ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 09:12
މަޖިލިސް ޗެމްބަރަށް ގިނަ އަދަދެއްގެ ސިފައިން ވަދެ
މަޖިލިސް ޗެމްބަރަށް ގިނަ އަދަދެއްގެ ސިފައިން ވަދެ
ޓްވިޓަރ
ޑިފެންސް މިނިސްޓަރު
މަޖިލީހުގެ މެންބަރުންގެ ކަންތައް "ކޮޅެއްގައި ޖައްސާނަން": ޑިފެންސް މިނިސްޓަރު
ޕްރޮސެކިއުޓަރ ޖެނެރަލްއާއި ބަންޑާރަ ނައިބާއި އާޒިމާގެ ލަފާ ހޯދަން
މެންބަރުންގެ މައްޗަށް ޖިނާއީ ދައުވާ ކުރާނެ، ސިފައިން ހެކިބަސް ދޭނެ
މައްސަލަ އަވަސްކުރަން ހޯމް މިނިސްޓަރާއި ސީޕީއަށް ދަންނަވާފަ

ޖުލައި 31، 2017 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސިފައިންނާއި މަޖިލީހުގެ މެންބަރުންނާމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން ޖިނާއީ ތަހުގީގު ހިންގައި އެކަން ކޮޅެއްގައި ޖައްސާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ހިނގަދިޔަ ކަންތައްތަކާ ގުޅިގެން ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް(އެސްޕީޖީ) ގެ އޮފިސަރުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، އޮފިސަރުންނާ ބައްދަލު ކުރައްވައި ހޯމަ ދުވަހުގެ ރޭ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރަށް ގާނޫނީ ލަފާ ދެއްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މަޖިލިސް މެންބަރުން މަޖިލީހުގެ ތެރޭގައި ކުށްވެރިނުވާނީ ދައްކާ ވާހަކައަކުންނައި ވޯޓްދޭ ގޮތަކުން ކަމަށެވެ. އަދި އެ ދެ ކަން ފިޔަވައި، މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދިނުމާއި މާރާމާރީ ހިންގުން ފަދަ ކަންކަމަކީ އެހެން މީހުންނެކޭ އެއްފަދައިން މެންބަރުންގެ މައްޗަށް ވެސް ދައުވާކުރެވޭނެ ކަންތައްތައް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ދެއްކެވި ވާހަކަައިގެ އޯޑިއޯ ލީކުވެ ދައުރުވަމުންދާއިރު، އެ އޯޑިއޯގައި މިނިސްޓަރު ވިދާޅުވެފައިވަނީ ހޯމަ ދުވަހުގެ ޖަލްސާގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ބަންޑާރަނައިބާއި ޕްރޮސެކިއުޓަރ ޖެނެރަލާ މަޝްވަރާކޮށްފައިވާ ކަމަށާއި އެ ދެ ބޭފުޅުން ލަފާ ދެއްވާފައިވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ކަމަށެވެ. އެހެންކަމުން ސިފައިންގެ ލީޑަޝިޕް އިން ނިންމާފައިވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ޖިނާއީ މައްސަލައެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ކަމަށާއި، އެކަން ކުރަން ނިންމާފައިވަނީ އެފަދަ އަމަލުތައް ތަކުރާރުވާނެ ކަމަށް ގަބޫލުކުރެވޭތީ ސިފައިންގެ ރައްކާތެރިކަމަށްޓަކައި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މިއީ ދިވެހިތާރީހުގައި އަސްކަރިއްޔާގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މައްޗަށް ތަހްގީގެއް ހިންގަން ފޮނުވި ފުރަތަމަ ފަހަރެވެ. 

"އަޅުގަނޑުމެންނަށް ގާނޫނީ ގޮތުން ލަފާ ދެއްވާ ބޭފުޅުން ވެސް ވިދާޅުވާ ގޮތުގައި މަޖިލިސްގެ މެންބަރުންނަށް މަޖިލިސްގެ ތެރޭގައި ކުރެވޭނެ ކަންތައްތަކަށް ނުވަތަ ގާނޫނުން ކުށްވެރިނުވާނެ ކަމަށް ބުނެފައިވަނީ މައިގަނޑު ދެ ކަމެއް، އެއީ ވޯޓް ދޭ ގޮތަކުންނާއި މަޖިލިސްގެ ތެރޭގައި ދައްކާ ވާހަކައަކުން އެ ފިޔަވައި ހިންގާ ކޮންމެ އަމަލަކުން އެއީ ތަނުގެ ތަކެއްޗަށް ގެއްލުން ދިނުން ކަމުގައ ވިޔަސް ނުވަތަ މާރާމާރީ ހިންގުން ފަދަ ކަމެއް ކަމުގައި ވިޔަސް އެކަމަކީ އެހެން މީހުންނެކޭ އެއްފަދައިން ޕްރޮސެކިއުޓް ކުރެވޭނެ ކަންތައްތައް. އެހެންވީމަ އެމްއެންޑީއެފްގެ ލީޑަރޝިޕްގެ ފަރާތުން މަޝްވަރާކޮށް ނިންމާފަ އޮންނަނީ މިއަދު އެ ހިނގައިދިޔަ ހާދިސާއަކީ ކުރިއަށް އޮތް ތަނުގައި ވެސް ތަކުރާރުވާނެ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ވެސް ގަބޫލުކުރެވޭތީއާއެކުގައި އަޅުގަނޑުމެންގެ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅުގަނޑުމެން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ޖިނާއީ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުން ނަމަ އަންގާރަ ދުވަހު އެ މައްސަލަ ފުލުހުންނަށް ހުށަހެޅޭނެ އެވެ. އަދި މައްސަލަ އަވަސްކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފަށާއި ހޯމް މިނިސްޓަރު އަހުމަދު އަޒްލީނަށް ދަންނަވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. 

"މީގެ ބޭނުމަކީ މިއަދު އެ ހިނގައިދޔަ ކަންތައްތައް ތަކުރާރުވަމުންދާއިރުގައި ސިފައިންގެ ހައްގުގައި އަޅުގަނޑުމެން އެކަން ކުރަންޖެހޭނެ ކަމަށް ބެލެވޭތީވެ އަޅުގަނޑުމެން ގާނޫނީ ގޮތުން އެކަން ކުރިއަށް ގެންދިއުން އެއީ އެންމެ ރަނގަޅު ގޮތް ކަމަަށް ވާނެތީވެ އެކަން ކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކޮޅެއްގައި ޖައްސާނަން އަޅުގަނޑުމެން ބެލިން އެންމެ އަވަހަށް މި މައްސަލަ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ ގޮތަކީ ކޮބައިތޯ ބަލާފައި އަޅުގަނޑުމެންނަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް އަދި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވެސް އަޅުގަނޑުމެންނަށް ދެއްވި ލަފާއަކީ މިކަން އެންމެ އަވަސް ކުރެވޭނެ ގޮތަކަށް އޮންނާނީ ފުލުހުން މެދުވެރިވެގެން ތަހުގީގު ކުރެވިގެން މައްސަލަ ހުށަހެޅުމުން ކަމަށް. އެހެންވީމާ އަޅުގަނޑުމެން އެ މަގު އިޚްތިޔާރު މިކުރި. އަޅުގަނޑު މިހާރުވާނީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފަށް ވެސް ދަންނަވާފަ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވެސް އަރީފަށް ދަންނަވާފަ ވެއްޖެ އޭގެ އިތުރުން ހޯމް މިނިސްޓަރަށް ވެސް ދަންނަވާފަ ވާނެ މި މައްސަލަތައް އަވަސް ކޮށް ދެއްވުމަށް،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި އެންމެ ފަހުން ރިއެކްޓް ކުރަންޖެހެނީ ސިފައިންނަށްވާއިރު، ސިފައިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކުރަންޖެހޭނެ ކަމެކެވެ. އަދި ޣައިރު ގާނޫނީ އެއްވެސް ކަމެއް ކުރަން އޯޑަރު ނުދެއްވާނެ ކަމަށާއި އޯޑަރުތައް ދެއްވަނީ އެޓާނީ ޖެނެރަލްއާއި ޕްރޮސެކިއުޓަރ ޖެނެރަލްއާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ ލަފާ ހޯއްދަވައިގެން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. މިނިސްޓަރު ވިދާޅުވީ ގާނޫނާ ޚިލާފު ކަމެއް ކުރަންޖެހޭ ހިސާބުން އޭގެ ފަހުން މެދުވެރިވެދާނެ ކަންތައްތައް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނެއް ތިޔަބޭފުޅުންގެ ވާޖިބު އަދާކުރެއްވުމުގައި ތިބޭފުޅުން ތިކުރައްވާ މަސައްކަތުގެ ތެރެއަށް ފަހަރެއްގައިވެސް ޣައިރު ގާނޫނީ ކަމެއް ކުރާ ކަށް ނާންގާނަން، ތިބޭފުޅުން ވެސް އެކަންކަން ދިރާސާ ކުރައްވާފަ ބަހައްޓަވާ ކޮންމެ ހާލަތެއްގައި ނަމަވެސް އެކަމެއް ކުރުމަށްޓަކައި ސިފައިންގެ އެއްވެސް ބޭފުޅަކަށް އަޅުގަނޑު އޯޑަރެއް ނެރޭ ކަމަށްވާނަމަ ނެރުމުގެ ކުރިން އެޓާނީ ޖެނެރަލްއާ މަޝްވަރާކުރަން ބައެއް ހާލަތުތަކުގައި އާޒިމާ ޝަކޫރާ މަޝްވަރާކުރަން އަދި ވަރަށް ގިނަ ފަހަަރަށް ޕްރޮސެކިއުޓަރ ޖެނެރަލްއާ ވެސް މަޝްވަރާކުރަން. އަލުގަނޑުމެންނަށް ނެގޭ ޑިޒިޝަނަކުން އަޅުގަނޑުމެންނަށް ނޭދެވޭ އަސަރެއް އަޔަ ނުދިނުމަށްޓަކައި މިހާތަނަށް ވެސް އަޅުގަނޑުމެން ނަގާފަ ހުރި ޑިޒިޝަނެއް އޯޑަރެއް ދީފަ އޮންނާނީ އެގޮތަށް، ގާނޫނާ ޚިލާފު ކަމެއް ކުރަންޖެހޭ ހިސާބުން އޭގެ ކޮންސީކުއެންސަސް މާބޮޑުވާނެކަން އަޅުގަނޑުމެން ވެސް ގަބޫލުކުރަން،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވެފައިވަނީ މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ސިފައިންގެ ހިތުގައި ކޮންމެވެސް ވަރަަކަށް ނަމަވެސް އަމިއްލަ ރައްކާތެރިކަމާ ދޭތެރޭގައި ސުވާލު އުފެދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މިނިސްޓަރު ވަނީ ޖުލައި 24 ވަނަ ދުވަހު މަޖިލިސް މެންބަރުންތައް މަޖިލީހަށް ވަޑައިގަތުމުން އެ މެންބަރުންނަށް ހުރަސްއަޅައި، މަޖިލިސް ތެރެއިން ގަދަކަމުން ނެރުނު ހާދިސާއާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ.

"އަޅުގަނޑުމެންނަށް އެނގޭ 24 ގައި ހިނގައިދިޔަ ހާދިސާއަށް ބަލާއިރުވެސް އެކަން ހިނގައިދިޔަ ގޮތަށް ބަލާއިރު އަޅުގަނޑުމެން ތިބޭފުޅުންނަށް ދަންނަވާލަން ބޭނުން އެކަން ހިނގައިދިޔަ މުޅި ހާލަތަށް ބަލާއިރު ފުރަތަމަ ކަމަކަށް އަޅުގަނޑުމެންނަށް ސީދާ މަޖިލިސްގެ ތެރެއިން ވަރަށް ޒިންމާދާރު ފަރާތަކުން އަޅުގަނޑުމެންނަށ ރިޕޯޓްކުރި މި ދުވަސްތަކުގެ ތެރޭގައި މަޖިލިސްގެ ތެރޭގައި ޓެރަރިޒަމަށް މަގުފަހިވާ ކަހަލަ ކަމެއް ނުވަތަ ނޭތްގާނީ އަމަލުތައް ހިންގުމުގެ ފުރުސަތު ބޮޑުކަން. އެގޮތަށް އެންގެވި އެންގެވުމާ ގުޅިގެން އަލުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެދުނިން އަޅުގަނޑުމެންނަށް އެކަން ޑޮކިއުމެންޓް ކޮށް ދިނުމަށް، އެދުނީމާ ރައްޔިތުންގެ މަޖިލީހުން އެކަން ޑޮޮކިއުމެންޓްކޮށް ޑިފެންސް މިނިސްތްރީއަށް އަންގަވާފަ އޮތީ އެތަނުގައި އެ ބާވަތުގެ އަމަލެއް ހިނގާފާނެ ކަމަށް،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މަޖިލީހުގައި ތަޅު އަޅުވައި، މެންބަރުންނަށް މަޖިލީހަށް ވަދެވަޑައިގަތުމަށް ހުރަސް އެޅުމާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވެފައިވަނީ މަޖިލީހުން ފޮނުވި ސިޓީއާ ގުޅިގެން ސެކިއުރިޓީގެ ހައިސިއްޔަތުން އެ ދުވަސްވަރުގެ ތެރޭގައި މަޖިލީހުގެ އެކްސެސް ކުޑަކުރަން މަޖުބޫރުވީ ކަމަށާއި އެއްވެސް ހާލަތެއްގައި އެއީ މަޖިލީހުގެ މަސައްކަތަށް ހުރަސްއެޅުން ނޫން ކަމަށެވެ. އަދި ޣައިރު ގާނޫނީ އަމަލަކަށް ނުވަތަ ގާނޫނާ ޚިލާފް ކަމެއް ކުރާކަށް ސިފައިން މަޖިލީހަށް ވަދެފައިނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއްވެސް ހާލަތެއްގައި އެއީ މަޖިލިސްގެ އިދާރާގައި މަޖިލިސް މަސައްކަތަށް ހުރަސް އެޅުމަށް ނުވާ ސަބަބަކީ ފުރަތަމަ ކަމަކަށް މަޖިލިސްގެ ރަސްމީ މަސައްކަތެއް ރޭވިފައެއް ނެތް އެކަން ވެސް އަޅުގަނޑުމެންނަށް ސިޓީއަކުން އޮތީ އަންގަވާފަ 24 އިން ފެށިގެން 31 ގެ ނިޔަލަށް މަޖިލީހުގެ ރަސްމީ އެއްވެސް މަސައްކަތެއް ޖަލްސާއެއް ކޮމެޓީ ބައްދަލުވުމެއް ވެސް ނުހިނގާނެ ކަމަށް އެހެންވީމާ އެހެންވީމަ މަޖިލީހުގެ މަސައްކަތަކަށް އަޅުގަނޑުމެން ހުރަސް ނާޅަން. އެ ހުރިހާ ކަމަކަށް ބަލާއިރު ވެސް ސިފައިން އެއްވެސް ހާލަތެއްގައި ޣައިރު ގާނޫނީ އަމަލަކަށް ނުވަތަ ގާނޫނާ ޚިލާފް ކަމެއް ކުާރަކަށް އެޓެންޑް ކޮށްފައިނުވޭ،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ޖުލައި 24 ވަނަ ދުވަހު ހިނގައދިޔަ ކަންތައްތަކާ ގުޅިގެން ގިނަ އަދަދެއްގެ މަޖިލިސް މެންބަރުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަމުންދާއިރު، މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި އެ މެންބަރުންނާ ދެކޮޅަށް ހެކި ބަސް ދިނުމަށް ފުލުހުންގެ އިދާރާއަށް ބައެއް ސިފައިން ހާޒިރުކުރާނެ އެވެ.

"ފުރަތަމަ ކަމަކަށް ތިބޭފުލުން ތިބެފުޅުންގެ ޒިންމާއަދާކުރައްވަމުން ގެންދަވަނިކޮށް ތިބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅި ބަޔަކަށް ވާނީ އެ ދުވަހު މަޖިލިސްގެ ގޯތި ތެރެއަށް ވަން މީހުން އެކަމާ ގުޅޭ ގޮތުން ފުލުހުން އެބަ ގެންދަވާ ތަހުގީގު ކުރައްވަމުން ހެކިންގެ ގޮތުގައި އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ގެންދިއުމަކީ އެކަށީގެންވާ ކަމެއް. އެމްއެންޑީއެފްގެ ލީޑާޝިޕް އިން ނިންމަވާފަ އޮތީ އެގޮތަށް ފުލުހުންނަށް ހާޒިރުކުރާއިރު ވެސް ތިބޭފުޅުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި މިލިޓަރީ ޕޮލިސްގެ ބޭފުޅަކާއެކުގައި ދިއުމަށް،" މިނިސްޓަރު ވިދާުވެފައިވެއެވެ. 

އެކަންތައްތަކުގެ އިތުރުން، ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންތައްތަކަށް ސަމާލުވެ ތިބުމަށް މިނިސްޓަރު ވަނީ ސިފައިންނަށް ގޮވާލައްވާފައެވެ.

"ހުރިހާ ބޭފުޅުން ވެސް މިވަގުތު ވަރަށް ހުށަޔާރުވެ ސަމާލުވާންޖެހޭނެ، ރާއްޖޭގެ މިވަގުތާ ހަމައަށް ވެސް އޮތް އެންމެ އަގުހުރި ރައްޔިތުންގެ އިތުބާރުކުރާ ބަޔަކަށް ވާނީ ސިފައިން، ސިފައިންގެ އަގު ވައްޓާލުމަށްޓަކައި މަސައްކަތް ކުރެވެމުންދާއިރު ކޮންމެވެސް ވަރަކަށް ސިފައިންގެ ކުދިންނާ ގުޅުވައިގެން ވެސް އެކި ވާހަކަތައް ދެއްކުމުގެ ފުރުސަތު ހޯދަން މަސައްކަަތްކުރާނެ އެއީ އިދިކޮޅު ފަރާތްތަކުން ކުރާނެ ކަމެއް، އެއީ ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް އެކަން އެގޮތަށް ހިނގާނެ. އެހެންވީމަ ދުރާލާ މިކަމާ ދޭތެރޭގައި ތި ހުރިހާ ކުދިން ވެސް ވިސްނުމަކީ މި މުއައްސަސާއަށްޓަކައި ތި ކުދިންނަށް ކޮށްދެވޭނެ ވަރަށް މުހިންމު ކަމެއް ކަމުގައިވާތީ އެ ވާހަކަ ދަންނަވާލަން،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ސިފައިންނަކީ ވަރަށް ހަރުދަނާ އަދި ވަރަށް ޒިންމާދާރުކަމާއެކީގައި މަސްއޫލިއްޔަތު އަދާކުރައްވާ ބޭފުޅުން ކަމުގައި ވިޔަސް ވެސް ސިފައިންގެ މަސްއޫލިއްޔަތު އަދާކުރެވެނީ ވަރަށް ގިނަ ފަހަރު ފުލުހުންނާ އެކުގައި ކަމަށެވެ. "ރޭވިގެންދާ ކޮންމެ ކަމެއްގައި ރޭވިގެންދާއިރު އެކަމުގައި އެމްއެންޑީއެފްގެ ފަރާތުން ތިބޭފުޅުން ނަންގަވަން ޖެހޭ ހުރިހާ ޕްރިކޯޝަންސްއެއް އަވަހަށް ނެންގެވުމާއި އަޅުއްވަންޖެހޭ ފިޔަވަޅުތައް ކުއިކް އެކްޝަންސް ނެންގެވުމުގައި ހުރިހާ ބޭފުޅުން ވެސް ލީޑަރޝިޕް އިން ދެއްވާފައި ހުންނަ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރެއްވުމަކީ މި ވަގުތު ވަރަށް ބޮޑަށް ބޭނުންވާ ކަމެއް،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ލީކްވެފައިވާ 35 މިނެޓްގެ އޯޑިއޯއާ ގުޅިގެން މިނިސްޓަރު އާދަމް ޝަރީފްގެ ބަހެއް ހޯދުމަށް ގުޅި ނަމަވެސް އެ މަނިކުފާނު ފޯނެއް ނުނަންގަވައެވެ. އަދި ވައިބާއިން ކުރި މެސެޖަށް ޖަވާބެއް ނުދެއްވަ އެވެ.

 

 

- ކޮމެންޓް
3 އޯގަސްޓް 2017 | ބުރާސްފަތި 18:55
ހިޔާލު
ހެ..ހެ..ހެ މައްސަލަ ކޮޅެއްގަ ޖައްސާއިރު އަމިއްލަމީހާ ކުއްވެރިވަނީ... ޣައިރު ޤާނޫނީ އަމުރުކޮށް އެކަމަށް ބާރުދިނީމަ..
2 އޯގަސްޓް 2017 | ބުދަ 18:22
މިނިސްޓަރަށް ހެޔޮއެދޭ
މިނިސްޓަރާ ޖައްސާލީމަ ދެންތި ލެޔާކުޅުވެނީ. ޖޭވިޔަސް ބޮޑުވަރު. ނުކިޔަވާތިބެޭ ތީ ދިވެހިބަހުގެ މަޖާޒެއްވެސް ގެޓް ނުަވަނީދޯ..
2 އޯގަސްޓް 2017 | ބުދަ 18:00
ބޮކަރީ
ރަނޑޭ ބިރުކުޑަ އަލީ ހެދެން އުޅޭނެކަމެއް ނެތް އިސްތިއުފާ ދީފައި ވެމްކޯގެ މަސައްކަތުމީހަކަށް ނުވަތަ ގާނޫނުގެ ކުރިމަތިލައްވާ
2 އޯގަސްޓް 2017 | ބުދަ 14:54
މެންބަރުންގެ ދަތްދޮޅިދުއްވި
ސިފައިންނަކީ ހަމަ އެހާ ގަމާރު ބައެއް ކަމަށްތޯ ދަތްދޮޅިދުއްވި މެން ހީކުރަނީ؟ ސިފައިންގެ ތެރޭގައިވެސް ޤާނޫނު އަސާސީ އާއި ޤާނޫނު ދަންނަ ހުޝިޔާރު ޤައުމީ ހުވަޔަށް ވަފާތެރި ސިފައިން ތިބީމަ ދަތްދޮޅިދުއްވިމެން ފަލީޙަތް ތިޔަވަނީ!
2 އޯގަސްޓް 2017 | ބުދަ 12:06
ހމޒ
ނަޝީދު ގޮސް ރަންމަންފޯލި ކުޅުނިއްޔާ!؟ހެޔޮ ނުވާނެ
2 އޯގަސްޓް 2017 | ބުދަ 10:54
އިޚްލާޞް
ބަޔަކު މޮޔަ ވާވަރުގެ ވާހަކައެއް ނެތް
2 އޯގަސްޓް 2017 | ބުދަ 10:18
ކަވާ
ކޮންމެ ބަޔެއް ވިޔަސް ގޮތެއް ހުންނަން ޖެހޭ .ނަމުނަ އަކަށް ވާނޖެހޭ މީހުން އެހާދަށު ދަރަޖައަކަށް ދިޔައީމަ.ފިޔަވަޅު އަޅަން ޖެހޭ. ބޭނުން ވާހާ ކަމެއް ނުވިމަ ހިތުހުރި އެއްޗެސް ގޮވާ ހިތުހުރި ކަންކަން ކުރެވިގެން ނުވާނެ.ކޮންމެ ވެެރިކަމެއްގަ ވެސް އަމަން އަމާން ކަން ބަލަހަށްޓާ މިހުންނަށް ހިތުހުރި ގޮތެއް ހެދިގެން ނުވާނެ. ސިފައިން ހިންހަމަ ނުޖެހޭ އިރަށް ހިތުހުރި ގޮތެއް ހަދާނަމަ ގައުމު އަޮންނާ ނި ކިހިނެއްބާ.މެމްބަރުން ޖެހޭ ތަންކޮޅެ އް އަހުލަގު ރަނަގަޅު ކުރަން.