ނިމިދިޔަ 2023 ވަނަ އަހަރަކީ، ރެކޯޑުތައް ބަލަހައްޓަން ފެށިފަހުން ދުނިޔޭގައި މިހާތަނަށް އެންމެ ހޫނުގަދަވިކަމަށް ރިކޯޑުކުރެވުނު އަހަރު ކަމަށް، ކޮޕަނިކަސް ކްލައިމެޓް ޗޭންޖް ސަރވިސް (ސީ3އެސް)އިން ބުނެފިއެވެ.
ޔޫރަޕުގެ އިއްތިހާދު (އީޔޫ)ގެ ހިއްސާ އޮންނަ ކޮޕަނިކަސްއަކީ މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ދެނެގަނެ، އެ މައުލޫމާތުތައް އާންމުންނާ ހިސާބަށް ގެނެސްދިނުމުގެ ޚިދުމަތްދޭ ފަރާތެކެވެ.
އެގޮތުން 1940 ވަނަ އަހަރު ދުނިޔޭގެ ފިނިހޫނުމިނުގެ ރެކޯޑްތައް ބަހަލައްޓަން ފެށި ކޮޕަނިކަސްއިން ނެރުނު "މަންތުލީ ކްލައިމެޓް ބުލެޓިންގ"ގެ މިދިޔަ ޑިސެމްބަރުގެ ބުލެޓިންގގައި ވަނީ، މިދިޔަ އަހަރު ދުނިޔޭގެ ފިނިހޫނުމިން ހުރި މިންވަރުގެ މައްޗަށް އަލިއަޅުވާފައެވެ.
އެ ރިޕޯޓުގައި ވަނީ، މިދިޔަ ޑިސެމްބަރު މަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރެކޯޑް ކުރެވިފައިވާ އެންމެ ހޫނު ގަދަ ޑިސެމްބަރު ކަމަށެވެ. އަދި މިދިޔަ އަހަރުގެ ފަހު ހަތް މަހަކީ ދުނިޔޭގެ ފިނިހޫނު މިނުގެ ރެކޯޑްތައް މުގުރާލި މަސްތަކަށް ވީއިރު، ވަކިން ޚާއްސަކޮށް މިދިޔަ އަހަރަކީ ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން، މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ހޫނުގަދަ އަހަރު ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
އެގޮތުން މުޅި މިދިޔަ އަހަރުގެ ދުނިޔޭގެ ފިނިހޫނުމިން އެވްރެޖް ގޮތެއްގައި ދުނިޔޭގެ ސަތަހައިގައި ހުރިކަމަށް ދައްކަނީ 13.51 ޑިގްރީ ސެލްސިއަސްގައެވެ. މިއީ 1991 ވަނަ އަހަރުން ފެށިގެން، 2020 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ސަތަހައިގައި ފިނިހޫނުމިން ހުރި މިންވަރަށްވުރެ، 0.31 ޑިގްރީ ސެލްސިއަސްގެ އިތުރުވުމަކަށް ވާއިރު، މިއީ ދުނިޔޭގައި އޭގެ ކުރިން އެންމެ ހޫނުވިކަމަށް ރެކޯޑްކުރެވުނު 2015އާއި 2019ގެ ޑިސެމްބަރަށްވުރެ ވެސް ހޫނު މިންވަރެކެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ސީ3އެސްގެ ޑިރެކްޓަރު ކާލޯ ބުއޮންޓެމްޕޯ ވިދާޅުވީ، މިދިޔަ އަހަރުގެ ފަހު ހަތް މަހަކީ ޖެހިޖެހިގެން ދުނިޔޭގެ އެންމެ ހޫނުގަދަވި ހަތް މަހަށް ވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި މޫސުމީ ލަނޑުދަނޑިތައް ހާސިލްކުރަން ބޭނުންނަމަ ވަގުތުން ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.