Advertisement
ކ. މާލެ
|
31 ޖުލައި 2017 | ހޯމަ 19:33
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސްގެ ޝަރީއަތް
ދައުވާއަށް ޖަވާބުދާރީވެވޭނެ ވަސީލަތަށް އެދެމުންދަނިކޮށް ފާރިސްގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިފި
ދައުވާއަށް ޖަވާބުދާރީވުމަށް ދިފާއު ތައްޔާރުކުރުމުގެ ފުރުސަތެއް ނުދިން
މަޖިލީހަށް ވަޑައިގަތުމަށް ޕީޖީއާއި ކަރެކްޝަނުން ހުރަސް އެޅި
ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ދީފަ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސްގެ މައްޗަށް ދައުލަތުން ކުރާ ޝަޙްސް އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

ޝަޙްސް އޮޅުވާލުމުގެ ދައުވާގެ އިބްތިދާއީ  އަޑުއެހުމުގައި ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި އަޑުއެހުމެއް ބޭއްވި ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުގެ ފުރުސަތު ފާރިސްއަށް ދިނުމުގެ ގޮތުން މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވަނީ ހަވީރު 5:00 އާ ހަމައަށް އަޑުއެހުން މެދުކަނޑާލައްވާފަ އެވެ.

ހޯމަ ދުވަހުގެ ހަވީރު ބޭއްވި އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވުމުން ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ފާރިސްއަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުގެ ފުރުސަތު ދެއްވުމުގެ ގޮތުން ހެނދުނު ބޭއްވި އަޑުއެހުން މެދުކަނޑާލި ނަމަވެސް، ފާރިސްގެ އެ ހައްގު ނިގުޅައިގަނެ، ކޯޓުގެ ނިންމުމާ ވެސް ޚިލާފުވެފައިވާ ކަމަށެވެ. 

މައުމޫން ވިދާޅުވީ ފާރިސަށް މަޖިލީހަށް ވަޑައިގެންނެވޭނެ ފުރުސަތު ނުދިނުމުގެ ސަބަބުން ފާރިސްއާއި ފާރިސް ތަމްސީލުކުރާ ރައްޔިތުންގެ ހައްގުތައް ގެއްލުމުގެ ޒިންމާ އުފުލަން ޖެހޭނީ ޕްރޮސެކިއުޓަރ ޖެނެރަލް އާއި، ފުލުހުންނާއި ކަރެކްޝަނުން ކަމަށެވެ. އޭނާ ވިދާޅުވީ ކޯޓުގެ ނިންމުން ތަންފީޒީ އިދާރަތަކަށް ޕްރޮސެކިއުޓަރ ޖެނެރަލް އެންގުމެއް ނެތި ކޯޓަށް ގޮންޖަހާފައިވާ ކަމަށެވެ.

ފާރިސް އާއި ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްގުތަަކަށް އުނިކަން ލިބިފައިވާކަން ފާހަގަކުރައްވައި، ޕްރޮސެކިއުޓަރ ޖެނެރަލްއާއި ފުލުހުންނާއި ކަރެކްޝަނަށް ފިޔަވަޅު އަޅައި ދެއްވުމަށް މައުމޫން އެދިވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމަކީ ޕީޖީގެ މަސްއޫލިއްޔަތެއް ކަމަށާއި  އެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޣާފިލުވުމުގެ ސަބަބުން ޕީޖީގެ މަގާމުގައި ހުންނެވުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށެވެ.

މައުމޫންގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވި ފާރިސްއަށް މަޖިލީހަށް ވަޑައިގަތުމުގެ ފުރުސަތު ދެއްވުމާ ގުޅޭގޮތުން އެއްވެސް އިއުތިރާޒެއް ނެތް ކަމަށާއި، އަދި އެކަމަށް އެއްވެސް ގޮތަކުން ހުރަސްއަޅާފައިނުވާނެ ކަމަށެވެ. ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި ފާރިސް މަޖިލީހަށް ގެންދިއުމުގެ ކަންކަމަށް ޒިންމާވާންޖެހޭނީ ކަރެކްޝަނުންނެވެ.

އެކަމާ ގުޅޭގޮތުން ގާޒި އިބްރާހިމް އަލީ ވިދާޅުވީ ކަރެކްޝަނުގެ ޒިންމާދާރު ބޭފުޅަކު ޝަރީއަތުގެ މަޖިލީހުގައި ނެތުމުން، އެ އިދާރާގެ ބަހެއް ލިބެން ނެތް ކަމަށެވެ.

ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް ޝަރީއަތް ފަށާފައިވަނިކޮށް، މިމަހުގެ 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އެވެ. ފާރިސް ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އެ މައްސަލައިގެ ތަހުގީގާއި، ދައުވާ ކުރުމާއި، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ދައުވާއަށް ޖަވާބުދާރީވުމަށް ގާޒީ އެންގެވުމުން މައުމޫން ވިދާޅުވީ ފާރިސްއާ މިހާތަނަށް ބައްދަލު ކުރެވުނީ ތިން ފަހަރު ކަމަށާއި އެ ތިން ފަހަރު ވެސް ދައުވާއާ ގުޅިގެން ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ސީޑީ ފާރިސްއަށް ދެއްކުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ. ދޫނިދޫގައި ބަންދުކޮށްފައިވަނިކޮށް ބައްދަލުކުރެވުނު ދެ ފަހަރު ވެސް ފުލުހުން އެންގީ ސީޑީ ދެއްކުމުގެ ފުރުސަތު ދިނުމަށް ވެރިން ބުނެފައިނުވާ ކަމަށް ކަމަށާއި އަދި މާފުށީގައި ބަންދުކޮށްފައި ހުންނަވަނިކޮށް ބައްދަލުކުރެވުނު ފަހަރު އެ މުއައްސަސާ އިން ފުރުސަތު ނުދިން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިފާއު ބިނާކުރާނެ އެއްވެސް މައުލޫމާތެއް ނެތް ކަމަށާއި ނަމަވެސް، ދައުވާއިން ދިފާއުވާނެ އެކަށީގެންވާ  ވަސީލަތް ލިބުމަކީ ދައުވާ ލިބޭ މީހާއަށް ކަށަވަރު ކޮށްދޭންޖެހޭ  ހައްގެއް ކަމަށެވެ. 

މި މައްސަލައިގައި އެންމެ ފަހުން މިމަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވެސް މައުމޫން ވަނީ ދައުވާއިން ދިފާއުވާނެ އެކަށީގެންވާ ވަސީލަތާއި ވަގުތު ލިބެންޖެހޭނެކަން ފާހަގަކުރައްވާފަ އެވެ. އަދި ދައުވާއަށް ޖަވާބުުދާރީ ވުމަށް ވާހަކަ ދެއްކޭނީ މައްސަލައާ ގުޅުން ހުރި ލިޔުންތައް ޕީޖީއިން ފޯރުކޮށްދިނުމުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މައުމޫން ހަމީދު އެކަންކަން ފާހަގަކުރައްވާފައި ވަނިކޮށް ގާޒީ އިބްރާހިމް އަލީ ވަނީ ފާރިސްގެ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ޝަރީއަތެއް ކަމަށް ކަނޑައަޅުއްވާފަ އެވެ. 

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ 'ބ' ގެ ދަށުން، ދައުވާއަށް ޖަވާބުދާރީވުމަށް ލިބޭ ފުރުސަތުގައި ދައުވާއަށް އިންކާރު ކޮށްފިނަމަ، ދައުވާއަށާއި ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެއްކަށް ރިއާޔަތްކޮށް، ދައުވާކުރިއަށް ގެންދެވޭނެ ތަނެއް އޮތްކަމަށް މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ގަބޫލުކުރެވިއްޖެނަމަ ދައުވާއާއިގެން ކުރިއަށް ދިއުމަށް ކަނޑައަޅަންޖެހެއެވެ.

ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމަށް ދެއްވި ފުރުސަތުގައި މައުމޫން ވިދާޅުވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަން ހުށަހަޅަން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ ފޯމެއް މެދުވެރިކޮށް ކަމަށާއި، ނަމަވެސް، އެ ފޯމެއް ލިބޭނެ ތަނެއް އެނގިވަޑައި ނުގަންނަވާ  ކަމަށެވެ.

ޖުލައި މަހުގެ 2 ވަނަ ދުވަހު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 118 ވަނަ މާއްދާގެ 'ނ' ގައި ބަޔާން ކޮށްފައިވާ ގޮތުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް  ޝަރީއަތަށް ހުށަހަޅަންވާނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގަވާއިދުގައިވާ ގޮތުގެ މަތިން ތައްޔާރުކުރާ ފޯމެއް މެދުވެރިކޮށެވެ. ނަމަވެސް، އެ ގާނޫނު ތަސްދީގު ކުރެއްވިތާ  އަހަރަކަށް ވުރެ ގިނަ ދުވަސްވެ، އަދި ގާނޫނަށް އަމަލުކުރަން ފެށިތާ މަހެއްހާ ދުވަސް ވެފައިވާއިރު ސުޕްރީމް ކޯޓުން އެ ގަވާއިދު ހަދާފައެއް ނުވެ އެވެ. އެހެންކަމުން ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަން ހުށަހެޅުމަށް ހާއްސަ ފޯމެއް ވެސް ތައްޔާރު ކޮށްފައެއް ނުވެ އެވެ.

މައުމޫން އެކަން ފާހަގަކުރެއްވުމުން ގާޒީ އިބްރާހިމް އަލީ ވިދާޅުވީ އެ ގަވާއިދު ނެތަސް އަދި ވަކި ފޯމެޓެއްގެ ފޯމެއް ނެތަސް ކޯޓަށް ހުށަހެޅުމުން ލިޔުންތައް ބަލައިގަންނާނެ ކަމަށެވެ.

ހޯމަ ދުވަހުގެ  އަޑުއެހުން ގާޒީ ނިންމަވާލެއްވީ  އޯގަސްޓް 10 ވަނަ ދުވަހުގެ ހެނދުނު 10:30 އަށް އަޑުއެހުމެއް  ތާވަލުކުރެއްވުމަށް ފަހު އެވެ. އެ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ފަހު، ޝަރީއަތް ފެށުމުގެ ކުރިން ދޭންޖެހޭ 30 ދުވަސް ދޭނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް