މާރާމާރީ ތަކާއި ގުޅިގެން ފުލުހުންގެ ބާރު އެންމެ މަތީ ދަރަޖައަށް ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުންގެ އިދާރާއިން މިހެން ބުނެފައި މިވަނީ މާރާމާރީތައް އިތުރުވެ ހަފްތާއެއްގެ ތެރޭގައި ދެމީހަކު މަރުވުމުން ޢާއްމުންގެ ފާޑުކިއުންތައް ފުލުހުންނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެއިދާރާއިން ނެރުނު ބަޔާނެއްގައެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވޭތުވެ ދިޔަ ދުވަސްތަކުގައި މާރާމާރީއާއި ރޭވިގެން ހިންގާ ކުށްތައް ކުރާ މިންވަރު ވަރަށް ބޮޑުތަން މަދުވެފައިވީ ނަމަވެސް މިފަހަކަށް އައިސް އެފަދަ ކުށްތައް، ޚާއްޞަކޮށް ތޫނު އެއްޗެހި ބޭނުން ކޮށްގެން ހިންގާ މާރާމާރީ ވަނީ އިތުރުވެފައިވާ ކަމަށެވެ.. އަދި ތޫނު އެއްޗެހި ބޭނުން ކޮށްގެން ހިންގާ މާރާމާރީ ހުއްޓުވުމަށްޓަކއި ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށެވެ. އެގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތުހުމަތު ކުރެވޭ މީހުންނާއި ތަންތަން އަދި އުޅަނދުތައް ބަލައި ފާސްކޮށް މާލެތެރެ ޕެޓްރޯލް ކުރުމުގެ މަސައްކަތް ދަނީ ހުއްޓުމެއްނެތި ކުރަމުން ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން ބުނީ ބަލާ ފާސްކުރެވުނު ތަންތަނުން މާރާމާރީ ހިންގަން ބޭނުން ކުރެވިދާނެ ތަކެއްޗާއި ތޫނު ހަތިޔާރާއެކު އެކި ގުރޫޕްތަކަށް ނިސްބަތްވާ 23 މީހަކު ހައްޔަރުކޮށް ތަހުގީގް ކުރަމުންދާކަމަށެވެ.
ފުލުހުން ބުނީ ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގި މާރާމާރީތަކުގެ ތެރެއިން ޖުލައި 19 ވަނަ ދުވަހު އެލްސިއޯން ބޭކަރީ ކައިރިން ތޫނު އެއްޗަކުން ހަމަލާދި މައްސަލައިގާ ހިމެނޭ މީހުންވެސް ހޯދާ ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގާފައިވާ މާރާމާރީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހިމެނޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން ތަފާތު އެކިފަހަރުމަތިން އެފަދަ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުންގެ ވަނަވަރުތަކާއި ފޮޓޯތައް މީޑިއާތައް މެދުވެރިކޮށް ދެއްކިފައި ވެސް ވާނޭ ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޓަރމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތާއި ހޯމަ ދުވަހުގެރޭ ލިޓަސް ސަރވިސް ސެންޓަރު ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލައާ ގުޅުންހުރި މީހުން ހޯދުމުގެ މަސައްކަތްވެސް ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ފުލުހުން ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
ފުލުހުން ބުނީ މިފަދަ ރަހުމް ކުޑަ ޢަމަލްތައް ހިންގާ ފަރާތްތައް ހޯދައި އެފަރާތްތަކުގެ މައްޗަށް ހިންގަން ޖެހޭ ތަހުގީގްތައް ހިންގައި ޝަރީޢަތައް ހުށަހަޅާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް ދޭ ކަމަށެވެ. އަދި މުޖުތަމައު ތެރޭގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ހިންގާ މިފަދަ ޢަމަލްތައް ހުއްޓުވުމަށް ފުލުހުންނަށް ލިބިފައިވާ އެންމެހާ ވަސީލަތްތައް އޭގެ އެންމެ މަތީ ދަރަޖައަށް ބޭނުން ކުރާނެ ކަމަށެވެ.
ފުލުހުން މިހެން ބުނެފައިވާއިރު ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެފައި ވަނީ މިކަމުގައި ސިޔާސީ ބަޔަކު އަޑީގައި ތިބިތޯ ބަލަމުންދާ ކަމަށާއި އެކަމުގެ ޙަޤީގަތް އެނގިގެން ދާނީ ތަހުގީގް ނިމުމުން ކަމަށެވެ.