ކ. މާލެ
|
6 ފެބްރުއަރީ 2024 | އަންގާރަ 22:34
އައްޑޫ ސިޓީ ހިތަދޫ
އައްޑޫ ސިޓީ ހިތަދޫ
މުހައްމަދު ޝަރުހާން
ހިތަދޫ-ހުޅުމީދޫ ބުރިޖު
ހިތަދޫ-ހުޅުމީދު ބްރިޖަކުން ގުޅުވުމަށްވުރެ، ފެރީގެ ނިޒާމުން ގުޅުވައިލުން މުހިންމު: އީކޯ ކެއަރ
 
ހުޅުމީދޫއާ އެއްގަމު މަގުން ގުޅުވާލުމަށް ކޮންމެހެން ވެސް ބޭނުންތެރިނަމަ، އައްޑޫ ގަމު މަގުން ހުޅުމީދޫއާ ގުޅުމަށް އެ ޖަމްއިއްޔާއިން ވަނީ ހުށަހަޅާފައި

އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވާލުމަށް، ބްރިޖަކަށްވުރެ މުހިންމީ ފެރީގެ ނިޒާމު ކަމަށް، ތިމާވެށީގެ ރައްކާތެރިކަމަށް ވަކާލާތުކުރާ ޖަމްއިއްޔާއެއް ކަމަށްވާ އީކޯ ކެއަރ މޯލްޑިވްސްއިން ބުނެފިއެވެ.

ހިތަދުއާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖުގެ ސަބަބުން އައްޑޫން ހިމާޔަތްކޮށްފައިވާ ނޭޗަރ ޕާކަށް ގެއްލުންވާނެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އީކޯ ކެއަރއިން ނެރުނު ބަޔާނެއްގައި ބުނީ، ފެރީގެ ނިޒާމުން ދެރަށް ގުޅުވާލުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަމަށެވެ.

އަދި ހުޅުމީދުއާ އެއްގަމު މަގުން ގުޅުވާލުމަށް ކޮންމެހެން ވެސް ބޭނުންތެރިނަމަ، އައްޑޫ ގަމު މަގުން ހުޅުމީދޫއާ ގުޅުވުމަށް އެ ޖަމްއިއްޔާއިން ވަނީ ހުށަހަޅާފައެވެ. އޭގެ ސަބަބުން ހިމާޔަތްކޮށްފައިވާ އައްޑޫގެ ނޭޗަރ ޕާކަށް ގެއްލުންނުދެވި، އެ ސަރަހައްދުގެ ދިރުންތައް އާލާކުރެވޭނެ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

އަދި ހިންގާ އެފަދަ މަޝްރޫއުތަކުގައި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތްތައް ހޯދުމަށް، އެ ދާއިރާގެ ތަޖުރިބާކާރުންގެ ލަފާ ހޯދުމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހިތަދުއާއި ހުޅުމީދޫ ގުޅުވާލުމުގެ ބުރިޖަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން އެ ވައުދު ފުއްދުމަށް 30 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް