ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 09:03
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
ރޮއިޓާސް
އޭއެފްސީ ޗެމްޕިއަންސް ލީގު
އަލް ނަސްރު މޮޅުކޮށްދިނީ ރޮނާލްޑޯ
މި ދެ ޓީމުގެ ދެ ވަނަ ލެގު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި އަލް ފެއިހާއާ ދެކޮޅަށް ކުޅުނު މެޗުން، އަލް ނަސްރު މޮޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ ޕްރިންސް ފައިސަލް ބިން ފަހްދު ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ ލެގުގެ މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އަލް ނަސްރުން ވަނީ މޮޅަށް ކުޅެފަ އެވެ. މެޗުން އަލް ނަސްރު މޮޅުވީ ފަހު ދިހަ މިނެޓުގެ ތެރޭގައި ޖެހި ލަނޑުންނެވެ. އޭގެ ކުރިން ވެސް އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ.

މެޗުގެ 81 ވަނަ މިނެޓުގައި އަލް ނަސްރަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ އެ ލަނޑު ޖެހީ މާސެލޯ ބްރޮޒޮވިޗް ޖައްސާލި ބޯޅައެއް، ގޯލަށް ފޮނުވާލައިގެންނެވެ. މިއީ އަލް ނަސްރަށް ބަދަލުވެ މޮޅަށް ކުޅެމުން އަންނަ ރޮނާލްޑޯ އެ ޓީމުގައި މިހާތަނަށް ޖެހި 45 ވަނަ ލަނޑެވެ. މިދިޔަ އަހަރު ނިންމާލިއިރު، އަހަރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި އޮތީ ވެސް އަލް ނަސްރު އެވެ.

މޮޅާއެކު އަލް ނަސްރުން ކުއާޓާ ފައިނަލްގެ އުންމީދު ބޮޑުކުރިއިރު، މި ދެ ޓީމުގެ ދެ ވަނަ ލެގު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް