ކޮންމެ އަހަރަކު ކުލަބުތަކަށް ލިބޭ އާމްދަނީ އަޅާބަލާއިރު އެއްވަނަ ސްޕޭންގެ ރެއާލް މެޑްރިޑް ހޯދައިފި އެވެ.
2022 އަދި 2023ގެ ސީޒަނުގެ ހިސާބުތައް ދައްކާގޮތުން ދެ ވަނަ ލިބެނީ އޭގެ ކުރީ އަހަރުގެ އެއްވަނަ ޓީމް މެންޗެސްޓާ ސިޓީ އަށެވެ.
ރެއާލް އަށް އެއްވަނަ ލިބުނީ 723 މިލިއަން ޕައުންޑްގެ އާމްދަނީ އެއް ލިބުމުންނެވެ. މިއީ ކުރީ ސީޒަނާ އަޅާ ބަލާއިރު 119 މިލިއަން ޕައުންޑްގެ ކުރިއެރުމެކެވެ. މިދިޔަ ސީޒަނުގެ އެންމެ ކާމިޔާބު ކުލަބު މެންޗެސްޓާ ސިޓީ އަށް ދެ ވަނަ ލިބުނީ 718 މިލިއަން ޕައުންޑްގެ އާމްދަނީއަކާއެކުގަ އެވެ. ނަމަވެސް މިއީ ކުރީ ސީޒަނާ އަޅާ ބަލާއިރު 99 މިލިއަން ޕައުންޑް މަދު އަދަދެކެވެ. އެކަމަކު ސިޓީ އަކީ އިނގިރޭސި ލީގާއި ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑްކަޕާއި ޔޫރަޕިއަން ސުޕަކަޕް ވެސް ކާމިޔާބުކުރި ޓީމެވެ.
ޔޫރަޕުގައި އެންމެ ގިނަ އާމްދަނީ ލިބުނު ކުލަބުތައް:
1. ރެއާލް މެޑްރިޑް 723 މިލިއަން ޕައުންޑް
2. މެންޗެސްޓާ ސިޓީ 718 މިލިއަން ޕައުންޑް
3. ޕީއެސްޖީ 697 މިލިއަން ޕައުންޑް
4. ބާސެލޯނާ 695 މިލިއަން ޕައުންޑް
5. މެންޗެސްޓާ ޔުނައިޓެޑް 648 މިލިއަން ޕައުންޑް
6. ބަޔާން މިއުނިކް 647 މިލިއަން ޕައުންޑް
7. ލިވަޕޫލް 593 މިލިއަން ޕައުންޑް
8. ޓޮޓެންހަމް 549 މިލިއަން ޕައުންޑް
9. ޗެލްސީ 512 މިލިއަން ޕައުންޑް
10. އާސެނަލް 463 މިލިއަން ޕައުންޑް
މިދިޔަ ސީޒަނުގައި އެންމެ ބޮޑު ވެއްޓުމެއް ކުރިމަތިވީ ލިވަޕޫލަށެވެ. މިދިޔަ ސީޒަނުގައި ހަތަރުވަނާގައި އޮތް ޓީމުގެ އާމްދަނީން ވަނީ އެއް މިލިއަން ޕައުންޑް މެދުވިއިރު ރޭންކިންގެ ހަތަކަށް ވެއްޓުނީ އެވެ.
ގަދަ 10ގައި އިޓަލީގެ އެއްވެސް ޓީމެއް ނުހިމެނެ އެވެ. ނަމަވެސް ގަދަ 20ގައި އިޓަލީގެ އެންމެ ގަދަ ތިން ކުލަބު ކަމަށްވާ އިންޓަމިލާނާއި އޭސީ މިލާން އަދި ޔުވެންޓަސް ހިމެނުނެވެ. ޔުވެންޓަސް އަށް 376 މިލިއަން ޕައުންޑް ލިބިގެން 11 ވަނަ ލިބުނުއިރު އޭސީ މިލާން 13 ވަނައިގައި އޮތީ 329 މިލިއަން ޕައުންޑާއެކުގަ އެވެ. ޖެހިގެން އިންޓަމިލާނަށް 14 ވަނަ ލިބުނީ 316 މިލިއަން ޕައުންޑްގެ އާމްދަނީއަކާއެކުގަ އެވެ. އިޓަލީގެ ޗެމްޕިއަން ނާޕޮލީ ލައްވާލީ 19 ވަނައިގަ އެވެ. ލިބުނީ 224 މިލިއަން ޕައުންޑްގެ އާމްދަނީއެކެވެ.
މި ލިސްޓުގެ 20 ވަނައިގައިވަނީ ފްރާންސްގެ މާސޭ އެވެ. ލިބުނީ 224 މިލިއަން ޕައުންޑްގެ އާމްދަނީއެކެވެ.
ކުލަބުތަކަށް އާމްދަނީ ލިބޭ އެންމެ ބޮޑު އެއް ވަސީލަތަކީ ޓީވީ ރައިޓްސް އެވެ. ނަމަވެސް ތަޖުރިބާކާރުން ދެކެނީ ކުރިއަށް އޮތްނުގައި ޓީވީ ރައިޓްސްއަށްވުރެ ބޮޑަށް އެހެން ގޮތްގޮތުން އާމްދަނީ ހޯދުމަށް ކުލަބުތަކުން މަސައްކަތް ކުރާނެ ކަމަށެވެ.