Advertisement
ކ. މާލެ
|
31 ޖުލައި 2017 | ހޯމަ 15:23
ރާއްްޖޭގެ ރަށެއް: އެމްއެމްޕީއާރްސީ މެދުވެރިކޮށް ގިނަ އަދަދެއްގެ ރަށްރަށާއި ފަޅުތައް ދޫކޮށްފައިވޭ
ރާއްްޖޭގެ ރަށެއް: އެމްއެމްޕީއާރްސީ މެދުވެރިކޮށް ގިނަ އަދަދެއްގެ ރަށްރަށާއި ފަޅުތައް ދޫކޮށްފައިވޭ
ގޫގުލް
އެމްއެމްޕީއާރްސީ ޚިޔާނާތް
އެމްއެމްޕީއާރްސީ ޚިޔާނާތް: 9 ރަށެއްގެ މައްސަލައިގައި ދައުވާކުރަން ފޮނުވައިފި
ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ނިމުނީ 9 ރަށެއްގެ
ތަހުގީގު ނިންމައި ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ފެށީ އޭޕްރީލް މަހު
ޖުމްލަ 1.22 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ޚިޔާނާތެއް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) މެދުވެރިކޮށް ފަޅުތަކާއި ފަޅުރަށްތަކެއް  ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި ހިމެނޭ ނުވަ ރަށެއްގެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވައިފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) ގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްއެމްޕީއާރްސީ ޚިޔާނާތުގައި ހިމެނޭ ރަށްތަކުގެ ތެރެއިން ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާ ނިމުނު 9 ރަށެއްގެ މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ  ކަމަށެވެ.

ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވީ އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުންނެވެ. ނަމަވެސް، ޚިޔާނާތްތެރިވި ފައިސާގެ އަދަދު އެއަށް ވުރެ ގިނަ ވާނެ ކަމަށް ކަމާބެހޭ އެކިފަރާތްތަކުން ދަނީ ބުނަމުންނެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީ ޚިޔާނާތުގެ ޚުލާސާ ރިޕޯޓް ނެރޭނީ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ފަހުގަ އެވެ. މައްސަލައިގެ ތަހުގީގު އެއްކޮށް ނިންމާލެވިއްޖެ ކަމަށް އޭސީސީން ބުނެފައިވަނީ ތަހުގީގު ކުރަން ފެށިތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން އޭޕްރީލް 30 ވަނަ ދުވަހު އެވެ. ޑެޕިއުޓީ ޕްރޮސެކިއުޝަން މަރުހަލާ އެ ދުވަހު ފެށިއިރު، މިހާތަނަށް އެ މަރުހަލާ ނިންމާލެވިފައި ވަނީ، ދައުވާ ކުރަން ފޮނުވި 9 ރަށުގެ މައްސަލައިގަ އެވެ.

ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެފައިވާއިރު، އަމިއްލަ އެކައުންޓްތަކަކަށް 65.01 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ޖަމާކޮށްފައި ވެއެވެ. ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތްތަކުން 6.31 މިލިއަން ޑޮލަރު (97.3 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވެފައި ވެއެވެ. އަމިއްލަ ކުންފުނިތަކަށްލޯނުގެ ގޮތުގައި 6.15 މިލިއަން ޑޮލަރު (94.8 މިލިއަން ރުފިޔާ) ދީފައިވާއިރު، ވަކި ކަމެއް ނޭނގޭ ގޮތަށް އަމިއްލަ ކުންފުނިތަކަށް 1.90 މިލިއަން ޑޮލަރު (29 މިލިއަން ރުފިޔާ) އެމްއެމްޕިއާރްސީން ދީފައި ވެއެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި ބައެއް ރަށްރަށުގެ މައްސަލަ ފުލުހުން ވެސް ތަހުގީގުކޮށްފައިވާއިރު، އެ މައްސަލަތަކުގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް