ގައުމުގެ ވެރިކަން ކުރައްވާ އިރު ވެރިކަން ކުރައްވާ ފަރާތުން ގާނޫނީ އިމަށް އެނބުރިވަޑައިގަންނަވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވީ ފުލުހުން ތަހްގީގު ކުރަމުންދާ މައްސަލަ އަކަށް ފުލުސް އޮފީހަށް ވަޑައިގަތުމަށް ފަހު ނޫސްވެރިނަން މައުލޫމާތު ދެއްވަމުންނެވެ.
ޝާހިދު ވިދާޅުވީ މިރާއްޖޭގައި ގާނޫނު އަސާސީގެ ބާރު ކެނޑިގެން ދާ މަންޒަރު ފެނިއްޖެ ކަމަށާ އެއީ އަޅާނުލާ ތިބެންޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް އަބުދުﷲ ޔާމީނަކީ މި ގާނޫނު އަސާސީ ފާސް ކުރުމަށް ވޯޓު ދެއްވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ވެރިކަން ކުރެއްވުމަށް ދަތިފުޅު ގޮތަކަށް ގާނޫނު އަސާސީ އޮތް ކަމަށް ވިދާޅުވާ ވިދާޅުވުން ގަބޫލުފުޅު ނުކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ އިދާރާއަށް ވަންކަމަށް ބުނެ ސުވާލުކުރުމަށް އަންގާރަ ދުވަހު ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެން ނުކުންނެވުމަށްފަހު ވިދާޅުވީ، އެބޭފުޅާ އެ މަޖިލީހުގައި އިންނަވަނީ މިހާރު މި އޮތް ސަރުކާރުން ހިންގާ ވައްކަމާއި ފަސާދައާއި ކޮރަޕްޝަންގެ އަމަލުތައް ގާނޫނު އަސާސީގައި ބުނާގޮތަށް ބެއްލެވުމަށް ރައްޔިތުންގެ ޚިދުމަތުގައި ކަމަށާއި، އެހެންކަމުން އެތަނަށް ވެންނެވުމަށް ހުރަސް އެޅިގެން ނުވާނެ ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ވެސް ދެމި ހުންނަވާނީ އެމަސައްކަތުގައި ކަމަށާ ރައީސް ޔާމީން ކިތަންމެ ވަރަކަށް ބިރު ދެއްކެވުމަށް މަސައްކަތް ކުރެއްވިއަސް ރައްޔިތުންވެސް އަދި އެބޭފުޅުން ވެސް ތިއްބެވީ ފަހަތަށް ޖެހޭ ގޮތަށް ނޫންކަމަށް ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ މި މަސައްކަތް ހުއްޓާނީ ރައީސް ޔާމީން މި ގައުުމުގައި ޑިކްޓޭޓާރޝިޕްއެއް ގާއިމް ކުރައްވަން ކުރައްވާ މަސައްކަތް ހުއްޓުވާފައި" ޝާހިދު ވިދާޅުވިއެވެ.
މިގައުމުގައި ޚުދު މުޚްތާރު ވެރިކަމެއް ކުރުމުގެ ޖާގަ ރައީސް ޔާމީނަށް ނުދެއްވާނޭކަމަށާއި، މި ގައުމު އަލުން ރައްޔިތުނަަން ހޯއްދަވައިދެއްވާނޭކަމަށް ޝާހިދު ވިދާޅުވިއެވެ.