ނިރުބަވެރި އިޒްރޭލު އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ތަމާމު އަލް-އަސްވަދު ގެންދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއީ އޭނާ ވަގުތީ ހިޔާވަހިކަން ހޯދަމުން ދިޔަ ސްކޫލު ޢިމާރާތުގެ ފާރުތައް، އިޒްރޭލުގެ ޓޭންކަރުންތަކުން ޖައްސާ ވައްޓާލުމަށްފަހުގައެވެ. އިޒްރޭލުގެ ޖަލެއްގައި އެތައް ހަފުތާއެއް ވަންދެން ތަމާމު ބަންދުކޮށްފައި އިން އިރު، އޭނާއަށް އެކި ގޮތްގޮތުން ފުރައްސާރަކޮށް ލާއިންސާނީ އަނިޔާ ދީފައި ވާ ކަމަށް ތަމާމު ކިޔައިދިނެވެ.
ތަމާމު މިނިވަންވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ ދޫކޮށްލީ ކަރީމް ޝަލޯމްއިން ޣައްޒާއަށް ވަދެވެން އޮންނަ ސަރަޙައްދަށެވެ. އޭގެ ފަހުން ތަމާމަށް ވަނީ އޭނާގެ ޢާއިލާއާ ގުޅޭ ގޮތް ނުވެފައެވެ. އެންމެ ފަހުން ޢާއިލާ މީހަކު ލޮލަށް ފެނުނީ އިޒްރޭލުން އޭނާ ހައްޔަރު ކުރި ވަގުތުއެވެ.
ތަމާމު ހައްޔަރު ކުރަން ޖެހުނު ސަބަބަކާއި، އޭނާއަށް އަނިޔާދިން މައްސަލައާ ގުޅިގެން ރޮއިޓަރޒްއިން ކުރި ސުވާލަށް އިޒްރޭލުގެ އަސްކަރިއްޔާއިން ޖަވާބު ދީފައެއް ނުވެއެވެ. ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުން ހައްޔަރު ކުރަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޕްރޮޓޮކޯލްތަކާއި އެއް ގޮތަށް ކަމަށާ، ޤައިދީންނާ މެދު ޢަމަލުތައް ބަހައްޓަނީ ޢަބުރުވެރި މޭރުމަކުން ކަމަށް ބުނެ މީގެ ކުރީ ޙާދިޘާތަކުގައި އިޒްރޭލުން ވަނީ ދިފާޢަށް ކުޅެފައެވެ.
އެ މީހުން އަހަރެން ހައްޔަރު ކުރީ ޑިސެމްބަރ 14 ގައި، އަހަރެން ހިޔާވަހިކަން ހޯދަމުން ދިޔަ ތަނުން. އެއީ ޢުމަރު އިބްނު އަލް-އާސް ސްކޫލް. އެމީހުން ސްކޫލަށް ވަދެގަތީ. ފުރަތަމަވެސް ބުލްޑޯޒަރުތަކުން ސްކޫލުގެ ބޭރު ފާރުތައް ވައްޓާލީ. ދެން 2 ޓޭންކަރު އައީ ސްކޫލަށް ވަދެގެން. ފާރުގަ އިން ލޯވަޅަކުން މަންޒަރު ބަލަމުން އަހަރެން ދިޔައީ... ދެން މި ފެންނަނީ މީހުން ދިރިއުޅޭ ތަންތަނަށް ވަދެ، އެތަންތަން ގޮއްވާ މަންޒަރު. އެތަންތަނުން އަންހެނުންގެ އަޑުވެސް އިވޭ. އެ މަންޒަރުވީ ވަރަށް ބިރުވެރި މަންޒަރަކަށް.ތަމާމު އަލް-އަސްވަދު؛ އިޒްރޭލުން ހައްޔަރު ފަލަސްޠީނު އަންހެނެއް
ތަމާމަކީ 4 މަސްދުވަސް ވީ ޤަތުލުޢާންމުގައި އިޒްރޭލުން ހައްޔަރު ކުރި ގިނަ ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ތެރެއިން އެކަކެވެ. 2.3 މިލިއަން މީހުންގެ ޢާބާދީއެއް އޮތް ޣައްޒާގެ ހުރިހާ އެންމެންހެން މިއަދު ދިރިއުޅެމުން ދަނީ މިޞްރާ ބޯޑަރު ހިއްސާ ކުރާ، ދެކުނުގެ ރަފަޙު ސަރަޙައްދުގައެވެ. ރެފިއުޖީންގެ ގޮތުގައެވެ. އިންސާނަކު ދިރިއުޅެން އެކަށީގެންވެސް ނުވާހާ ނިކަމެތި ޙާލުގައެވެ. އިޒްރޭލުގެ ޤަތުލުޢާންމުގައި މަރާލާފައި ވާ ފަލަސްޠީނު ރައްޔިތުންގެ ޢަދަދު 28000 އަށް އަރައެވެ. ގިނައީ ކުޑަކުދިންނެވެ.
އެތަނެއްގައި ތަމާމު ވަގުތީ ހިޔާވަހިކަން ހޯދަމުން ދިޔަ ސްކޫލަކީ، ޣައްޒާގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީގެ ޝައިޚް ރަދުވާން ޑިސްޓްރިކްޓްގައި ހުންނަ، ޢުމަރު އިބްނު އަލް-އާސް ނަމަކަށް ކިޔާ ސްކޫލެވެ. އިޒްރޭލުގެ ޚުދުމުޚުތާރު ފައުޖުތަކުން އެ ޢިމާރާތުގެ ތެރެއަށް ވަދެގަތީ ޑިސެމްބަރ 14 ވަނަ ދުވަހުއެވެ. އެއަށް ފަހު ހުރިހާ ފެނުން ސަފަކަށް އަތުރާ، އެމީހުންނަށް އޮރިޔާން ޙާލު ޖެއްސިއެވެ. އޭގެ ފަހުން އެއް ފަރާތަކަށް އަންހެނުން ގެންދިޔަ ކަމަށް ތަމާމު ކިޔައިދިނެވެ.
ސްކޫލު ތެރެއަށް ވަދެގެން އައި ގޮތަށް ފިރިހެނުންތައް ދަމައިގަނެ، ސަފަކަށް އަތުރާލީ. ލައިގެން ހުރި ހުރިހާ އެއްޗެއް ބާލުވާފަ، އޮރިޔާން ކުރީ. ދެން އަންހެނުންތައް އެއް ފަރާތްކޮށްފި. އޭގެ އިރުކޮޅެއް ފަހުން އަހަރެމެން ގެންދިޔައީ، ޝައިޚް ރަދްވާން އަވަށުގަ، ސްކޫލާ ޖެހިގެން ހުންނަ އަލް-ތަޤްވާމީ މިސްކިތަށް.ތަމާމު އަލް-އަސްވަދު؛ އިޒްރޭލުން ހައްޔަރު ފަލަސްޠީނު އަންހެނެއް
އިޒްރޭލުގެ ހައްޔަރަށް ގެންދިޔަ ހުރިހާ އެންމެން ޖަމާ ކުރީ މާ ދުރު ނޫން ހިސާބެއްގައި ހުރި އަލް-ތަޤްވާ މިސްތަށެވެ. އެއަށްފަހު އޭނާއާ ސުވާލުކޮށް ވަނަވަރާއި ފަތިފުށް އޮޅުންފިލުވަން އިޒްރޭލުން މަސައްކަތް ކުރިކަމަށް ތަމާމު ކިޔައިދިނެވެ.
ތަމާމަކީ އިޒްރޭލުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާ، 5 އަހަރުގެ މުއްދަތަކަށް އޭނާ ބަންދު ކުރާނެ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ތަމާމަށް އެންގިއެވެ. އެއަށްފަހު އަތުގައި ބިޑި އަޅުވާ، ކަނުބަނދަނެ، އެހެން ޤައިދީންވެސް އެރުވި ބަހަށް އޭނާވެސް އެރުވީކަމަށް ތަމާމު ބުންޏެވެ.
އިޒްރޭލުން އަހަންނާ ސުވާލު ކުރަން ފެށި. އަދި އަހަން ފެށި، އަހަންނަކީ ކޮން ފެކްޝަނެއްގެ މީހެއްހެއްޔޯ. އަހަންނަކީ ކާކު ހޯ، ދެން އަހަރެން ބުނިން، ނަމަކީ ތަމާމު އޭ، މަށަކީ ގޭގަ އިންނަ އަތްނބެކޭ. ވަގުތީ ހިޔާގަ ތިބީ ދަރިންނާވެސް އެކީގައޭ. މީހަކަށް ގެއްލުމެއް ދޭކަށް އެއްވެސް ކަމެއް ކޮށްފައެއް ނޯންނޭވެސް ބުނިން. ދެން އެމީހުން އަހަރެން ގެންގޮއްސަ ކިޔަން ފަށައިފި، މަށަކީ އިޒްރޭލުގެ ސަލާމަތަށް ހުރި ނުރައްކަލެކޯ. 5 އަހަރަށް ބަންދު ކުރާނަމޯ. އަތުގަ ބިޑި އެޅުވުމާއެކުހެން އެހެން ބުނީ. އަހަރެން ސުވާލުމާކު ޖެހުނީ. އެމީހުން، އަހަންނާ ދިމާއަށް އެހެން އެބުނީ ކީއްވެބާއޭ ހިތަށް އެރީ.ތަމާމު އަލް-އަސްވަދު؛ އިޒްރޭލުން ހައްޔަރު ފަލަސްޠީނު އަންހެނެއް
ދަތުރުމަތީގައިވެސް އިޒްރޭލުގެ ސިފައިންގެ ފަރާތުން ތަމާމުއާއި އެހެން ޤައިދީންނަށް ކުރިމަތިވީ ފުރައްސާރައެވެ. ދަތުރުމަތީގައި ތާމަމަށް އިންނަން ޖެހުނީ ބޯ ގުދުކޮށް، އިސް ދަށަށް ޖަހައިގެންނެވެ. ކިތަންމެ އުނދަގޫވީ ނަމަވެސް، އެނޫން ގޮތަކަށް އިނުމުގެ ހުއްދައެއް އިޒްރޭލުގެ އަސްކަރިއްޔާއިން ނުދިނެވެ. ބަހުގައި ތިބި އެހެން މީހުންގެ ޙާލަކީވެސް ހަމަ އެއީއެވެ.
ބަންދުގައި ފުރަތަމަ ބޭތިއްބި ތަނަކީ އިންތިހާއަށް ފިނި ތަނެއްކަމަށް ތަމާމު ބުންޏެވެ. އެއަށް ފަހު އަނެއްކާވެސް ކަނުބަނދެ، އަތުގައި ބިޑި އަޅުވާ، ދެފަޔާއި އަތް އެކުވާނެހެން ހިލިހިލާ ޖެހުމަށް ހައިފާގައި ހުންނަ ޑެމޮން ޖަލަށް ބަދަލު ކުރިއެވެ.
ޣައްޒާ ކޮންޓްރޯލް ކުރާ "ޙަމާސް ޖަމާއަތުގެ ވަސް، މި ބިންމަތިން ފޮހެލުމަށް ހިންގާ އަސްކަރީ އޮޕަރޭޝަން"ގެ ނަމުގައި ނިރުބަވެރި ޔަހޫދީން ޣައްޒާގައި ހިންގަމުން ދާ ޤަތުލުޢާންމުގެ ތެރޭގައި ހައްޔަރު ކުރި ފަލަސްޠީނު ރައްޔިތުންގެ ޢަދަދެއް، އިޒްރޭލުން ހާމަކޮށްފައެއް ނުވެއެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުން އަންދާޒާ ކުރާ ގޮތުގައި އެ ޢަދަދު، ހާހުން ގުނާލެވޭނެއެވެ.
ބަންދުގައި އިންނަން ޖެހުނު ދުވަސްތަކަކީ މީހެއްގެ މިނިވަންކަމަށް އަރައިގަނެވޭނެ އެންމެ ގަދައަކަށް އިޒްރޭލުން ތަމާމުގެ މިނިވަންކަން ނިގުޅައި ގަތް ދުވަސްތަކެވެ. އިޒްރޭލުގެ ދިދަ ކުރަހާފައިވާ ފާރެއްގެ ކައިރިއަށް ގެންދާ ގެންދިއުމަށްފަހު، އެ ދިދައަށް ބޮސްދީހެދުމަށް ތަމާމުއަށް މަޖުބޫރި ކަމަށާއި، އެކަމަށް އޭނާ އިންކާރުކޮށް ދެކޮޅު ހެދުމުން ފާރުގައި ފިސާރި ބާރަށް އޭނާގެ ބޯ ޖައްސުވާ، ބުރަކަށީގައިވެސް ޖެހި ކަމަށް ތަމާމު ކިޔައިދިނެވެ.
އެގޮތުގައި ހަފުތާތައް ފާއިތުވަމުން ގޮސް، "ޣައްޒާގެ ހުރިހާ އަންހެނުންނަށް އެމީހުންގެ ގެތަކަށް ދޭވެނެ ކަމަށް" އިޒްރޭލުގެ ސިފައިންގެ މީހަކު ބުނިކަމަށްވެއެވެ. އަނބުރާ ޣައްޒާއަށް އާދެވުމުން ތަމާމުއަށް ކުރެވުނީ ބަޔާންކޮށްދޭން ދަތި އިޙްސާސްތަކެކެވެ. ނަމަވެސް، އިޙްސާސްތަކުގައި އުފާވެރިކަމުގެ ފުރިހަމަކަމެއް ނެތެވެ. ތަމާމު މިހާރު އިނީ ރަފަޙުގައެވެ. ފިރިމީހާއާއި ދަރިންކޮޅު އަދިވެސް ވީ ޣައްޒާ ސިޓީގައި ކަމަށް އޭނާ ޤަބޫލު ކުރެއެވެ. އެއީ އިޒްރޭލުގެ ޢުދުވާންތައް އެންމެ ވަރުގަދަ ކުރި ސަރަޙައްދެވެ.
"ﷲ އިރާދަކުރެއްވި، އަހަރެމެން އެކަކު އަނެކެކާ އަދި ބައްދަލުވާނެ" އުންމީދުގެ ލަގަނުގައި ބާރަށް ހިފަހައްޓައިގެން އިން ތަމާމު ބުންޏެވެ.