ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 16:16
މުޙައްމަދު ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ކުރިއަށް ގެންދިޔަ މައުރަޒެއްގައި ބައިވެރިވެފައި
ފަލަސްޠީން - އިސްރާއީލް ހަނގުރާމަ
އިޒްރޭލާ ދެކޮޅަށް ނުކުތް ހަނގުރާމަވެރިޔާ، ކުރެހުންތެރިއަކަށް: އަދިވެސް ހުރީ މިނިވަންކަމުގެ ދިފާޢުގައި ސާބިތުވެ!
 
އޭނާގެ ކުރެހުންތަކުން ސިފަކޮށްދެނީ މިނިވަންކަމާއި އިންސާފު ހޯދުމަށް ފަލަސްޠީނުން އުފުލަމުންދާ ތަކުލީފުތައް
 
އޭނާއަކީ ފަލަސްޠީނުގެ ސަގާފީ ހެދުމާއި ހަނދާނީ ހަދިޔާތައް ވިއްކާ ފިހާރައެއް ސޫރިޔާގައި ހިންގާ މީހެއް

މިއީ މުޙައްމަދު އައްރޫޤޫގެ ވާހަކައެވެ. ސޫރިޔާގައި ދިރިއުޅުނު ނަމަވެސް، އެ ހަށިގަނޑުގައި ހިނގަނީ ފަލަސްޠީނުގެ ލެޔެވެ. ދުނިޔެ މައްޗަށް އަލިވިލޭ ކޮންމެ ރެއަކާއި ދުވާލެއް އޭނާ ހޭދަކުރަނީ ކުރެހުމުގެ މަސައްކަތުގައެވެ. އެހެން ނޫނީ، އުފަން ފަސްގަނޑުގެ ޚަބަރުދަބަރު އޮޅުންފިލުވުމުގައެވެ.

ޣައްޒާ ކޮންޓްރޯލްކުރާ ޙަމާސް ޖަމާޢަތުން، އޮކްޓޯބަރު 7 ވަނަ ދުވަހު އިޒްރޭލަށް ދިން ކުއްލި ޙަމަލާގެ ރައްދުގައި ކަމަށް ބުނެ، ނިރުބަވެރި އިޒްރޭލުން ގަތުލުއާންމު ހިންގަން ފެށިފަހުން، މަސައްކަތުގައި މުޙައްމަދު ހޭދަކުރާ ވަގުތު ވަނީ އިތުރުވެފައެވެ. އޭނާގެ ކުރެހުންތަކުގެ އަސްލަކަށް ވެފައި އޮންނަނީ، އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ރަޙުމެއް ނެތް ގަތުލުއާންމެވެ. އަދި އޭގެ ކުރިންވެސް ސިލްސިލާ ގޮތެއްގައި އިޒްރޭލުން ދެމުންދާ ނިރުބަވެރި ޙަމަލާތަކެވެ.

މުޙައްމަދުގެ ދަތުރު ފެށުނީ 1970 ވަނަ އަހަރުއެވެ. އެއީ އިޒްރޭލާ ދެކޮޅު ހަނގުރާމަވެރިއެއްގެ ގޮތުގައި، ޕޮޕިއުލަރ ފްރަންޓް ފޮރ ދަ ލިބަރޭޝަން އޮފް ޕަލަސްޓައިން (ޕީއެފްއެލްޕީ)އާ ގުޅުނު ހިސާބެވެ. ނަމަވެސް އިޒްރޭލުގެ ޚުދުމުޚުތާރު ބާރުތަކުން، 1973 ވަނަ އަހަރު މުޙައްމަދު ހައްޔަރުކުރިއެވެ. ޖަލުގައި 13 އަހަރު ހޭދަކުރުމަށްފަހު މުޙައްމަދަށް މިނިވަންކަމުގެ ނޭވާއެއް ލެވުނީ، ޤައިދީން ބަދަލުކުރުމަށް ހިންގި ހަރަކާތެއްގައެވެ. ކުރެހުމަށް އޭނާގެ ހިތުގައި އޮތް ޝައުޤު ދެނެގަނެވުނީ އެ ދުވަސްވަރުއެވެ. އިޒްރޭލާ ދެކޮޅަށް ތެދުވުމުގެ ހަތިޔާރެއްގެ ގޮތުގައި، ކުރެހުމުގެ ފަންނު ބޭނުންކުރަން ފެށި ހިސާބަކީވެސް އެއީއެވެ.

ކުރަހާ މީހެއްގެ ގޮތުގަ އަހަރެންގެ ޝަޚްސު ބިނާވީ ޖަލުގަ އޮތްއިރު. ކުރަހާނެ އެއްޗެއްގެ ޚިޔާލު ހޯދަން ބަލައިލާނެ މަންޒަރެއް އެތާކު ނެތް. އެހެންވެ، ހަނދާނުގަ ހުރި އެއްޗަކުން ކުރަހަން ފެށީ. މިސާލަކަށް، ހިތްގައިމު ރާގަކަށް ގޮވާ ދޫންޏެއްގެ ތަސްވީރު ކުރަހާލާ ހެދީ. ޖަލުގެ ތޭރިތަކަށް ބަލައިލާފަ، އެވެސް ހަލާކުކޮށްލީ... ކުރެހުމުގަ. އަދި ޤުދުސް، ދޫނި އަތަށް ލައިގެން ހުންނަ ކަހަލަ ގޮތަކަށް ކުރަހާލީ.
މުޙައްމަދު ރޫޤޫ؛ ސޫރިޔާގައި ދިރިއުޅޭ، ފަލަސްޠީނު ކުރެހުންތެރިއެއް

އެހެން ގައުމެއްގައި ދިރިއުޅުނު ނަމަވެސް، އުފަން ފަސްގަނޑުގެ ހަނދާންތައް އެންމެ ހިނދުކޮޅަކަށްވެސް މުޙައްމަދުގެ ޚިޔާލާ ވަކިނުވެއެވެ. ދިރިހުއްޓައި އުފަން ފަސްގަނޑަށް ދެވުމަކީ އޭނާ ދެކެމުންދާ ހުވަފެނެކެވެ. އެ ހުވަފެނުގައި ޙަޤީޤީ ކުލަ ޖެއްސުމަށް މުޙައްމަދު ބޭނުންކުރަނީ އޭނާގެ ހަނދާންތަކެވެ.

މުޙައްމަދުގެ އުފަން ވަޒަނަކީ، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުންގެ ބާރުގެ ދަށުގައި އޮތް އަޝްޤިލޫނެވެ. މުޙައްމަދަކީ އޭނާގެ އާއިލާގެ މެންބަރުންގެ ތެރެއިން، ފަލަސްޠީނުގެ ބިންތައް ދޫކޮށް އެހެން ސަރަޙައްދަކަށް ހިޖުރަކުރި ހަމައެކަނި މީހާއެވެ.

އަހަރެމެން ދިޔައީ ބެން ގޫރިއޯން އެއަރޕޯޓަށް، އެތަނުން ސުވިޒަލަންޑް އެއަރޕޯޓަށް. ސުވިޒަލަންޑްގަ، އިޒްރޭލު ބޯޓުތައް އޮތީ ހަމަ އަހަރެމެންނާ ޖެހިގެން. އިޒްރޭލަށް ނިސްބަތްވާ އެންމެ ޤައިދީއެއްގެ ބަދަލުގަ، ފަލަސްޠީނުގެ 50 ޤައިދީން މިނިވަންކުރި. ދެން އަހަރެމެން ބަދަލުވީ ލީބިޔާގެ މަތިންދާބޯޓަކަށް. ސުވިޓްޒަރލަންޑުން ފުރައިގެން ދިޔައީ ލީބިޔާއަށް. އެތާ 2 މަހު އުޅުނިން. ލީބިޔާގަ އުޅެފަ ދެން އަހަރެމެން ބަދަލުވީ ސޫރިޔާއަށް، އޭގެ ފަހުން ލުބްނާނަށް. ދެން އަނެއްކާވެސް ލުބްނާން ދޫކޮށް ސޫރިޔާއަށް އައިސް، މިތާ ވަޒަންވެރިވީ.
މުޙައްމަދު ރޫޤޫ؛ ސޫރިޔާގައި ދިރިއުޅޭ، ފަލަސްޠީނު ކުރެހުންތެރިއެއް

ޣައްޒާ ކޮންޓްރޯލްކުރާ ޙަމާސް ޖަމާޢަތް ނައްތާލާނެ ކަމަށް ބުނެ އިޒްރޭލުން 4 މަސް ކުރިން ހިންގަން ފެށި ގަތުލުއާންމާއެކު މުޙައްމަދުގެ އާއިލާ ވަނީ ރަފަޙަށް ބަދަލުވެފައެވެ. ގެދޮރު ގެއްލިފައިވާ ރެފިއުޖީންގެ ގޮތުގައެވެ. މުޙައްމަދުގެ މިހާރުގެ ހުރިހާވެސް އުންމީދަކީ، އޭނާގެ އާއިލާގެ މެންބަރުން ހެޔޮ ހާލުގައި ތިބުމެވެ.

އަހަރެންގެ ފަހަރި ގުޅި މީގެ ދޮޅުމަސް ކުރިން. ބުނި ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅޭ. އެކަމަކު އެހެން ހިސާބެއްގައޭ ތިބީ. އެމީހުން ތިބީ ސަލާމަތުންކަން ކަށަވަރުކުރަން އަހަރެން ބޭނުމީ. އެމީހުންނަށް އެއްވެސް އަނިޔާއެއް ނުވާނެކަމަށް އުންމީދު ކުރަނީ. މިހާރު އަހަރެމެންނަށް ވިސްނޭހާވެސް ކަމަކީ، އާއިލާގެ މެންބަރުން ސަލާމަތުން ތިބުން... އުފަން ވަޒަނަކީ އެހެން ތަނަކާ އެއްފަދަ ތަނެއް ނޫން. އަހަރެމެން މަސައްކަތް މި ކުރަނީ، ސަލާމަތުން އުފަން ފަސްގަނޑަށް ދެވޭނެ ގޮތަކަށް. މި ހަނދާންތަކަކީ، އުފަން ވަޒަނަށް ދެވެންދެން، ހަނދާން ކުރަން ބޭނުންވާ ކަންތައްތަކެއް.
މުޙައްމަދު ރޫޤޫ؛ ސޫރިޔާގައި ދިރިއުޅޭ، ފަލަސްޠީނު ކުރެހުންތެރިއެއް

އޭނާގެ ކުރެހުންތަކުން ސިފަކޮށްދެނީ މިނިވަންކަމާއި އިންސާފު ހޯދުމަށް ފަލަސްޠީނުން އުފުލަމުންދާ ތަކުލީފުތަކެވެ. ކުރަމުންދާ ބުރަ މަސައްކަތެވެ. މުޙައްމަދު ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ކުރިއަށް ގެންދިޔަ މައުރަޒެއްގައި ބައިވެރިވެފައެވެ. އަދި މިއަދު އޭނާއަކީ ފަލަސްޠީނުގެ ސަގާފީ ހެދުމާއި ހަނދާނީ ހަދިޔާތައް ވިއްކާ ފިހާރައެއްވެސް ސޫރިޔާގައި ހިންގާ މީހެކެވެ.

މުޙައްމަދަކީ ފަލަސްޠީނު މީހުންނަށް ހަމަ ތަފާތު މިސާލެއް. ފަލަސްޠީނުގެ ޙައްޤުގަ ތެދުވި ހަނގުރާމައަކުން، ފަލަސްޠީނުގެ ޙައްޤުގަ ކުރަހާ މީހަކަށް ބަދަލުވި ގޮތަކީ، ހަމަ ލާމަސީލު މިސާލެއް. ފަލަސްޠީނުން ފައިބައިގެން ގޮސްވެސް، އާންމު މީހަކު އުޅޭނެ ގޮތަކަށް ނޫން މުޙައްމަދު އުޅެނީކީ. ހަމަ ފަލަސްޠީނުގެ ޙައްޤުގަ، ދުޝްމަނުންގެ ކުރިމަތީގަ ހަނގުރާމަ ކުރަމުން ދިޔައީ އޭނާގެ ކުރެހުންތަކުގެ ޒަރީޢާއިން.
މުޙައްމަދު ޚަލީލު؛ ފަލަސްޠީނު އެކްޓަރެއް އަދި ކުރެހުންތެރިއެއް

2.3 މިލިއަން މީހުންގެ ޢާބާދީއެއް އޮތް ޣައްޒާއަށް އަމާޒުކޮށް، އެއެއް މިއެއް ބެލުމެއް ނެތި އިޒްރޭލުން ދެމުން ޙަމަލާތަކުގައި މަރުވި ފަލަސްޠީނު މީހުންގެ ޢަދަދު މިހާރު ވަނީ 28000ށް އަރާފައެވެ. އެއީ ކޮން ބައެއްކަން ދެނެގަނެވިފައިވާ މީހުންގެ އަދަދެވެ. އެއްގަމާއި ވައިގެ މަގުން ދޭ ޙަމަލާތަކުގައި ބިމާހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އަދިވެސް އެތައް ހާސް ބައެއްގެ ހަށިގަނޑު ވާނެކަމަށް، ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް