މަޖިލީހުން ތިން ވަޒީރަކަށް ރުހުން ނުދޭން ނިންމި ނިންމުމަށް ގޮންޖައްސަވައި، އެ ނަންތައް އަލުން މަޖިލީހަށް ފޮނުވުމަކީ "މަޖިލީހުގެ ކަންކަށިމަތީގައި" ޖެހުން ކަހަލަ ކަމެއް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިކްރާމް ވިދާޅުވީ ރާއްޖޭގައި އޮތީ ތިންބާރު ވަކިވެފައިއޮތް ނިޒާމެއް ކަމަށާއި، އެ ނިޒާމަށް އިޙްތިރާމުކޮށް، ޤާނޫނު އަސާސީގައި ބުނާ ގޮތަށް އެ ނިޒާމް ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަޒީރުން އައްޔަނުކުރެއްވުމާއެކު، އެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވަންޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވަމުން އިކްރާމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދީ މަޖިލީހުން ފޮނުވި ނަމަވެސް، ރައީސަކަށް ހުންނަވާ ބޭފުޅަކު މަސައްކަތްކުރައްވަން ވާނީ ނިޒާމުގައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
އެހެން ނަމަވެސް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން ފެންނަނީ، އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ބާރު، އެހެން ފަރާތްތަކަށް ދެއްކުމުގެ މަސައްކަތް ކަމަށް އިކްރާމް ވިދާޅުވިއެވެ.
އެކަމަކު މިފެނިގެން ދިޔައީ، މި ދަނީކީ މުޅިން އެހެންނެއް ނޫން. އެއަށްވުރެ ބޮޑަށް، ތިމަންނާގެ ބާރު ދައްކާލަންޖެހޭނޭ. އެއީ އަސްލުގައި އެހާ އެހާ ރަނގަޅު ގޮތެއް ނޫން އެއީކީދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން
އިކްރާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއްބާރުކަމަށްވާއިރު، މަޖިލީހުގެ މަސައްކަތް ކުރުމުގެ ޖާގަ ދިނުމުގެ އިތުރުން، މަޖިލީހުގެ ނިންމުންތަކަށް ސަރުކާރުން އިޙްތިރާމްކުރަން ވާނެ ކަމަށެވެ.
އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން އޭގެ މިސާލެއްގެ ގޮތުގައި ނަންގަވަމުން އިކްރާމް ވިދާޅުވީ، އެމަނިކުފާނު ވެރިކަން ކުރެއްވީ ވަރަށް ފުރިހަމަ ދައުރެއް ކަމަށާއި، އެމަނިކުފާނު ޤާނޫނު އަސާސީގެ އިތުރުން، ޤާނޫނުތަކަށް ވެސް އިޙްތިރާމް ކުރެއްވި ކަމަށެވެ.
މިސާލަކަށް ބައްލަވާ. ރައީސް ޞާލިޙްގެ ދައުރުގައި، ރައީސް ޞާލިޙް ވަރަށް ބޮޑަށް އެ ތިންބާރު ވަކިވެފައިމި އޮތް ނިޒާމުގެ ތެރޭގައި ރައީސް ޞާލިޙްގެ ދައުރު އަދާކުރެއްވީ އަސްލު ވަރަށް ރަނގަޅަށް، ޤާނޫނު އަސާސީއަށް އިޙްތިރާމުކުރައްވައި، ޤާނޫނުތަކަށް އިޙްތިރާމްކުރައްވައިދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން
މެންބަރު ވިދާޅުވީ ޤާނޫނުތަކަށް އިޙްތިރާމް ނުކުރައްވައި ގޮންޖެއްސެވުމަށްފަހުގައި އަލުން އެނަންތައް ފޮނުއްވުމަކީ މަޖިލީހުގެ ކަންކަށިމަތީގައި ޖެހުން ކަހަލަ ކަމެއް ކަމަށެވެ.
އަދި ޤާނޫނީ އިމުގެ ތެރެއިން ކަންކުރައްވަން ނޭނގުމަކީ ރައީސް މުއިއްޒުއަށް ރައީސް ކަމުގެ ދައުރު އަދާކުރައްވަން ނޭނގުން ކަމަށް ވެސް އިކްރާމް ވިދާޅުވިއެވެ.