން.ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
މިސަރުކާރަށް އެއާޕޯޓެއްގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައިނުވާއިރު، ކުރީ ސަރުކާރުގައި ފަށާފައިވާ އެއަރޕޯޓު ތަކުގެ މަސައްކަތްތައް ވެސް ވަނީ ހުއްޓިފައެވެ. ކުރިއަށްދާ މަދު މަސައްކަތެއްވެސް ދަނީ ފިނިހަކަ ދުވެލީގައެވެ. އާރްޓީއައި ލޯންޗު ފެރީގެ ޚިދުމަތް ވެސް މުޅި ރާއްޖެއަށް ތަރައްގީ ކުރެވިފައިނުވެއެވެ.
ގެއްލުނު ކަނޑު އަނބުރާ ހޯދުން
މީގެ އިތުރުން ގެއްލުނު ކަނޑު އަނބުރާ ހޯދުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ ހަމަތަކުގެ މަތީން އަލުން އެދި، ވަކާލާތުކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުމުގެ މަސައްކަތް، ތަޖުރިބާކާރުންގެ ޓީމަކުން ހަލުހި ކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މި މަސައްކަތުގައި ސަރުކާރުން ހަރަދުތަކެއް ކުރި ނަމަވެސް ނަތީޖާއެއް ފެންނާކަށް ނެތެވެ.
ރައްޔިތުންގެ ވިޔަފާރިތައް ފުޅާކޮށް، ލުއި ގޮތުގައި ލޯނު ދޫކުރުން
ރައީސް މުއިއްޒު ވިދާޅުވީ ވިޔަފާރި ފުޅާކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ. އެގޮތުން ވަކީން ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން އިސްކަން ދޭނެ ކަމަށާއި، އެފަދަ ވިޔަފާރިތަކަށް ބޭނުންވާނެ ލޯނު ދޫކުރާނެ ކަމަށެވެ. ނަމަވެސް ކުދި ވިޔާފާރިތައް ފުނޑި ބައެއް ވިޔާފާރިތައް މުޅިން ވަނީ ހުއްޓުމަކަށް އައިސްފައެވެ. ލޯނު ނުދޭތާ ސަރުކާރުން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ވެސް ގަވައިދުން ދީފައެއް ނުވެއެވެ.
ވިޔަފާރި ފުޅާކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް މި އަހަރު ދޭނަން. ވަކީން ޚާއްޞަކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން. އެފަދަ ވިޔަފާރިތަކަށް ބޭނުންވާނެ ލޯނު ދޫކުރަން. މިގޮތުން، ކަނބަލުން ވިޔަފާރި މައިދާނަށް ނެރުމަށް 100 މިލިއަން ރުފިޔާގެ ލޯނު، ކުރިއަށް މި އޮތް މާރިޗު މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ދޫކުރަން ފަށާނަން. މީގެތެރެއިން 25 އިންސައްތަ ޚާއްޞަކުރެވިގެންދާނީ، ކަނބަލުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޫކުރުމަށް.ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ޓޫރިޒަމްގެ ދާއިރާ އިތުރު ފުރުސަތުތައް ފަހިކޮށްދީ، އައު 20 ރިޒޯޓް ހުޅުވުން
ރައީސް މުއިއްިޒު ވިދާޅުވީ ޓޫރިޒަމްގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ، އައު 20 ރިޒޯޓް، 2024 ގައި ހުޅުވާނެ ކަމަށާއި، ނުހެދި ހުރި ރިޒޯޓުތައް ނިންމަން ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. މިއިން އެއްކަމެއްވެސް އަހަރު ނިމުނު އިރު ހިނގާފައެއް ނުވެއެވެ.
ޓޫރިޒަމްގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ، އައު 20 ރިޒޯޓް، މި އަހަރު ހުޅުވައި، 2800 އަށްވުރެ ގިނަ އެނދު އުފެދިގެން ދިޔުން. ނުހެދި ހުރި ރިޒޯޓުތައް ނިންމަން ފުރުޞަތު ފަހިކޮށްދިނުން. ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާ ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްޤީކުރުމަށް ހުރި ދަތިތަކާއި، ހުރަސްތައް ބަލައި، އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި.ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރިޔާސީ ބަޔާން ނިންމަވާލައްވަމުން ރައީސް މުއިއްޒު ވިދޅާުވީ ތަސައްވުރުގައި މިހުރި ގިނަ އިގްތިސާދީ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް 2024 ވަނަ އަހަރު ފަށައިގަނެވޭނެ ކަމަށެވެ. މިއިން ކޮންމެ މަޝްރޫއެއް ފެށުމާއެކު، ރާއްޖޭގެ އިގްތިސާދަށް އޭގެ މަންފާކުރާނެ ކަމަށާއި، ވަޒީފާއާއި އާމްދަނީގެ މަގުތައް ހުޅުވިގެންދާނެ ކަމަށެވެ. ރައްޔިތުންނަށް ތިޔާގިކަމާއި ތަނަވަސްކަން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ނަމަވެސް 2024 ވަނަ އަހަރު ނިމި، 2025 ވަނަ އަހަރު ފެށިގެން ދިޔައީ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި އެއްވެސް ވައުދެއް ނުފުއްދިއެވެ. މަޝްރޫއުތައް ކުރިއަށް ނުގެންދިއުމުގައި ކުރީ ސަރުކާރު ބަދުނާމުކޮށް، ދައްކަމުންދިޔައީ ހުސްވެސް އުޒުރެވެ. 2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި 55 ބިލިއަން ބަޖެޓު ހުސްވެ، ބަޖެޓުން ކުރި އެއްވެސް މަސައްކަތެއް ފެންނާކަށް ނެތެވެ.
މީގެ އިތުރުން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، އިސްތިސްނާ ހާލަތްތައް ފިޔަވައި، ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކޮށްފައިވާ އަދަދު އިންތިހާއަށް ވީ އިތުރެވެ. ސިޔާސީ މަގާމުތައް 700ށް ވުރެ އިތުރު ނުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި 1500ށް ވުރެ ގިނަ މީހުން ތިބި ކަމަށް ބެލެވެއެވެ. އޭގެ ތެރެއިން ގިނަ މީހުން ކުރާނެ މަސައްކަތެއްވެސް ނެތެވެ. ސަރުކާރުގެ ހިންގުމުގެ ޚަރަދު އިންތިހާ އަށް ބޮޑުވި ނަމަވެސް އެފަރާތްތަކަށް ހާހުން ދަނީ މުސާރަ ދެމުންނެވެ.
''އަޅުގަނޑުމެން މި ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދާނީ، ދެފުށް ފެންނަގޮތަށް. ހާމަކަން ބޮޑުކޮށް. ނޫސްވެރިއަކަށްވެސް، ރައްޔިތަކަށްވެސް އަޅުގަނޑުމެން ފޮރުވާނެ ކަމެއް ނޯންނާނެ.''ރައީސް މުއިއްޒު މިހެން ވިދާޅުވި ނަމަވެސް މިއަދާ ހަމައަށް ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ވެސް ވަނީ ސިއްރުކޮށްފައެވެ. އަދި ރައީސް މުއިއްޒު ސަރުކާރު ފެނިގެންދަނީ ސިއްރުކަން ބޮޑު އަނދިރި ވެރިކަމެއްގެ ގޮތުގައެވެ. އާރުޓީއައި ހުށަހަޅައިގެން ނޫން ގޮތަކަށް މައުލޫމާތެއް ލިބޭނެ ގޮތެއް ނޯވެއެވެ.
2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ދެއްކެވި ފޮނި ވާހަކަތައް ވެގެން ދިޔައީ ހަމަ ހަގީގަތުގައިވެސް ސަޅިބައިސާ އަށެވެ.