ކ. މާލެ
|
18 ފެބްރުއަރީ 2024 | އާދީއްތަ 12:49
1948 ވަނަ އަހަރު ފަލަސްޠީނުން ފައިބަން މަޖުބޫރުވި ރެފިއުޖީންގެ ދަރިފަސްކޮޅަށް އުފަން ޑރ ރައޫފުގެ ބެލުމުގެ ދަށުގައި މިހާރު، ޣައްޒާގެ 8 ކުދިން އެބަ ތިބި
ފަލަސްތީނު އިސްރާއީލް ހަނގުރާމަ
ލެޔާއި ފުރާނަ ގުޅިފައި އޮތް ފަސްގަނޑުގެ ޙައްޤުގައި ޑރ ރައޫފު!
ޑރ ރައޫފްއަކީ ކުޑަކަމުދާ ނިޒާމަށް ޚާއްޞަ އޮޕަރޭޝަން ޑޮކްޓަރެއް، އަނިޔާ ލިބިފައިވާ ކުދިން ބަލައި، މިޞްރަށް ދަތުރުކުރީ ޚުދު ރައޫފް
ފެބްރުއަރީ 12 ވަނަ ދުވަހު ޖެނީވާއަށް ގެންދިޔަ ކުދިންނަކީ، ޑރ ރައޫފުގެ ބެލުމުގެ ދަށުން ޖެނީވާއަށް ގެންދިޔަ 2 ވަނަ ގުރޫޕް

މުއްސަނދި ކަމާއި ތަނަވަސްކަން، އާރާއި ބަރު، މަޤުބޫލުކަމާއި ތަރުހީބު ލިބޭ މިންވަރު އިތުރުވާ ހިސާބުން ތިބާއަށް ވުރެ ނިކަމެތީން ހަނދާން ނެތިކޮށްލާ މީހުންގެ ވާހަކައަކީ ދައްކާ ކޮޅުންލާނެ ވާހަކައެއް ނޫނެވެ. ނުވިތާކަށް އެކަން ބަދަލު ކުރުންވެސް ވާނީ ފިސާރި އުނދަގޫ ކަމަކަށެވެ. އެ ހުރިހާ ލައްޒަތަކާއި، ޢިއްޒަތާއި ޝަރަފު ލިބިފައި އޮވެމެވެސް، އެންމެ ނިކަމެތި، ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚުތުންނަށް އެހީވާން ޢަމަލީ ގޮތުން މަސައްކަތަށް ނިކުންނަ މީހުންވެސް އުޅެއެވެ. ސުވިޓްޒަރލަންޑްގެ ޑޮކްޓަރ، ރަޢޫފު ސަލްޠީއަކީ އެފަދަ އެކަކެވެ.

ނިރުބަވެރި އިޒްރޭލުން، ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި އަނިޔާ ލިބެމުން ދާ ކުޑަކުދިންނަށް އެހީ ފޯރުކޮށްދިނުމަށް، އޭނާއަށް ޣައްޒާއަށް ނުވަދެވޭނެކަން އެނގުނު ހިސާބުންވެސް ޑރ ރައޫފު، އުންމީދު ކަނޑައެއް ނުލައެވެ. އަނިޔާ ލިބެމުންދާ ކުޑަކުދިންތައް، އޭނާ ދިރިއުޅެމުންދާ ސުވިޓްޒަރލަންޑްގެ ވެރިކަން ކުރާ ޖެނީވާއަށް ގެނެސް، އެ ކުދިންނަށް ދޭންޖެހޭ ޞިއްޙީ ފަރުވާތައް ދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ޢަޒުމު ކަނޑައެޅިއެވެ.

ސަރުކާރުތަކާއި ކަމާއި ބެހޭ ފަރާތްތަކުން ހޯދަން ޖެހޭ އިޒުނަޔާއި ހުއްދަތައް ހޯދަން ކުރި ހައިޖާނު ބޮޑު، ބުރަ މަސައްކަތަށް ފަހު، 4 ކުއްޖަކު ޖެނީވާއަށް ގެންގޮސްގެން ފަރުވާ ދިނުމުގެ ހުއްދަ، ޑރ ރައޫފަށް ލިބުނެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ކުއްޖަކީ އެއް ކިޑްނީ ހަލާކުވެ، ފައިވެސް ބުރިކޮށްލާފައި ވާ، 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. 4 ކުދިންވެސް ސުވިޓްޒަރލަންޑްއަށް ދަތުރު ކުރީ ޣައްޒާއިން މިޞްރަށް އެތެރެވުމަށް ފަހު، މިޞްރު މަގުންނެވެ.

ހަމަޖެހިލެވިއްޖެ! ހަމަޖެހިލެވިއްޖެ، ވަރަށް އުފާވެސްވެއްޖެ. ދަތުރުގެ ކަންކަން ވަރަށް ރަނގަޅަށް ދިޔައީ. ކުދިންކޮޅު މިތިބީ މިތާ. ފުރާނައެއް ސަލާމަތް އެ ކުރެވުނީ. ފޭލިގެތަކާއި، ބޮމުގެ ޙަމަލާތަކާ ދުރުގަ އެ ތިބީ، އަމާން، ސުލްޙަވެރި ވެއްޓެއްގަ... "ކުޑަކުދިން ތިބީ ޝޮކެއްގަ، މައިންގެ ޙާލު އަދި މާ ގޯސް. އެތަނުން އެކަކު ވާހަކަވެސް ނުދައްކާ. ނުވެސް ދެއްކެނީ. ކޮންމެވެސް ހުރަހެއް އުޅޭހެން ހީވަނީ. އެ އެބަޖެހޭ ނައްތާލަން، އޭރުންތާ އެ ހިތުގަ އޮތް އެއްޗެއް ބޭރުކޮށްލެވޭނީވެސް.
ރައޫފު ސަލްޠީ؛ ސުވިޓްޒަރލަންޑްގެ ޔޫރޮލޮޖިކަލް ސަރޖަންއެއް

ޑރ ރައޫފްއަކީ ޔޫރޮލޮޖީ ސަރޖަންއެކެވެ. ނުވަތަ ކުޑަކަމުދާ ނިޒާމަށް ޚާއްޞަ އޮޕަރޭޝަން ޑޮކްޓަރެކެވެ. އަނިޔާ ލިބިފައިވާ ކުދިން ބަލައި، މިޞްރަށް ދަތުރުކުރީ ޚުދު ރައޫފްއެވެ. މިޞްރުން ފުރައިގެން ޖެނީވާއަށް ކުރި ދަތުރު ނިންމާ، އެއަރޕޯޓަށް ފޭބުމާއެކު އޭނާގެ ޓީމުން ވަނީ ހޫނު މަރްޙަބާއެއް ކިޔާފައެވެ. އޭރުވެސް ޑރ ރައޫފު ހުރީ އިޒްރޭލުން ބިމާ ހަމަކުރި ޢިމާރާތްތަކުގެ ތެރެއިން ޢިމާރާތެއްގެ ގައުކުނޑިތަކުގެ ދަށުން ސަލާމަތް ކުރި، 17 މަހުގެ ޒައިނާ އުރާލައިގެންނެވެ. ޒައިނާއަކީ ވައިޑް-އައި، ނުވަތަ ކަނާތާއި ވާތު ލޮލާ ދެމެދު، އާދަޔާ ޚިލާފު ދުރުމިނެއް ހުންނަ ގޮތަށް އުފަންވި ކުއްޖެކެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރާ އެންޖީއޯއެއް ކަމަށްވާ ޗިލްޑްރަންސް ރައިޓް ފޮރ ހެލްތުކެއަރގެ މިޝަންއެއްގައި، އޮކްޓޯބަރ 19، 2023 ގައި ޑރ ރައޫފް ޣައްޒާއަށް ދަތުރު ކުރަން އޮތީ ތާވަލު ކޮށްފައެވެ. ނަމަވެސް އޮކްޓޯބަރ 7 ވަނަ ދުވަހުގެ ޙަމަލާއާ ވިދިގެން އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމާ ހެދި މިޝަން ކުރިއަށް ނުގެންދާން ނިންމިއެވެ. އެ ދަތުރަކީ ތުއްތު ކުއްޖެއްގެ ކިޑްނީ އޮޕަރޭޝަން ކުރަންވެސް ރާވާފައި އޮތް ދަތުރެކެވެ.

އޮކްޓޯބަރ 19ގަ ޣައްޒާއަށް މިޝަންއެއްގެ ދަތުރު ކުރަން، އޭގެ 2 މަސް ކުރިން ހަމަޖެހިފަ. ޓިކެޓްވެސް ގަނެފަ އޮތީ. ހުރިހާ ކަމެއް އޮތީ ތައްޔާރުވެފަ ޤަތުލުޢާންމު ފެށިއިރު. ދެވޭނެ ކަމަށް ކުޑަ ދުވަސްކޮޅަކު މަޑުވެސްކޮށްލިން، އެކަމަކު ދަތުރު ކެންސަލްވީ އެންމެ ފަހުން. ކޮންމެ ފަހަރަކުވެސް ހިތަށް އެރީ ހަފުތާ، ނޫނީ 2 ހަފުތާއެއް ތެރޭ ޤަތުލުޢާންމު ހުއްޓިދާނޭ. އެކަމަކު، ޙާލަތު ގޯހުން ގޯހަށް ދާން ފެށީމަ އަހަރެން ނިންމީ، މި ފަހަރު މިޝަންއަކަށް ވާނީ އެކޮޅަށް ގޮސް، ކުދިން މިކޮޅަށް ގެނައުމޭ. އިންސާނިއްޔަތަށް އަހަރެން އަދާކޮށްދޭންޖެހޭ ޒިންމާތައް ފުރިހަމަކޮށްދެވޭތޯ މަސައްކަތްކުރާނީއޭ.
ރައޫފު ސަލްޠީ؛ ސުވިޓްޒަރލަންޑްގެ ޔޫރޮލޮޖިކަލް ސަރޖަންއެއް

4 މަހަށް ވުރެ ގިނަ ދުވަހަށް ދިގުލައި ގޮސްފައިވާ ޤަތުލުޢާންމުގައި ފަލަސްޠީނުން މަރުވި މީހުންގެ ޢަދަދު، 29000 އާ ގާތް ކުރާ އިރު، އޭގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.

ކުޑަ ކުދިންނާ ބެހޭ އދގެ ޖަމިއްޔާ (ޔުނިސެފް) އިން ބުނި ގޮތުގައި، ޣައްޒާގައި ތިބި ހުރިހާ ކުދިންވެސް ތިބީ ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައެވެ. އަދި 17000 އެއްހާ ކުދިންނަކީ މިހާރު އެކަނި ދިރިއުޅެން ޖެހިފައިވާ ނުވަތަ ޤަތުލުޢާންމުގައި ޢާއިލާ ވަކިވެފައިވާ ކުދިންކަމަށްވެސް ޔުނިސެފްއިން އަންދާޒާ ކުރެއެވެ.

ފެބްރުއަރީ 12 ވަނަ ދުވަހު ޖެނީވާއަށް ގެންދިޔަ ކުދިންނަކީ، ޑރ ރައޫފުގެ ބެލުމުގެ ދަށުން ޖެނީވާއަށް ގެންދިޔަ 2 ވަނަ ގުރޫޕެވެ. 1948 ވަނަ އަހަރު ފަލަސްޠީނުން ފައިބަން މަޖުބޫރުވި ރެފިއުޖީންގެ ދަރިފަސްކޮޅަށް އުފަން ޑރ ރައޫފުގެ ބެލުމުގެ ދަށުގައި މިހާރު، ޣައްޒާގެ 8 ކުދިން އެބަ ތިއްބެވެ.

16 އަހަރުގެ ޔޫސުފްގެ ފައި ބުރިވެ، ކިޑްނީ ހަލާކުވީ އިޒްރޭލުން ދިން ޙަމަލާއެއްގައި ފިތިގެންނެވެ. މުޅި ކުއްޖާވެސް މިހާރު އޮތީ ހިކި އަނަރޫފަވެފައެވެ. ބަރުދަނުގައި ހުރީ އެންމެ 30 ކިލޯއެވެ. ނިރުބަވެރިންގެ ޙަމަލާގައި ބުރިވި ފައިގެ ބާކީ ބައި ބުރކޮށްލީ ޣައްޒާގައި ތިބި ޑޮކްޓަރުންނެވެ. ޔޫސުފްގެ ހަށިގަނޑުގައި ބާރު ޖައްސާ، މަސްނޫޢީ ފައެއް ޖެހުމުގެ ފަރުވާވެސް ދޭން ޖެހެއެވެ.

ޔޫސުފްއާއެކު އޭނާގެ މަންމަ، އިކްރާމްވެސް ވަނީ ޖެނީވާއަށް ދަތުރު ކޮށްފައެވެ. ނަމަވެސް، ޢާއިލާގެ ބާކީ މެންބަރުން، ފޭލިގެއަކަށް ދޫކޮށްލާފައެވެ. އެނޫން ގޮތެއް ނެތީއެވެ.

17 މަހުގެ ޒައިނީއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އަލް-ޝިފާ ހޮސްޕިޓަލުގައެވެ. އެއީ މުޅި ޣައްޒާގައިވެސް ހުރި އެންމެ ވަރުގަދަ ހޮސްޕިޓަލެވެ. ނަމަވެސް، އިޒްރޭލުން ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި އެ ހޮސްޕިޓަލުވެސް ސުންނާފަތިކޮށްފައެވެ.

ޒައިނީގެ ކުޑަކުޑަ ވާތް މިހާރު އޮންނަނީ ސްލިންގެއްގައެވެ. އެތައް ތަނެއްގައި ރެނދުލާފައި ވާ އިރު، ޑޮކްޓަރުން ވަނީ ކަފާ ނުލާ ދެވެން ހުރި ފަރުވާތަކުގެ އެހީގައި ރެނދު ބެއްދޭތޯ މަސައްކަތް ކޮށްފައެވެ.

ޑރ ރައޫފުގެ ބެލެހެއްޓުމުގެ ދަށުން ޖެނީވާއަށް ގެންދިޔަ ޣައްޒާގެ ކުދިންނަށް، ބޭސްފަރުވާ ކުރުމަށް ދޫކޮށްފައި ވަނީ 90 ދުވަހުގެ ވިސާއެކެވެ. އެކަން އެހެން އޮތް ނަމަވެސް، ހަނގުރާމައިގެ މައިދާނަކަށް ކުދިންތައް ފޮނުވާލިޔަ ނުދޭނެ ކަމަށް ޑރ ރައޫފު ވަނީ ބުނެފައެވެ.

އަހަރެމެންނަށް ލިބުނީ މެޑިކަލް ވިސާ، އެހެންވީމަ ޝެންގެންއިން ބޭރުވާން ޖެހޭނެ 90 ދުވަސް ތެރޭގަ. އޭރުވެސް ޤަތުލުޢާންމު ކުރިއަށް ދާ ކަމަށް ވަންޏާ، ވިސާގެ މުއްދަތު އިތުރު ކުރެވޭތޯ ސުވިޓްޒަރލަންޑްގެ ކަމާ ފަރާތްތަކުގަ އެދޭނީ. އެއީ، ފަރުވާ ދޭން ކުއްޖަކު މިތަނަށް ގެނެސް، ފަރުވާ ދީފަ، އަނެއްކާ އަލުން އަނބުރާ ބޮންތަކެއްގެ ތެރެއަށް އެކުއްޖާ ފޮނުވާލާނެ އެއް ގޮތެއްވެސް ނޯންނާނެތީ، ސުވާލެއްވެސް ކުރާނެ ޖާގަ އޮތް ކަމެއް ނޫން އެއީ... އެންމެ މުހިންމު ކަމަކީ އެ ކުދިން ހޮސްޕިޓަލަކަށް ނުލުން، އެ ކުދިންނަށް އެކަން ބޭނުމެއް ނުވޭ. އެކުދިންނަށް ބޭނުން ވަނީ ޢާންމު ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު. މީހުން ތެރޭގަ، ހަމަޖެހިލައިގެން، ސުލްޙަވެރި ވެއްޓެއްގަ ލޯބިލިބުން މުހިންމީ. ކުޑަކުއްޖެއްގެ ދިރިއުޅުމުގަ މި އޮންނަނީ ހެލިފެލިވެ، ހަރަކާތްތެރިކޮށް އުޅުމާއި، ކުޅެލާ ހެދުން ކަހަލަ ކަންކަން. ޣައްޒާގެ ކުދިން މި ތިބެނީ ފޭލިގެތަކުގަ. އެއް ކުއްޖަކު ފިލާ އޮތް، ހަދަން ފަށާފަ ހުރި ޢިމާރާތެއްގެ ތެރޭގަވެސް. މަންމައާއި، އަނެއް 2 ދަރިން ނިދާފަ އޮތީ ކޮންކުރީޓު ގަނޑުމަތީގަ.
ރައޫފު ސަލްޠީ؛ ސުވިޓްޒަރލަންޑްގެ ޔޫރޮލޮޖިކަލް ސަރޖަންއެއް

އެ ފަސްގަނޑަށް ނުވިހެއެއް ކަމަކު، އެ ބިމަކާ ލެޔާއި ފުރާނަ ގުޅިފައި އޮތް ފަސްގަނޑުގެ ޙައްޤުގައި ޑރ ރައޫފު އެ ގެންދަނީ މުޅި ދުނިޔެއަށް މިސާލު ދައްކައިދެމުންނެވެ. ސުވިޓްޒަރލަންޑްއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ތަނަވަސް، ސުލްޙަވެރި، އަމާން، ހިތްގައިމު މަންޒިލެކެވެ. އެފަދަ ތަނެއްގައި، އެތައް ބައެއްގެ އިހްތިރާމް ލިބިފައިވާ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރިއެއް ކަމަކު، ފަހަރެއްގައިވެސް އޭނާގެ އަސްލު، ޑރ ރައޫފު ހަނދާން ނައްތައެއް ނުލައެވެ. އޮޅުވައެއްވެސް ނުލައެވެ.

ޤައުމު ދެކެ ލޯބިވުމަކީ "ޤައުމީ ކުލައިގެ، ޤައުމީ ފޭރާމެއްގައި" މޭގައި އަތްޖަހާލައިގެން ހުރެ ނަގާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރު ކުރުމެއް ނޫނެވެ. ނުވިތާކަށް ޤައުމުގެ މޮޅު ވާހަކަތައް ފެތުރުން އެކަންޏެއްވެސް ނޫނެވެ. ޤައުމު ދެކެ ވާ ޙަޤީޤީ ލޯބި ފެނިގެންދަނީ، ޤައުމު އެމީހަކަށް ބޭނުން ވާ ދުވަހު، އެ ޤައުމުގެ ޙައްޤުގައި ތިބާ ތެދުވާ ތެދުވުމުންނެވެ.  

- ކޮމެންޓް