ސަރުކާރުގެ އާމްދަނީގެ ގޮތުގައި ޖޫން މަހު 1.2 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ހަރަދުކޮށްފައިވަނީ 1.5 ބިލިއަން ރުފިޔާ ކަމަށް ސަރުކާރުގެ އިގްތިސާދީ މުރާޖައާ ރިޕޯޓުން ދައްކައިފި އެވެ.
މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ އެމްއެމްއޭ އިން ނެރެފައިވާ ޖުލައި މަހުގެ އިގްތިސާދީ ރިވިއުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އާމްދަނީ 1.2 ބިލިއަން ރުފިޔާ ލިބިފައިވާ އިރު މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާ އިރު މިއީ 379.9 މިލިއަން ރުފިޔާގެ ދަށްވުމެެކެވެ.
މިއަހަރުގެ ޖޫން މަހުގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޓެކްސް އާއި ޓެކްސް ނޫން ގޮތުގައި ލިބުނު އާމްދަނީވެސް ދަށްވުމެވެ.
ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ މައިގަނޑު ގޮތެއްގައި ދަށްވެފައިވަނީ، ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ދައްކަން ޖެހޭ މުއްދަތު އިތުުރުކުރުމުގެ އިތުރަށް މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުގާއި ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބުނު އާމްދަނީ ދަށްވެފައިވަނީ ބިން ވިއްކައިގެން ލިބުނު އާމްދަނީ ދަށްވުމާ ގުޅިގެން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
ސަރުކާރުން ހަރަދުކޮށްފައިވާ ގޮތަށް ބަލާ އިރު ހަރަދުވެސް ވަނީ މިދިޔަ އަހަރުގެ ޖޫން މަހަށްވުރެ ދަށްވެފަ އެވެ. އެގޮތުން، 735.1 މިލިއަން ރުފިޔާ ހަރަދުން ވަނީ ދަށްވެފަ އެވެ. މި މުއްދަތުގައި ސަރުކާރުގެ ހަރަދުތައް ދަށްވެފައިވަނީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމުގެ މަޝްރޫއުތަކަށް ކޮށްފައިވާ ހަރަދު ދަށްވުމާއި ގުޅިގެންނެވެ. އަދި ރިކަރަންޓް ހަރަދު ދަށްވުމުގެ މައިގަނޑު ސަބަބަކީ ސަރުކާރު ހިންގުމުގެ ހަރަދު ދަށްވުމާ ގުޅިގެން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
ދައުލަތު ހަރަދު ދަށްވެފައިވާ އިރު 2017 ވަނަ އަހަރަށް އަންދާޒާކުރާ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ވަނީ 4.7 ޕަސެންޓެވެ.މީގެ ކުރިން 2016 ވަނަ އަހަރުގެ ނިއަލަށްވެސް ރާއްޖޭގެ ދަރަނި ހުރީ، 36.9 ބިލިއަން ރުފިޔާގަ އެވެ. އެެއީ ގައުމުގެ އުފެއްދުންތެރި ކަމުގެ ނިސްބަތަށް ބަލާ އިރު ދަރަނީގެ މިންވަރަކީ 64 އިންސައްތަ އެެވެ. އެއީ 2015 ވަނަ އަހަރުގެ ނިއަލަށް ޖުމްލަ ދަރަނި ހުންނަ މިންވަރަށް ވުރެ 11 އިންސައްތަ އިތުުރު މިންވަރެކެވެ. މިއަހަރު ނިމުމުގެ ކުރިން 41.6 ބިލިއަން ރުފިޔާއަށް ރާއްޖޭގެ ދަރަނި އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.