ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 18:58
ގއ. އަތޮޅު ހޮސްޕިޓަލް
ގއ. އަތޮޅު ހޮސްޕިޓަލް
ސަން އޮންލައިން
ހޯއްގޮވާ ކެއްސުން
ކުރިން ފެނުނު ކޭސްތަކާއި ގުޅުމެއް ނެތް ހޯއްގޮވާ ކެއްސުމުގެ އިތުރު ކޭހެއް ގއ. ވިލިނގިލިން ފެނިއްޖެ
މިހާތަނަށް އެރަށުން ވަނީ 4 ޕޮޒިޓިވް ކޭސް ފެނިފަ
އަލާމާތްތައް ހުރި ކޮންޓެކްޓުންގެ އަދަދަކީ 23

ކުރިން ފެނުނު ކޭސްތަކާއި ގުޅުމެއް ނެތް ހޯއްގޮވާ ކެއްސުމުގެ އިތުރު ކޭހެއް ގއ. ވިލިނގިލިން ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ‏27 ޖަނަވަރީ 2024 ވަނަ ދުވަހު ގއ. ވިލިނގިލިން އިތުރު ޕަރޓޫސިސް (ހޯއްގޮވާ ކެއްސުން) ގެ ކޭސްއެއް ފެނިފައިވާ ކަމަށެވެ. މި ކޭސްއަކީ ކުރިން ފެނުނު ކޭސްތަކާއި ގުޅުން ހުރި ކޭސް އެއް ކަމަކަށް ބެލި ބެލިމުން އަދި އެނގިފައި ނުވާ ކަަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕިއޭއިން ބުނީ ގއ. ވިލިނގިލީގައި ބަލި ފެތުރުން، މަދު ކުރުމަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ޓާސްކްފޯހެއް އެކުލަވާލައި ކޮންޓެކްޓް ޓްރޭސިންނާއި ކޮންޓެކްޓުންގެ ތެރެއިން އަލާމާތްތައް ހުރި ފަރާތްތަކަށް ބޭސް ދިނުމާއި 7 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ކުދިން ދެނެގަނެ ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިހާތަނަށް އެރަށުން ވަނީ 4 ޕޮޒިޓިވް ކޭސް ފެނިފައެވެ. އަދި 161 ކޮންޓެކްޓުން ދެނެގަނެވިފައިވާއިރު، އަލާމާތްތައް ހުރި ކޮންޓެކްޓުންގެ އަދަދަކީ 23 އެވެ. އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު މީހުންގެ އަދަދަކީ 17 އެވެ. އަދި ޕްރޮފައިލެކްސިސް ދެވުނު މީހުންގެ އަދަދަކީ 27 އެވެ.

ޕަރޓޫސިސް އަދި އެހެނިހެން އަރިދަފުސް ރޯގާތަކުން ރައްކާތެރިވުމަށް މާސްކް އަޅައިގެން އުޅުން، ޚާއްސަކޮށް އަލާމާތެއް ހުރިނަމަ މާސްކް އެޅުން އަދި އަލާމާތެއް ހުރިނަމަ ސްކޫލަށް/އޮފީހަށް/މީހުން ގިނަ ތަންތަނަށް ނުދިއުން އަދި ބަލި މީހުން ގާތަށް ނުދިއުން ހިމެނެއެވެ.

އަދި އިންފްލުއެންޒާ އަދި ކޮވިޑް-19 ވެކްސިން ޖެހުމާއި، 7 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޕަރޓޫސިސް ގެ ވެކްސިން ފަރިހަމަ ނުކުރާ ކުދިން ގެ ވެކްސިން ފުރިހަމަ ކުރުން އަދި އަތް ދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުން ކުރުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

- ކޮމެންޓް