ޕެރިސް 2024 ގެ ރައީސް ޓޯނީ އެސްޓެންގުއެޓްގެ މުސާރައާ ގުޅިގެން ޝަރުއީ ތަހުގީގެއް ފެށި ނަމަވެސް، އެކަމާ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ޕެރިސް 2024 ގެ ޑެޕިއުޓީ މޭޔަރު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ އޮލިމްޕިކްސް އިންތިޒާމްކުރާ ކޮމެޓީން ވަނީ އެސްޓެންގުއެޓާ ދެކޮޅަށް ތަހުގީގެއް ކުރަމުންދާކަން ހާމަކޮށްފަ އެވެ. ނަމަވެސް، އެކަމާ ގުޅިގެން ފައިނޭންޝަލް ޕްރޮސެކިއުޓާ އޮފީހުން ވަނީ އެއްޗެއް ބުނުމަށް ދެކޮޅު ހަދައިފަ އެވެ.
އެކަމާ ގުޅިގެން މީޑިއާތަކާ ވާހަކަ ދައްކަވަމުން ޑެޕިއުޓީ މޭޔަރު ޕިއެރީ ރަބަޑަން ވިދާޅުވީ، އެފަދަ މައްސަލައެއްގ ތަހުގީގު ފެށިކަން އިނގުމުން އޭނާ އަށް ވެސް ލިބުނު ހައިރާންކަމެއް ކަމަށެވެ. ޑެޕިއުޓީ މޭޔަރު ވިދާޅުވީ އެމީހުންނަކީ 2017 ވަނަ އަހަރުން ފެށިގެން ވަރަށް ރަނގަޅަށް މޮނިޓަރ ކުރަމުން، އޮޑިޓު ކުރަމުން އަންނަ ބައެއްކަން އެންމެނަށް ވެސް އިނގޭނެ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ، އިންތިޒާމު ކޮމެޓީ އުފެދުނީއްސުރެ، އެސްޓަންގުއެޓުގެ މުސާރަ ވެސް ސާފުކޮށް އެންމެނަށް އިނގޭނެ ކަމަށެވެ.
މީގެ އިތުރުން ޑެޕިއުޓީ މޭޔަރު ވިދާޅުވީ އެކަމާ ގުޅިގެން ކަންބޮޑުވެ ވަޑައި ގަންނަވަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން އޭނާ އަށް ކުޑަކޮށް އުނދަގޫވި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ޤަބޫލު ކުރައްވާ ގޮތުގައި އެ ތަހުގީގަކީ ސާފު ނުވާ ކަމެއް އޮތް ނަމަ އެކަމެއް ސާފު ކޮށްދޭން ކުރިއަށް ގެންދާ ތަހުގީގެކެވެ. ނަމަވެސް، ތަހުގީގީ އިދާރާ އިން ހާމަކޮށްފައިވާ އަދަދާ މެދު ވެސް އޭނާގެ އެއްވެސް ކަންބޮޑުވުމެއް ނެތެވެ. ސަބަބަކީ އެއީ މީގެ ކުރިން ވެސް ހާމަކޮށް ފެންނަން އޮތް އަދަދަކަށް ވާތީ އެވެ. އޭނާ ވިދާޅުވީ އެކަމުގައި އިތުރަށް ސާފު ކުރަން ޖެހޭ ކަމެއް އޮތް ނަމަ، ފައިނޭންޝަލް ޕްރޮސެކިއުޓަރުގެ އޮފީހާ ސުވާލު ކުރެއްވުމަށެވެ.
އެސްޓަންގުއެޓްގެ މުސާރައިގެ އިބްތިދާއީ ތަހުގީގަކީ، ގޭމްސްގެ ވަށައިގެންވާ ގިނަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ތަހުގީގެއް ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.