Advertisement
ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 15:50
ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު
ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
މެމްބަރުން ހައްޔަރު ކުރުން
ހައްޔަރު ކުރެވޭ މެމްބަރުން މަޖިލީހަށް ހާޒިކުރަން ޖެހޭ ކަމަށް މެމްބަރު ނަޝީދު ވިދާޅުވެއްޖެ
މަޖިލީހުގެ 205 ވަނަ ވަނަ މާއްދާގެ ދަށުން ހައްޔަރު ކުރެވޭ މެމްބަރުން މަޖިލީހަށް ހާޒިރު ކުރަންޖެހޭ
މަޖިލީހުގެ ގަވާއިދަކީ ގާނޫނުއަސާސީން ބާރުލިބިފައިވާ، ގާނޫނީ ބާރު ހިނގާ ގަވައިދެއް
ގިނަ މެމްބަރުންތަކަށް ދަނީ ތުހުމަތު ކުރެވި، ޖަލަށް ލަމުން

އެކިއެކި ތުހުމަތުތަކުގައި ފުލުހުން ހައްޔަރު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މަޖިލީހުގެ ޖަލްސާތަކާއި އެ މެމްބަރު ހިމެނޭ މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރު ކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހާޒިރުކޮށްދިނުމަށް އެ ކޮމެޓީން އެދިފައި ވަނިކޮށް، ފާރިސް ކޮމެޓީއަށް ހާޒިރު ކޮށްދީފައިނުވުމާއި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއްގައި އެމެމްބަރުން ޖަލުގައި ބަންދުކުރުމާއި ގުޅިގެން އެ މެމްބަރުން ނިސްބަތްވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުން، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރު ކޮށްދޭން ޖެހޭނެ ކަމަށް ބުނެފައި ވަނިކޮށް ނަޝީދުގެ އަމިއްލަ ބްލޮގްގައި ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން ތުހުމަތެއްގައި ހައްޔަރު ކުރެވޭ މެމްބަރުން މަޖިލީހަށް ހާޒިރު ކޮށްދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އިމްތިޔާޒު ޤާނޫނުގެ 16 ވަނަ މާއްދާ އުވާލުމުގައި ސުޕްރީމް ކޯޓުން ފާހަގަ ކުރައްވާފައިވާ ކަންކަމަށް ބަލާއިރު، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ  މީހުންގެ ތެރެއިން ޙާޒިރުކޮށްދޭން ނުޖެހޭނީ ކުށުގެ ވެށިން ހައްޔަރު ކުރެވޭ މީހުން އެކަންޏެވެ.

ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ޢިބާރާތުން ދަންނަވާނަމަ، މެންބަރެއްގެ މައްޗަށް "ސިޔާސީ ބޭނުމެއްގައި ބަޔަކު ކޮށްފާނެ ޙަޤީޤަތާ ޚިލާފު ކެހިވެރި ޝަކުވާތަކާއި ދަޢުވާތަކުގެ ސަބަބުން އެ މެންބަރުންނާ މަތިކުރެވިފައިވާ ރައްޔިތުން ތަމްސީލުކުރުމުގެ ދުސްތޫރީ މަސްއޫލިއްޔަތަށް ހުރަސްއެޅިގެން" ނުދިޔުމަކީ، އިމްތިޔާޒު ލިބިދިނުމުގެ މައިގަނޑު މަޤްޞަދު ކަމަށްވާތީ، އެ ނަޒަރުން ބަލާއިރު، ކުށުގެ ވެށިން ހައްޔަރުކުރެވޭ މެންބަރުންނަކީ، އެފަދަ ރޭވުމަކަށް ނުވަތަ ޝަކުވާއަކަށް ފުރުޞަތު އޮންނާނެ ބައެއް ކަމުގައި ނުބެލެވޭނެތީއެވެ. އެހެންނަމަވެސް، ހައްޔަރުކުރެވޭ މެންބަރުންގެ ތެރެއިން، ކުށުގެ ވެށިން ހައްޔަރުކުރެވޭ މެންބަރުން ފިޔަވައި، ހައްޔަރުކޮށްފައި ތިބޭ އެނޫން މެންބަރުން މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން ޙާޒިރު ކޮށްދޭންވާނެ ކަމަށް ބެލުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އިމްތިޔާޒު ޤަޟިއްޔާގައި ސުޕްރީމް ކޯޓުގެ ޙުކުމް އައިސްފައިވާގޮތުން، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއަށް ޢަމަލުކުރުމަށް އޮތް ފުރުޞަތު ނެތިގެންދާ ކަމަކަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. އަދި، ހަމައެހެންމެ، މަޖިލީހުގެ ގަވާއިދުން ލާޒިމުކުރާ ކަމެއް ކުރުމަކީ، ބައެއްގެ ނުވަތަ މީހެއްގެ އިޚްތިޔާރަށް ދޫކޮށްލެވިދާނެ ކަމެއްކަމަކަށް ވެސް ދެކެވަޑައި ނުގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއަށް ޢަމަލު ނުކޮށްފިނަމަ، މަޖިލީހުގެ މެންބަރަކަށް ލިބިދޭ އިމްތިޔާޒުގެ މަޤްޞަދު ހާސިލު ނުވުމުގެ ބިރު އެބައޮތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން ނަޝީދު ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުން ބުނެފައިވާ ފަދައިން، މަޖިލީހުގެ އިމްތިޔާޒުގެ މަޤްޞަދަކީ، "މެންބަރެއްގެ މައްޗަށް ސިޔާސީ ބޭނުމެއްގައި ބަޔަކު ކޮށްފާނެ ޙަޤީޤަތާ ޚިލާފު ކެހިވެރި ޝަކުވާތަކާއި ދަޢުވާތަކުގެ ސަބަބުން އެ މެންބަރުންނާ މަތިކުރެވިފައިވާ ރައްޔިތުން ތަމްސީލުކުރުމުގެ ދުސްތޫރީ މަސްއޫލިއްޔަތަށް ހުރަސްއެޅިގެން" ނުދިޔުން ކަމަށެވެ. އިމްތިޔާޒު އޮތުމުގެ މި މަޤްޞަދު ހާސިލު ނުވެދިޔުމަކީ، ކަންބޮޑުވުން ޖާއިޒު ކަމެއްކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް