ކ. މާލެ
|
27 ޖެނުއަރީ 2024 | ހޮނިހިރު 07:17
ޗިލީގެ ކޯޗަކަށް ހަމަޖެއްސި ރިކާޑޯ ގަރޭސާ
ޗިލީގެ ކޯޗަކަށް ހަމަޖެއްސި ރިކާޑޯ ގަރޭސާ
ރޮއިޓާސް
ޗިލީ ޤައުމީ ޓީމު
ޗިލީގެ ކޯޗަކަށް އާޖެންޓީނާގެ ގަރޭސާ ހަމަޖައްސައިފި
ގަރޭސާ އަށް އޮތް އެންމެ ބޮޑު މަސައްކަތަކީ، ރަނގަޅު ޓީމެއް ބިނާކޮށް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޗިލީ ކޮލިފައި ކޮށްދިނުން

ޗިލީ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް، އާޖެންޓީނާގެ ރިކާޑޯ ގަރޭސާ ހަމަޖައްސައިފި އެވެ.

އުމުރުން 65 އަހަރުގެ ގަރޭސާ އެންމެ ފަހުން ހުރީ އާޖެންޓީނާގެ ކުލަބެއް ކަމަށްވާ، ވެލެޒް ސާސްފީލްޑްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގަ އެވެ. ނަމަވެސް، އެ މަގާާމާ ހަވާލުވިތާ އެންމެ ތިން މަސް ދުވަހުގެ ތެރޭގައި، މިދިޔަ ޖޫން މަހު ވަނީ އިސްތިއުފާ ދީފަ އެވެ. އޭގެ ކުރިން ޕެރޫ ޤައުމީ ޓީމަށް އޭނާ ވަނީ ހަތް އަހަރު ވަންދެން އިރުޝާދު ދީފަ އެވެ. ޕެރޫ އާއެކު 2018 ވަނަ އަހަރު ރަޝިއާ ގައި އޮތް ފީފާ ވޯލްޑް ކަޕަށް އޭނާ ދިޔަ އެވެ. ނަމަވެސް، އޭގެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް މުބާރާތަށް ޕެރޫ ކޮލިފައިވެފައެއް ނުވެ އެވެ.

ޗިލީގެ ކޯޗުކަމުގައި އެންމެ ފަހުން ހުރީ އާޖެންޓީނާގެ އެޑުއާޑޯ ބެރިޒޯ އެވެ. 2022 ވަނަ އަހަރު އެ މަގާމަށް އޭނާ ހަމަޖެއްސި ނަމަވެސް، މިދިޔަ އަހަރުގެ ޑިސެމްބަރު ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ. އެއީ އޭނާގެ އިރުޝާދުގެ ދަށުން ޗިލީ އަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީީ އެވެ. އައު ކޯޗުގެ ޙައިސިއްޔަތުން ގަރޭސާ އަށް އޮތް އެންމެ ބޮޑު މަސައްކަތަކީ، ރަނގަޅު ޓީމެއް ބިނާކޮށް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޗިލީ ކޮލިފައި ކޮށްދިނުމެވެ.

ސަން މާޓިން އިން 1995 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ގެރޭސާ ވަނީ ގިނަ ޓީމުތަކެއްގައި މަސައްކަތް ކޮށްފަ އެވެ. ގިނަ އިން އޭނާ އިރުޝާދު ދީފައި ވަނީ އާޖެންޓީނާގެ ކުލަބުތަކަށެވެ. އޭގެ އިތުރުން ބްރެޒިލް، ކޮލަމްބިއާ އަދި ޕެރޫގެ ކުލަބަކަށް ވެސް އޭނާ ވަނީ އިރުޝާދު ދީފަ އެވެ.

- ކޮމެންޓް