ކ. މާލެ
|
5 އޯގަސްޓް 2024 | ހޯމަ 10:05
ނޮވަކް ޖޮކޮވިޗް
ނޮވަކް ޖޮކޮވިޗް
ޑެއިލީ މެއިލް
އޮލިމްޕިކްސް
އޮލިމްޕިކް ރަންމެޑަލް ހޯދަން ޖޮކޮވިޗް ދިނީ ހިތާއި ފުރާނަ
އޮލިމްޕިކްސް ގޯލްޑް މެޑަލް އަކީ އޭނާ އަށް މިހާތަނަށް ކާމިޔާބު ނުވެ އޮތް ހަމައެކަނި އިނާމެވެ.

އޮލިމްޕިކްސް ޓެނިހުގެ އިންޑިވިޖުއަލް ކެޓަގަރީން ރަންމެޑަލް ހޯދުނީ ހިތާއި ފުރާނައިން ގުރުބާންވާން ތައްޔާރަށް ހުރެ ކުރި ބުރަ މަސައްކަތުން ކަމަށް ސާބިއާގެ ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

މިއީ ފާއިތުވެދިޔަ 20 އަހަރު ތެރޭގައި ދުނިޔެ ދުށް އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ އަށް މިހާތަނަށް ކާމިޔާބު ނުކުރެވި އޮތް ހަމައެކަނި މުބާރާތެވެ. އޮލިމްޕިކްސްގައި ރަންމެޑަލް ހޯދުމަށް މީގެ ކުރިން ހަތަރު މުބާރާތުގައި އޭނާ ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

މީގެ ކުރިން ޓެނިހުގެ ހުރިހާ ތައްޓެއް ކާމިޔާބު ކޮށްފައިވަނީ ހަތަރު ކުޅުންތެރިންނެވެ. އެއީ ރަފޭލް ނަޑާލް އާއި ސެރީނާ ވިލިއަމްސް އަދި އަންދްރޭ އަގާސީ އާއި ސްޓެފީ ގްރާފެވެ.

މިރޭ ކުޅުނު ފައިނަލްގައި ޖޮކޮވިޗް އަތުން ބަލިވީ ސްޕޭނުގެ ތެރި ކާލޮސް އަލްކަރާޒެވެ. މެޗު ނިމުމުން ބައްދާލުމަށްފަހު ދެ ކުޅުންތެރިން ފުރަތަމަ ފެށީ ރޯށެވެ. އަލްކަރާޒް ހުރީ ފެންކަޅިވެފައި ކޯޓު މެދުގައި އިސް ދަށަށް ޖަހައިގެންނެވެ. އެންމެ ފަހުވެ ވިމްބަލްޑަން ދެ ފައިނަލުގައި ވެސް ޖޮކޮވިޗް ބަލިކޮށްފައިވުމުން އަލްކަރާޒް ހުރީ މި ތަށި ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކޮށްގެންނެވެ. އަލްކަރާޒްއާ ސަލާމް ކުރުމަށްފަހު ކޯޓަށް ރެކެޓް އެއްލާލާފައި ދެ ކަކޫ މައްޗަށް ޖޮކޮވިޗް ތިރިވީ އުފަލުން ގޮސް އަޑުން އަޑުނަގައި ރޮމުންނެވެ. އެއަށްފަހު ތެދުވެ ކުޅިބަލަންތިބި އާއިލާގެ މެމްބަރުންނާ ބައްދަލުކުރުމަށްފަހު އޭނާ މެޑަލް އަޅުވަން ދިޔައީ ކުޅިބަލަންތިބި އެންމެން ދެމުންދިޔަ ތަރުހީބަށް ޝުކުރު އަރާކުރުމުގެ ގޮތުން އަތުން ހަނާ އަޅަމުންނެވެ.

ނޮވަކް ޖޮކޮވިޗް މެޗަށް ފަހު އާއިލާގެ މެމްބަރުންގެ ތެރޭގައި ހުއްޓައި ދަރިފުޅު ގޮސް ބައްދާލަނީ - ޑެއިލީ މެއިލް

މެޗަށް ފަހު ޖޮކޮވިޗް ބުނީ މެޗަކީ ވަރަށް ވާދަވެރި މެޗެއް ކަމަށާއި މިއީ އޭނާ ކުޅުނު އެންމެ ވަރުގަދަ އެއް ފައިނަލް ކަމަށެވެ.

އަހަރެންގެ ހިތާއި ފުރާނަ ދީގެން ވެސް މަސައްކަތްކުރީ މި މެޗުން މޮޅުވާން. އެކަން ކުރެވުމުން ވަރަށް އުފާވި. ފައިނަލް މެޗަކީ ވަރަށް ވާދަވެރި ވަރަށް ހަމަހަމަ މެޗެއް.
ނޮވަކް ޖޮކޮވިޗް

އޭނާ ބުނީ ޓެނިހުގެ ހުރިހާ ތައްޓެއް ހާސިލްކުރެވި ކެރިއަރު ފުރިހަމަ ކުރެވުމަކީ ވަރަށް އުފާވެރި އިހުސާސެއް ކުރެވޭ ކަމެއް ކަމަށެވެ.

ތެދެއް. މިއީ އަހަރެންނަށް ނުލިބި އޮތް ތައްޓަކީ. އެކަން ކުރެވުމުން އަހަރެެންގެ ކެރިއަރު ފުރިހަމަވެގެން މިދިޔައީ. ވަރަށް އުފާވެއްޖެ.
ނޮވަކް ޖޮކޮވިޗް
އޭނާގެ ހިތާއި ފުރާނަ ދީގެން ވެސް މަސައްކަތްކުރީ މެޗުން މޮޅުވާން ކަމަށް ބުނެފައިވޭ - ޑެއިލީ މެއިލް

އިންޑިވިޖުއަލް އިވެންޓުން ތިން ވަނަ ލިބުނީ އިޓަލީގެ ލޮރެންޒޯ މުސެޓީ އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް