ކ. މާލެ
|
9 ފެބްރުއަރީ 2024 | ހުކުރު 13:12
ތިމަރަފުށީ ދާއިރާގެ މިހާރުގެ ކެންޑިޑޭޓް ރިޔާޒާއި ރައީސް އޮފީހުގެ ދެ ވަޒީރުން ބައްދަލުކުރައްވަނީ
ތިމަރަފުށީ ދާއިރާގެ މިހާރުގެ ކެންޑިޑޭޓް ރިޔާޒާއި ރައީސް އޮފީހުގެ ދެ ވަޒީރުން ބައްދަލުކުރައްވަނީ
ސޯޝަލް މީޑިއާ
ތިމަރަފުށީ ދާއިރާ
ތިމަރަފުށީ ދާއިރާގެ ކަންކަން ކުރިއަށްގެންދާނީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓު އަހުމަދު ރިޔާޒުގެ ބެލުމުގެ ދަށުން ރައީސް އޮފީހާ ކޯޑިނޭޓްކޮށްގެންކަމަށް އެ އޮފީހުގެ ދެ ވަޒީރަކު ވިދާޅުވެއްޖެ
 
އެ ދާއިރާގެ ޕީޕީއެމް ޕީއެންސީގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ލިބިފައިވަނީ އިބްރާޙީމް ސަނާހު އަށް
 
ތިމަރަފުށީ ދާއިރާއަށް އަހުމަދު ރިޔާޒު ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި
 
ރައީސް އޮފީހުގެ ވަސީލަތްތަކާއި ހަކަތަ ވަކި ކެންޑިޑޭޓެއްގެ ކެމްޕެއިނަށް ބޭނުންކުރާ ކަމަށް ވަނީ ތުހުމަތުކުރެވިފައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތިމަރަފުށީ ދާއިރާގެ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ އެ ދާއިރާ އަށް އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓު އަހުމަދު ރިޔާޒުގެ ބެލުމުގެ ދަށުން ރައީސް އޮފީހާ ކޯޑިނޭޓްކޮށްގެންކަމަށް ރައީސް އޮފީހުގެ ދެ މިނިސްޓަރަކު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ ރައީސް އޮފީހުގެ ދެ މިނިސްޓަރުން އަދި ރައީސްގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި މަސައްކަތްކުރައްވަމުންދާ އާދަމް ރަމީޒު އާއި އަބްދުﷲ ނާސިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށީ ދާއިރާގެ މިހާރުގެ މެންބަރާއި އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓަކާއި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް މީހުންނާއި ވާހަކަދައްކަވާ މަންޒަރެވެ.

ޕްރައިމަރީއަކާ ނުލައި ތިމަރަފުށީ ދައިރާގެ ޕީޕީއެމް/ޕީއެންސީ ޓިކެޓް ލިބިފައިވަނީ ވަނީ އިބްރާޙީމް ސަނާހު އަށެވެ. ނަމަވެސް މި ވީޑީއޯގައި ފެންނަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ތާއީދުކުރައްވާ ކެންޑިޑޭޓަކީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިމަރަފުށީ ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒް ކަމަށް އެ ދެ ވަޒީރުން ތަކުރާރުކޮށް ވިދާޅުވާ މަންޒަރެވެ. ޚުދު ރައީސް މިކަމުގެ ޔަޤީންކަން އެ ބޭފުޅުންނަށް އަރުވާފައިވާ ކަމަށް ވެސް މި ވީޑިއޯގައި ވިދާޅުވެއެވެ. އެގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތިމަރަފުށީ ދާއިރާއަށް ޕްރޮގްރެސިވް ކޯލިޝަނުގެ ކެންޑިޑޭޓަކު ހުރި ނަމަވެސް ރައީސްގެ ފުރިހަމަ ތާއީދު އަހުމަދު ރިޔާޒަށް އޮތް ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ. އަދި މިކަން ޚުދު ރައީސް ވެސް ތިމަރަފުށީ ކައުންސިލާ ބައްދަލުކުރައްވާއިރު ވިދާޅުވާނެކަމަށް ވެސް އެ ދެ ބޭފުޅުން ވިދާޅުވެއެވެ.

މީގެ އިތުރުން މީގެ ފަހުން ތިމަރަފުށީ ދާއިރާއާ ގުޅުން ހުރި ކަންކަން ކޯޑިނޭޓްކުރާނީ އަހުމަދު ރިޔާޒް މެދުވެރިކޮށް އެ ދެ ވަޒީރުންނާއި ކަމަށާއި އެ ދާއިރާގެ ކަންކަން ކޯޑިނޭޓްކުރާނީ ރައީސް އޮފީހާއި ކަމަށް ވެސް ރައީސް އޮފީހުގެ އެ ދެ ވަޒީރުން ވިދާޅުވެއެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަށް ގުޅުއްވާ ކެމްޕެއިންގެ ކަންކަން ހުއްޓާލަން އަންގަން ރައީސް އިރުޝާދުދެއްވާފައިވާ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެއެވެ.

ތިމަރަފުށީ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ލިބިފައިވާ އިބްރާހީމް ސަނާހު (ސަންޓޯ)އަކީ ރައީސް މުއިއްޒުގެ ކުރީގެ ޕާސަނަލް އެސިސްޓަންޓެވެ. ސަނާހު އަށް ވަނީ ޓިކެޓުގެ ލިޔުން ވެސް ހަވާލުކޮށްފަ އެވެ. މި ވީޑިއޯ މީސްމީޑިއާގައި ދައުރުވުމުން އެ ދާއިރާގެ އާއްމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށް ސަރުކާރުން މި އިންތިޚާބަށް ނުފޫޒުފޯރުވާކަމަށް ދަނީ ބުނަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން މިފަދަ ބައްދަލުވުމެއް އެ ދާއިރާގެ ކެންޑިޑޭޓަކާއެކު ރައީސް އޮފީހުގެ ދެ ވަޒީރަކު ބާއްވަވާ، އެ ވީޑިއޯ ލީކުވެފައިވާއިރު، އެކަމާއި ގުޅޭ ގޮތުން ސަރުކާރުން ވެސް އަދި ޕީޕީއެމް/ޕީއެންސީން ވެސް ރަސްމީ ސިފައެއްގައި ބަހެއް ބުނެފައެއް ނުވެއެވެ.

ރައީސް އޮފީހުގެ މިނިސްޓަރުންގެ މިފަދަ ވީޑިއޯއެއް ހާމަވެފައި މި ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދާއިރާތަކަށް ނުފޫޒު ފޯރުވުމަށް ސީދާ ރައީސް އޮފީހުން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވެމުންދާ ދަނޑިވަޅެއްގައެވެ. އަދި ދާއިރާތަކަށް ބޭނުންވާ ކަންކަން ކޮށްދޭނީ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމުން ކަމަށް ބުނުމާއި ރައީސް އޮފީހުގެ ވަސީލަތްތަކާއި ހަކަތަ ވަކި ކެންޑިޑޭޓެއްގެ ކެމްޕެއިނަށް ބޭނުންކުރާ ކަމަށް ވެސް ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް