Advertisement
ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 12:46
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
މުހައްމަދު ޝަރުހާން
ސައުދަށް ދައުވާކުރުން
ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ސައުދުއާއި ހަނީފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
މި މައްސަލައިގައި ހަނީފް ހައްޔަރުކުރި
ސައުދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރި
ސައުދު މިހާރު ވެސް ހުންނެވީ ފުލުހުންގެ ބަންދުގައި

ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހަރާކޮށްލަން ރޭވި ކަމަށް ބުނާ މައްސަލައިގައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންއާއި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަނޑިޔާރަކު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ ސައުދުގެ މައްޗަށް އުފުލާފައިވާ ކަމަށެވެ.

ސައުދުގެ މައްޗަށް ދައުވާ އުފުލައި އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު ކަމަށް ޕީޖީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ގްރޫޕެއް ފޮނުވައިގެން ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު ކަމުގެ ތުހުމަތުގައި ޖޫން މަހުން ފެށިގެން ދެ ފަހަރެއްގެ މަތިން ސައުދު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އެ މައްސަލައިގައި ސައުދުއާ ސުވާލުކުރިއިރު، އެ މައްސަލައާ ގުޅިގެން ހަނީފް ހައްޔަރުކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓި އެވެ.

ފަނޑިޔާރު ޝުޖާއުއާއި, ހަނީފްގެ އިތުރުން ސައުދުއަކީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ތިން ބޭފުޅުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހެއްކެއްގެ ގޮތުގައި ހަނީފްއާއި ސައުދުއާ ދެކޮޅަށް ފުލުހުން ބޭނުންކުރަމުންދަނީ އައްޑޫ ބަހުން ދެމީހަކު ވާހަކަ ދައްކާ އޯޑިއޯއަކާއި، ސަރުކާރުގެ ކޯޑިނޭޓަރަކު ދީފައިވާ ބަޔާނެކެވެ.

ސައުދުގެ މައްޗަށް ދައުވާ އުފުލިއިރު، މިހާރު ވެސް އޭނާ ހުންނެވީ ފުލުހުންގެ ބަންދުގަ އެވެ. އޭނާ ބަންދުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުން ކަނޑައަޅާފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާކަމުގެ ތުހުމަތުގަ އެވެ. ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. 

އެ މައްސަލަ އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން އެ ކޯޓުން ވަނީ މައްސަލަ ބަލައިގެންފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް