އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ހޯދި ފުރިހަމަ މޮޅާއެކު، ލިވަޕޫލުން ވެސް މުބާރާތުގެ ފަސް ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ލިވަޕޫލްގެ އެންފީލްޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-2 އިންނެވެ. މިއީ، މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލާނެކަން، އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ހާމަކުރި ފަހުން، ލިވަޕޫލް ކުޅުނު ފުރަތަމަ މެޗެވެ.
މެޗު ފަށައިގެން 16 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ޖޭމްސް މެކް ކޮނެލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ކާޓިސް ޖޯންސް އެވެ. އޭގެ ފަހުން މެޗުގެ 22 ވަނަ މިނެޓުގައި ނޯވިޗް ސިޓީން ވަނީ ލަނޑު ޖަހައި، ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބެން ގިބްސަން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ދެ ވަނަ ފަހަރަށް ލިވަޕޫލަށް ލީޑު ނަގައިދިނީ ޑާވިން ނޫނޭޒް އެވެ.
ދެ ވަނަ ހާފި ފަށައިގެން އަށް ވަަނަ މިނެޓުގައި ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖެހީ ޑިއޭގޯ ޖޮޓާ އެވެ. އޭގެ ފަހުން 63 ވަނަ މިނެޓުގައި ހަތަރު ވަނަ ލަނޑު ޖެހީ ވާޖިލް ވެން ޑައިކް އެވެ. އޭގެ ހަ މިނެޓު ފަހުން ބޯހާ ސައިންޒް ވަނީ ނޯވިޗް ސިޓީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގައި ލިވަޕޫލްގެ ފަހު ލަނޑު ރިޔާން ގްރަވެންބާޗް ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ.
އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ލިވަޕޫލް ކުޅޭ މެޗު އޮންނާނީ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ.