މަރުގެ ހުކުމް ތަންފީޒް ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ވަރަށް ބާރަށް ކުރިއަށް ގެނދަވާ ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރަށް މަރު ހިފަން ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ މަރަށް މަރުހިފުމަށް ވާންޖެހޭ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެކަން ހުއްޓިފައި ނުވާ ކަމަށެވެ. އަދި އެކަމަކީ ރައީސް ޔާމީން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވައިގެން ކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މި ފަހުން ރާއްޖޭގައި ހިނގާފައިވާ އަނިޔާވެރި މަރުތަކަށް އިޝާރަތްކުރައްވައި އަޒްލީން ވިދާޅުވީ އެ މަރުތަކަށް އިންސާފް ހޯދައި ދިނުމަށް މަރަށްމަރު ހިފުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމަށް ބައިނަލަގުވާމީ ބައެއް ފަރާތްތަކާއި ދިވެހިންގެ ތެރެއިން މަދު ބަޔަކު ފާޑުކީ ނަމަވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މަރުގެ ހުކުމް ތަންފީޒްކުރުމަށް ބޭނުންވާ ކަމަށެވެ.
އަޒްލީން ވިދާޅުވީ ކީރިތި ގުރުއާނާ ސުންނަތުން އަދި ކަނޑައެޅިގެން ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުން އެނގެން ހުރި ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި މަރަށް މަރުހިފަން އެބަޖެހޭ ކަމަށާއި އެކަން ކުރުމަށްޓަކައި ރައީސް ޔާމީން އެ ވަނީ ވަރަށް ބޮޑަށް މިކަމުގައި ސަރުކާރުން ކުރި ހޯދައި ވަރަށް ބޮޑަށް މީގެ މަސަތްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.އަދި ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގަބޫލުކުރެވޭ ގޮތުގައި މަރަށް މަރު ތަންފީޒު ކުރެވިގެން ދާނެ ކަމަށް އަޒްލީން ވިދާޅުވިއެވެ.
"މަރަށް މަރުހިފުމުގެ ކަންކަން ސަރުކާރުން ވަރަށް ބާރަށް ކުރިއަށް އެބަ ގެންދަވާ. މިކަމަމީ އަޅުގަނޑުމެނަށް އެކަމުގެ މައުލޫމާތު ދުވާލަކު އެއްފަހަރު ހާމަކުރަން ފަސޭހަ ކަންކަމެއް ނޫން. އެކަމަށް ގާއިމް ކުރަން ޖެހޭ ނިޒާމް ގާއިމްކޮށް މި ހުރިހާ ކަމެއް ކުރުމުގެ މަސަތްކަތް ވަރަށް ބާރަށް އެބަ ކުރިއަށް ދޭ. އެ މަސަތްކަތައް އެއްވެސް މަޑުޖެހުމެއް ނާދޭ،" ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަޒްލީން ވިދާޅުވި އެވެ.
މަރަށް މަރު ހިފުން ލަސްވެގެން އުޅޭ ސަބަބާ ގުޅޭ ގޮތުން އަޒްލީން ވިދާޅުވީ އެކަމަކީ މީގެ 60 އަހަރު ފަހުން އަނެއްކާ ވެސް އަލަށް ކުރަން އުޅޭ ކަމެއް ކަމަށާއި ޓެކްނިކަލީ ފުރިހަމަ ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ވެސް ހުރުމުން ލަސް ވަނީ ކަމަށެވެ.
ނަމަވެސް މަރަށް މަރު ހިފާނީ އާއްމުންނަށް ފެންނަ ގޮތަށްތޯ ނުވަތަ ސިއްރުންތޯ އަދި ކަނޑަނާޅާ ކަމަށާއި ކޮންމެ ގޮތަކަށް މަރަށް މަރު ހިފި ނަމަވެސް އެކަން ކުރުމުން ރައްޔިތުންނަށް އެކަން އެނގިގެން ދާނެ ކަމަށް ވެސް އަޒްލީން ވިދާޅުވިއެވެ.