އަލްޖީރިއާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުން، ޖަމެލް ބެލްމާޑީ ވަކިކޮށްފި އެވެ.
އަލްޖީރިއާގެ ކޯޗުކަމުން އޭނާ ވަކިކުރަން ނިންމީ، މިހާރު ކުރިއަށްދާ އެފްރިކަަން ކަޕުން އެ ޓީމު ކެޓުމާއެކު އެވެ. ގުރޫޕް ސްޓޭޖުގައި އަލްޖީރިއާ އިން ތިން މެޗު ކުޅެފައިވާއިރު، އެއްވެސް މެޗަކުންް މޮޅުވެފައެއް ނުވެ އެވެ. ފުރަތަމަ މެޗާއި، ދެ ވަނަ މެޗުން އެއްވަރު ވެފައިވާއިރު، ފަހު މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު އަލްޖީރިއާ ދިޔައީ ގުރޫޕް ޑީގެ ފުލަށެވެ.
ފަހު މެޗުން ބަލިވެ އަލްޖީރިއާ ކެޓުމާއެކު، އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ބޭނުންވީ އެ މަގާމުން ބެލްމާޑީ ވަކިވުމަށެވެ. އަދި އޭނާ ވަނީ އެކަމަށް އެއްބަސް ވެސް ވެފަ އެވެ. އެގޮތުން ފަހު މެޗަށްފަހު ޗޭންޖިން ރޫމުގައި ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދައްކަމުން ބެލްމާޑީ ބުނީ، ކޯޗުކަމުގެ މަގާމުން އޭނާ ދުރަށް ޖެހިލަން ބޭނުންވާ ކަމަށެވެ. އެގޮތުން އަލްޖީރިއާގެ ފުޓުބޯޅާ ފެޑެރޭޝަނާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
އަލްޖީރިއާގެ ކޯޗުކަމަށް އުމުރުން 47 އަހަރުގެ ބެލްމާޑީ ހަމަޖެއްސީ 2014 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ 64 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 41 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ހަ މެޗުން ވަނީ ބަލިވެފަ އެވެ. ބާކީ 17 މެޗުން ވަނީ އެއްވަރުވެފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން އަލްޖީރިއާ އިން ވަނީ 2019 ވަނަ އަހަރު މިޞްރުގައި ކުރިއަށް ދިޔަ އެފްރިކަން ކަޕް ކާމިޔާބު ކޮށްފަ އެވެ. އެހެން ނަމަވެސް، އޭގެ ފަހުން އޮތް ދެ މުބާރާތް ވެސް ނިންމާލަން ޖެހުނީ ގުރޫޕްގެ ފުލުގައި އޮވެގެންނެވެ.