ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 13:28
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ
ވޯޓުލުމުގެ އިންތިޒާމުތައް
އޮންލައިންކޮށް އެކަނި ރީރަޖިސްޓަރ ކުރެވޭގޮތް ހަމަޖެއްސީ ނިޒާމީ ގޮތެއްގައި ވަގު ހެދުން ހުއްޓުވުމަށް: އީސީގެ އެސްޖީ
ހަސަން ވިދާޅުވީ ރީރަޖިސްޓްރީކުރުމުގެ ނިޒާމް މިހާރު އިތުރަށް ހަރުދަނާކޮށްފައިވާނެ ކަމަށް
ރީރަޖިސްޓްރީކުރުމުގެ މަރުހަލާ އިން އުނިކުރި ކަމަކީ ފިޒިކަލް ފޯމު މެދުވެރިކޮށް ރަޖިސްޓަރވުން
އޮންލައިންކޮށް ރީރަޖިސްޓަރވާން އެއްވެސް ފޯޖަރީގެ މައްސަލަ އެއް ދިމާނުވޭ

އޮންލައިންކޮށް އެކަނި ރީރެޖިސްޓަރ ކުރެވޭ ގޮތް ހަމަޖެއްސީ، ބަލްކުކޮށް ފޯމް ހުށަހަޅައިގެން ނިޒާމީ ގޮތެއްގައި ވަގު ހެދުން ހުއްޓުވުމަށް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް  ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ކަންތައްތަކާ ގުޅޭގޮތުން ލަފާދޭ ކޮމިޓީ ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ލަފާދޭ ކޮމިޓީގައި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވަނީ އެފަދަ ބޮޑު ބަދަލެއް ގެންނައިރު ދާއިރާތައް ހޭލުންތެރިކުރަން އިލެކްޝަންސް ކޮމިޝަނުން ގިނަ މަސައްކަތްކުރަން ޖެހޭނެކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި އެއީ ދުރާލާ އެނގެން ޖެހޭނެ ކަމެއް ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އޮންލައިންކޮށް އެކަނި ރީރަޖިސްޓްރީ ކުރެވޭތީ، ޝުޖާއު ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކުއްލިއަކަށް އެފަދަ ނިންމުމެއް ނިންމުމަކީ ޕީޕީއެމް ޕީއެންސީން ތާއީދުކުރާ ގޮތެއް ނޫން ކަމަށް މި ކޮމިޓީގައި ޝުޖާއު ތަކުރާރުކޮށް ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ހުޅުމާލޭގައި ފޭސް 1 އާއި ފޭސް 2ގައި ވަރަށް ގިނަ މީހުން ދިރިއުޅޭ ކަމަށާއި ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ވެސް އެންމެ ބޮޑަށް ދިމާވި މައްސަލައަކީ ކިއުގައި ޖެހެން ޖެހޭ މައްސަލަ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިޒާމްތައް ރަނގަޅުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ހުޅުމާލޭގައި ވޯޓު ފޮށިތައް ބަހައްޓާއިރު ވަކިވަކި ދާއިރާތަކަށް ޚާއްސަކޮށްގެން ވޯޓު ފޮށިތައް ނުބަހައްޓާކަމަށް ޝުޖާއު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އާއްމުންނަށް ދަތިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝުޖާއުގެ އެ ވާހަކާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ބޭއްވި ކޮންމެ ބައި އިލެކްޝަނެއްގައި ރީ ރެޖިސްޓްރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމުގެ ސަބަބުން އެއްވެސް ފޯޖަރީ އިޝޫއެއް ދިމާވެފައި ނުވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ނިސްބަތްވާ ދާއިރާގެ ވަރަށް ގިނަ ބައި އިލެކްޝަން ޝުޖާއު ވެސް އެކްޓިވްކޮށް ކެމްޕެއިންވެސް ކުރެއްވި. ބައި އިލެކްޝަންތަކުގައި ވެސް އޮންލައިންކޮށް ދިޔައީ. އެ ބޭފުޅާ އަށް ހަމަ ރަނގަޅަށް އޮންލައިންކޮށް ރީ ރަޖިސްޓްރީ ކުރައްވާވެސްފައި ވާނީ. ބައިވަރު ބައި އިލެކްޝަންތަކުގައި، ފުލީ އޮންލައިންކޮށް. މިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބަރާބަރަށްދިޔައީ. އިންތިޚާބުގެ ރަޖިސްޓްރީއާ މެދު ސުވާލު އުފެދޭ ވަރުގެ އެއްވެސް މައްސަލަ އެއް ނެތް.
އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ

ހަސަން އިތުރަށް ވިދާޅުވީ އެ ނިޒާމް މިހާރު އިތުރަށް ހަރުދަނާކޮށްފައިވާނެ ކަމަށެވެ. އެގޮތުން ރީރަޖިސްޓްރޭޝަންގެ ޕްރޮސެސްއަށް އީފާސް އިތުރުކޮށް، އިތުރު އޮޕްޝަންތަކެއް ދީފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި އޮންލައިންކޮށް ރީރަޖިސްޓްރީވާން އަމިއްލަ އަށް ނޭނގޭ ނަމަ، ފޯކަލް ޕޮއިންޓާއި ހަމައަށް ދިއުމުން ވެސް ރީރަޖިސްޓަރކުރަން އެހީތެރިވެދޭނެ ކަމަށް ހަސަން ވިދާޅުވިއެވެ. އެހެންކަމުން ރީރަޖިސްޓްރީކުރުމުގެ މަރުހަލާ އިން އުނިކުރި ކަމަކީ ފިޒިކަލް ފޯމު މެދުވެރިކޮށް ރަޖިސްޓަރވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކޮންމެ އިންތިޚާބެއްގައި އިނގޭތޯ، މިއީގެން އެލިމިނޭޓްވާން މި ޖެހުނު ސަބަބަކީ ނިޒާމީ ގޮތެއްގައި ރޭވިގެން ބަލްކް ފޯމުތަކުގެ ތެރެއިން ވަގު ހަދާ ވަގަށް މީހުން ރީރެޖިސްޓްރީ ކުރުވާ. މިއީ އަޅުގަނޑުމެންނަށް އެނގޭ ހަގީގަތް. އަޅުގަނޑުމެންނަށް މިކަން އެނގި ތިބެ އެކަން ބަންދުކުރެވޭނެ ދޮރެއް އޮއްވާ އެދޮރުން ނުވަދެ އަޅުގަނޑުމެން ތިބެންވީތޯ ވަގު ހެދޭ ދޮރު ހުޅުވައިގެން؟ އަޅުގަނޑުމެންނަށް އެއްވެސް މީހެއްގެ ހައްގެއް ނުގެއްލި މިކަން ކުރެވެން އޮއްވާ އެއްކަަލަ ވަގުހެދޭ ދޮރު ބަންދުކޮށްލީ، ބަންދުކުރުމަކުން އެއްވެސް މީހެއްގެ ހައްގެއް ނުގެއްލޭ
އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ

ހަސަން ވަނީ ދާއިރާތައް ވަކިނުކޮށް ހުޅުމާލޭގައި ވޯޓުފޮށިތައް ބަހައްޓާކަމަށް ވިދާޅުވެ ޝުޖާއު ދެއްކެވި ވާހަކަތަކަށް ވެސް ރައްދު ދެއްވާފައެވެ. އެގޮތުން ހުޅުމާލޭގައި ވަކިވަކި ދާއިރާތަކަށް ވަކި ފޮށިތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ރީރަޖިސްޓްރުމުން ބަހައްޓަން ޖެހުނީ 6 ފޮށި ކަމަށާއި ހުޅުމާލޭގައި ބެހެއްޓި ފޮށީގެ އަދަދު އިތުރުކުރީ އީސީން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޖިލިސް އިންތިޚާބުގައި ކިތަންމެ މަދުން ރީރަޖިސްޓްރީކުރި ނަމަވެސް، ވޯޓު ފޮށިތައް ބަހައްޓާނީ ދައިރާތައް ވަކިންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް