ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 14:53
ޙަނޫން ޢާއިލާއަކީ ކުކުޅު ކޮށީގައި ދިރިއުޅެމުންދާ 5 ޢާއިލާގެ ތެރެއިން އެއް ޢާއިލާ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
"ކޮތަރު ކޮއްޓެއްގައި" އުޅެން ޖެހިގެން ޝަކުވާކުރާއިރު، ބަޔަކު ކުކުޅު ކޮށީގައި ދިރުއުޅޭކަން އެނގޭތަ؟
 
ޣައްޒާގެ 5 ޢާއިލާއަކު ވަނީ ކުކުޅު ކޮށިތަކަށް އެމީހުންގެ ދިރިއުޅުން ބަދަލުކޮށްފަ
 
ނިދަނީ ކުކުޅު ބިސްއަޅާ، ފީކުރަން ޚާއްޞަކޮށްގެން ހަދާފައިވާ ކޮށިތަކުގައި
 
ކުކުޅު ކޮށިތަކުގައި ހުރި ދަގަނޑުތަކަކީ މިއަދު އެމީހުންގެ އެނދުގެ ފަޑިތަކާއި މަޅުތައް

ބޯހިޔާވަހިކަމާއި ގެދޮރުގެ ދަތިކަމުގެ ޝަކުވާއަކީ އަހަރެމެން ދިވެހިންގެ ތެރޭގައި ތާއަބަދުމެހެން އެންމެ އަޑުހަރުކޮށް ކުރަމުންދާ ޝަކުވާއެވެ. އުފަން ވަޒަނުގައި އަމިއްލަ ބިންކޮޅެއް ނެތުމާއި، އޮތް ބިންކޮޅު ފޮތިފޮތިކޮށް ބަހަން ޖެހުމާއި، ދިރިއުމުގެ އެކިއެކި ބޭނުންތަކަށް އެހެން މަންޒިލަކަށް ހިޖުރަކޮށް ގުލާނުކޮށްގެން ހޯދާ ފައިސާކޮޅު، ކޮންމެވެސް ބިންވެރިއަކަށް ދޭން ޖެހޭ ކަމުގެ ޝަކުވާތަކަކީ ކޮންމެ ދުވަހަކުވެސް އިވެމުންދާ ޝަކުވާތަކެކެވެ. ކަން މިހެން އޮތް އިރު، އަހަރެމެންނަށް ވުރެ މާ ނިކަމެތި ޙާލުގައި ބަޔަކު ދިރިއުޅެމުންދާކަން ގިނަ ފަހަރު އޮންނަނީ ހަނދާން ނެތިފައެވެ. މި ދައްކަނީ ހަމަ އުފަން ވަޒަނުގައި ރެފިއުޖީންނަށް ވެފައި ވާ ބައެއްގެ ވާހަކައެވެ. ނިރުބަވެރި އިޒްރޭލުން ވަރުގަދަ ޤަތުލުޢާންމެއް ހިންގަމުންދާ ޣައްޒާގެ އަޚުންނާއި އުޚުތުންގެ ވާހަކައެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ދުނިޔެ ފޮހެލާން ކަމަށް ބުނެ ޔަހޫދީ އިޒްރޭލުން މިދިޔަ އޮކްޓޯބަރު މަހު ހިންގަން ފެށި ޤަތުލުޢާންމުގައި، 2.3 މިލިއަން މީހުންގެ ޢާބާދީއެއް އޮތް ޣައްޒާ ސުންނާފަތިކޮށް ހަފުސްކޮށްފިއެވެ. މުޅި ޢާބާދީއަކީ މިއަދު ރެފިއުޖީންނޭ ދެންނެވިއަސް ދޮގަކަށް ނުވާހާ ގާތަށް، އެތައް ބަޔަކު ވަނީ އަމިއްލަ ގެތަކުން ނެރެލެވިފައެވެ. އޭގެ ތެރެއިން މިލިއަނެއްހާ މީހުން މިއަދު ތޮއްޖެހި، ފިތިބާރުވެގެން "ދިރުއުޅެމުން" ދަނީ ޣައްޒާއާއި މިޞްރު ހިއްސާކުރާ ބޯޑަރު ސަރަޙައްދުގައި އޮންނަ ރަފަޙުގައެވެ.

ރަފަޙުގެ ރެފިއުޖީ ކޭމްޕުތަކުގައިވާ ފޭލިގެތަކުންވެސް ފުރުޞަތު ލިބެނީ މަދު ބަޔަކަށެވެ. އެހެން ގޮތްގޮތް ހޯދަން މަޖުބޫރުވެފައިވާ ޢާއިލާތައް މަދެއް ނޫނެވެ. އެގޮތުން، ޣައްޒާގެ 5 ޢާއިލާއަކު ވަނީ ކުކުޅު ކޮށިތަކަށް އެމީހުންގެ ދިރިއުޅުން ބަދަލުކޮށްފައެވެ. ކޮންކުރީޓް ޝެޑްތަކެއްގައި ދިރިއުޅެމުން ދާ ޙާލު ފެނުނު ކޮންމެ މީހަކު ކަރުނަ އަޅާނެއެވެ. ނިދަނީ ކުކުޅު ބިސްއަޅާ، ފީކުރަން ޚާއްޞަކޮށްގެން ހަދާފައިވާ ކޮށިތަކުގައެވެ. ބަންކުބެޑަށް ބަދަލުކޮށްގެން ނިދިއެއް ކަމަކު، އެއީ ކީއްކުރާ ތަނެއްކަން ހަނދާން ނައްތާލެވޭނީ ކިހިނެއް ހެއްޔެވެ؟

ޙަނޫން ޢާއިލާއަކީ ކުކުޅު ކޮށީގައި ދިރިއުޅެމުންދާ 5 ޢާއިލާގެ ތެރެއިން އެއް ޢާއިލާއެވެ. ކުކުޅު ކޮށީގައި ދިރިއުޅެ، ކުކުޅު ބިސް އަޅަން ހަދާފައި ހުރި "ހާލި" ތަކުގައި ނިދަން ޖެހުމަކީ، އިންސާނަކަށް ވެ ހުރެ، ދިރިއުޅުމުގެ ފެންވަރު އެންމެ ދާނެ އެންމެ ދަށް ފަންތި ކަން، ޙަނޫން ޢާއިލާއިން ހިތާމައާއެކު ދުނިޔެއަށް ހަނދާން ކޮށްދިނެވެ.

މިތަނުގެ ޙާލަތު ވަރަށް ގޯސް. އަހަރެމެން ގަޔަށް ފެންވެސް ފައިބާ. ވައިގެ ތެތްކަން އެހާ ބޮޑު. ގަދަ ފިނީގަ، ކުދިންނަށް ވަރަށް ވޭން އަޅާ. މުސްކުޅިންނާއި ބަލިމީހުންވެސް އެ ހާލުގަ. އަހަރެމެންގެ ދިރިއުޅުން މިތާނގަ... ކީކޭ ބުނާނީ... ބައެއް ފަހަރު ހިތަށް އަރާ، އަނެއް ދުވަހަށް އަލި ނުވިލޭނެނަމައޭވެސް. އަހަރެމެންނަށް އެދެވޭ އެކަމަށް، ޝަހީދުވި މީހުންގެ ފަހަތުން އަހަރެމެންނަށްވެސް ދެވޭނެ ނަމައޭ ހިތަށް އަރާ، އެކަމަށް އުންމީދުވެސް ކުރެވޭ، މި އުޅެން ޖެހިފަ އޮތް ހާލުން.
އުއްމު މަހްދީ ޙަނޫން؛ ގެދޮރު ގެއްލިފައިވާ ފަލަސްޠީނު ރައްޔިތެއް

އުއްމު މަހްދީ ޙަނޫނު ވަނީ، އެ ކޮށީގައި އެ ޢާއިލާއިން ދިރިއުޅެމުންދާ ހިތްދަތި ދިރިއުޅުން ހިއްސާކޮށްފައެވެ. ކޭމްޕުގެ ޓެންޓަކަށް ވުރެ ޙާލު ދެރައޭ ބުންޏަސް ގޯހެއް ނެތެވެ.

އަހަރެމެން މި ދިރިއުޅެނީ ޖަނަވާރުތަކަށް ހަދާފަ ހުރި ތަނެއްގަ. ޖަނަވާރުތައް ދިރިއުޅޭ ތަނެއްގަ. އަހަރެމެން މިއަދު ވެއްޓިފަ މިތިބީ، ޖަނަވާރުތަކަށްވުރެވެސް ދަށު ދަރަޖައަކަށް. ޖަނަވާރު ގެންގުޅޭ މިކަހަލަ ތަންތަނުގަ، އެ ޖަނަވާރުތައް ބަލަހައްޓަން މީހުން އުޅޭނެ. ޖަނަވާރުތަކަށް ކާންދީ ބޯންދީ ހަދާނެ. އެކަމަކު، އަހަރެމެން ވެއްޓިފަ މިތިބީ އެޔަށްވުރެސް ދެރަ ފައްތަރަކަށް. އެއްވެސް މީހަކު އަހަރެމެންނާ އަޅައެއް ނުލާ. އަހަރެމެން މި ތިބެން ޖެހެނީ ޖަނަވާރުންގެ ދަރަޖައަށް ވެއްޓިފަ.
އުއްމު މަހްދީ ޙަނޫން؛ ގެދޮރު ގެއްލިފައިވާ ފަލަސްޠީނު ރައްޔިތެއް

ދަރިފުޅު މަހްދީއާއެކު މީގެ ކުރިން އޭނާ ދިރިއުޅެމުންދިޔައީ ޝައިޚް ރަދްވާން އަވަށުގައެވެ. އެއީ ޣައްޒާގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީގެ އަވަށެކެވެ. އެއީ ޤަތުލުޢާންމުގެ އެންމެ ކުރީކޮޅު، ޙަމަލާތައް އެންމެ ވަރުގަދަ ކުރި ސަރަޙައްދެވެ.

ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔަ ވަރަކަށް، ކުކުޅު ކޮށިތަކަކީ އަދި އެތައް ދުވަހަކަށް އެމީހުންނަށް އޮތް ގޮތްކަން ޤަބޫލު ކުރަން މަޖުބޫރުވިއެވެ. ކުކުޅު ކޮށިތަކުގައި ހުރި ދަގަނޑުތަކަކީ މިއަދު އެމީހުންގެ އެނދުގެ ފަޑިތަކާއި މަޅުތަކެވެ. ކައްކަން ބޭނުން ކުރާ އުނދުނަކީވެސް އެއީއެވެ. އެއީ އަދި ފުށްކޮޅެއް ލިބި، ޕާންކޮޅެއް ފިހޭވަރު ވެއްޖެ ނަމައެވެ.

އަހަރެމެންނަކީ އަހަރެމެންގެ ގެތަކުގަ ދިރިއުޅުނު މީހުން. އަހަރެމެންގެ ދަރިންނަކީ އެނދުތަކުގައި ނިދި ކުދިން. ހޫނުކަން ހުންނާނެ. ދިރިއުޅުމުގެ ޙާލަތު އެންމެ ތަނަވަސް ނުވިއަސް، ޢާއިލީ ލޯބި އޮވޭ. އަހަރެމެންނަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ ޢާއިލާއެއް. ދަރިންގެ މޫނުމަތިން ހިނިތުންވުން ދުށް ބައެއް. މިހާރު މިތިބީ އެންމެ ހިތްދަތި ހާލުގަ. ކުކުޅު ހާލިތަކަކީ މިއަދު އަހަރެމެންގެ ދަރިންގެ ތަންމަތި. އެހާ ފިނިގަދަ. ނަފްސާނީ ހާލު އެހާ ދެރަ. ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމެއް ނެތް. ކުކުޅު ހާއްޔެއްގަ ކުއްޖަކު ނިދަންޖެހޭއިރު، އެ ކުއްޖާއަށް ކުރާނެ އަސަރު ނިކަން ވިސްނާލަބަލަ.
އުއްމު މަހްދީ ޙަނޫން؛ ގެދޮރު ގެއްލިފައިވާ ފަލަސްޠީނު ރައްޔިތެއް

ކުކުޅާއި ދޫނިސޫފާސޫތްޕަށް ހަދާފައިވާ ތަނެއްގައި އިންސާނުން އުޅެން ޖެހުމުން ކުރެވޭ އިޙްސާސްތައް، އެހެން މީހަކަށް ވަޒަންކޮށް ނުލެވޭނެއެވެ.

މިތަނަށް އަންނަން ނިންމީ، އަހަރެމެންނަކީ ބޮޑު ޢާއިލާއަކަށް ވީމަ. 27 މެންބަރުން. 4، 5 ވަކި ޢާއިލާއެއް މި އުޅެނީ. ޣައްޒާ ސިޓީގެ ޝައިޚް ރަދްވާން ދޫކޮށް އަހަރެމެން އެންމެ ފުރަތަމަ ބަދަލުވީ އަލް-ޒަވޭދާއަށް. ޙަމަލާ ދޭ ވަރުން، އެހެން ތަނެއް ހޯދަން ފެށީ. އެކަމަކު، އަހަރެމެންގެ ޢަދަދުގެ ގިނަ ކަމުން، އެހެން ތަނެއް ނުފެނުން. ދެން، އަހަރެންގެ ދެބެންގެދެދަރި ކުއްޖެއްގެ ރައްޓެއްސަކު ބުނީ، ރަފަޙުގަ އެބަ ހުއްޓޭ ކުކުޅު ގެންގުޅޭ ތަނެއް... މިކަހަލަ ތަނެއްގަ އުޅެން ވަރަށް ދަތި. މީ ކުކުޅާއި ދޫނިތަކަށް ހަދާފަ ހުރި ތަނެއް. އަމިއްލަ މީހާ މި އިންނަނީ ކޮއްޓެއްގަ ބަންދުވެފަ. ކުދިވެރިންވެސް އެންމެ ފުރަތަމަ ބޭނުމެއް ނުވި މިތާ އުޅޭކަށް. އަހަރެމެން ބުނިން، ދެތިން ދުވަހެއްގެ ތެރޭ ހަނގުރާމަ ހުއްޓިދާނޭ، އޭރުން އަމިއްލަ ގެއަށް ދާނީއްޔޭ. އެކަމަކު ދެން މި އެނގެނީ، މި ދިގުލައިގެންދާނެ ކަމެއްކަން. ކުކުޅު ކޮށިތަކުގައި އަދި އެތައް ދުވަހަކު ނިދަންޖެހޭނެކަން.
މަހްދީ ޙަނޫނު؛ ގެދޮރު ގެއްލިފައިވާ ފަލަސްޠީނު ރައްޔިތެއް

ދިރިއުޅެން ލިބިފައި އޮތީ "ކޮތަރު ކޮށި"ތަކުގައޭ، ފެންވަރެއް ނެތޭ، ދައްކަންޖެހޭ ކުލީގެ އަގު މާ ބޮޑޭ ކިޔައިގެން ޝަކުވާ ކުރާ އިރު، ޙަނޫން ޢާއިލާ މަތިން ހަނދާން ކޮށްލާށެވެ. ޣައްޒާގެ އަޚުންނާއި އުޚުތުން ދައްކައިދެމުންދާ ރީތި މިސާލުން ޢިބްރަތް ހާސިލުކޮށް، ލިބޭ މިންވަރަށް ޝުކުރު ކުރަން ދަސްކުރާ ބަޔަކަށް އަހަރެމެންވެސް ވަމާ ހިނގާށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް