ގާތްގަނޑަށް ދެ ހަފުތާ އަށް ފަހު އޮލިމްޕިކްސް ކުޅިވަރު މުބާރާތް ނިންމަން ފްރާންސް އަމާޒު ހިފައިފި އެވެ.
ހުޅުވުމުގެ ރަސްމިއްޔާތު ފްރާންސްގެ ސެންކޯރުގައި ބޭއްވި ނަމަވެސް އާދިއްތަ ދުވަހު މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ވެރިރަށް ޕެރިހުގެ މައި ދަނޑު ކަމަށްވާ ޕީއެސްޖީގެ ދަނޑު، ސްޓޭޓް ދި ފްރާންސްގަ އެވެ.
އޮލިމްޕިކްސް ނިންމުމުގެ ރަސްމިއްޔާތަށް ޓޮމް ކްރޫސް
ނިންމުނުގެ ރަސްމިއްޔާތުގައި ބައިވެރިވާނެ މަޝްހޫރު ފަންނާނުން ފްރާންސުން ވަނީ ސިއްރުކޮށްފަ އެވެ. ނަމަވެސް ހޮލީވުޑްގެ ބަތަލު ޓޮމް ކްރޫސް މި ރަސްމިއްޔާތުގައި ބައިވެރިވާނެކަން ގާތްގަނޑަކަށް ވަނީ ޔަގީންކޮށްފަ އެވެ. ފްރާންސްގެ މީޑިއާތަކުން ބުނާ ގޮތުގައި ނިންމުމުގެ ރަސްމިއްތާތުގެ އެންމެ ހާއްސަ އައިޓަމަކީ މުބާރާތް ދެން ބާއްވާނެ ގައުމާ އޮލިމްޕިކް ދަންމަރު ހަވާލު ކުރުމެވެ.
ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ އޮލިމްޕިކްސް ދެން އޮންނާނީ 2028 ވަނަ އަހަރު އެމެރިކާ އެވެ. ޓޮމް ކްރޫސް މި ރަސްމިއްޔާތުގައި ބައިވެރިވާ މައިގަނޑު ސަބަބަކީ ވެސް މިއީ އެވެ. ބެލެވޭ ގޮތުގައި ފްރާންސުގެ އެތްލީޓަކު ދަންމަރު ހަވާލުކުރާނީ އެމެރިކާ ތަމްސީލުކުރާ މެމްބަރުގެ ގޮތުން ނިންމުމުގެ ރަސްމިއްޔާތުގައި ސްޓަންޓް ޝޯ އެއް ގެނެސްދޭނެ ޓޮމް ކްރޫސްއާ އެވެ. ނަމަވެސް ރަސްމީކޮށް އެމެރިކާ އަށް ދަންމަރު ހަވާލުކުރާނީ ފްރާންސްގެ ޕެރިހުގެ މޭޔަރު އާން ހިޑާލްގޯ އެވެ. އެމެރިކާގެ ފަރާތުން ދަންމަރާ ހަވާލުވާނީ ލޮސްއެންޖަލިސްގެ މޭޔަރު ކެރަން ބާސް އެވެ.
ނިންމުމުގެ ރަސްމިއްޔާތުގައި އޮންނާނީ ޑާންސް ކުރުމާއި ސާކަސް އާޓިސްޓުންގެ ހުށަހެޅުންތަކާއި ފްރާންސާއި އެމެރިކާގެ ފަންނާނުންގެ ކުޅިވަރުތަކެވެ. މި ގޮތުން އެމެރިކާގެ ސްނޫޕް ޑޮގް ޕާފޯމް ކުރާއިރު، ފްރާންސްގެ ޓްރަންޕެޓް ކުޅުންތެރިއަކު ވެސް މި ރަސްމިއްޔާތުގައި އައިޓަމެއް ހުށަހަޅައިދޭނެ އެވެ.
ނިންމުމުގެ ރަސްމިއްޔާތުގެ ޑައިރެކްޓަރު ތޯމަސް ޖޮލީ ބުނީ ނިންމުމުގެ ރަސްމިއްޔާތުގައި ސައިންސްގެ ކުރިއެރުންތަކާއި އޮލިމްޕިކްސްގެ ތާރީހާއި ކުރިމަގު ދައްކުވައިދޭނެ ކަމަށެވެ.
މީގެ އިތުރުން އާދަކާދައިގެ މަތިން ނިންމުމުގެ ރަސްމިއްޔާތުގައި ބާއްވާ ހަރަކާތްތައް މި ފަހަރުވެސް އޮންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މުބާރާތުގެ ބައިވެރިންގެ ޕެރޭޑާއި 45000 ވޮލަންޓިއަރުންގެ ޝުކުރު ދެންނެވުމާއި އަންހެނުންގެ މެރަތަން ރިލޭގެ ޗެމްޕިއަނުންނަށް އިނާމް ދިނުމާއި ދަނޑުގައި ތިބޭ 10000 މީހުންނަށް އޮލިމްޕިކް ދަންމަރު ދައްކައިލުމާއި އެ ދަންމަރު މުބާރާތް ދެން ބާއްވާ ގައުމާ ހަވާލު ކުރުމެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތް ބޭއްވީ ވެހެމުންދިޔަ ބޯވާރޭގެ ތެރޭގަ އެވެ. ނަމަވެސް ސްޓޭޑިއަމުގައި ތިބެން ޖެހުމުން މެހުމާނުންނަށް ނިންމުމުގެ ރަސްމިއްޔާތުގައި ވާރެއިން ހިޔާވާކަށް ނުޖެހޭނެ އެވެ. ފްރާންސަށް މޫސުން ދައްކާގޮތުން އާދީއްތަ ދުވަސް ވާނީ 33 ޑިގްރީ ސެލްސިއަސްގައި ހުންނާނެ ހޫނު ގަދަ ދުވަހަކަށެވެ.