ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 12:00
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު
ޝުއައިބް މުހައްމަދު އިގްބާލް
މަޖިލިސް އިންތިޚާބު 2024
މަޖިލިސް އިންތިޚާބު ބާއްވާ ދުވަހު ސަރުކާރު ބަންދުވާނެ - ހަބީބު
އީސީން ނިންމާފައި ވަނީ 17 މާރޗްގައި މަޖިލިސް އިންތިޚާބު ބާއްވަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބާއްވާ ދުވަހު ސަރުކާރު ބަންދު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ ގައުމީ ލަފާދޭ ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އަދި ހަބީބު މިފަދައިން ވިދާޅުވެފައިވަނީ އާއްމުކޮށް ވޯޓުލުން ކުރިއަށް ދަނީ ހޮނިހިރު ދުވަހެއްގައި ކަމަށް ވެފައި މިހާރު ކަނޑައަޅާފައިވާ ދުވަހަކީ ރަސްމީ މަސައްކަތު ދުވަހެއް ކަމަށް ވާތީ އެކަމާއި ގުޅޭގޮތުން ބައެއް އިދާރާތަކުން ކަންބޮޑުވުން ފާޅުކުރުމުންނެވެ.

Advertisement

ހަބީބު ވިދާޅުވީ ވޯޓުލާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި އަދި ހަމަޖައްސާފައިނުވާ ކަަމަށެވެ. ނަމަވެސް އެ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ. ވޯޓުލުމަކީ ވަކި ސަރުކާރަކާއި ގުޅިފައިވާ ކަމެއް ނޫންކަން ފާހަގަކުރައްވާ ހަބީބު ވިދާޅުވީ ވޯޓުލުމުގެ އިންތިޒާމްތައް ފަސޭހަވާނެ ގޮތަށް ހަމަޖައްސަން އިލެކްޝަންސް ކޮމިޝަނުން އިސްކަން ދޭނެ ކަމަށެވެ.

އަދި އެ ދުވަސް ބަންދެއް ނޫން. އެކަމަކު ބަންދު ވާނެ. މިއީ ވަކި ސަރުކާރަކާއި ގުޅިފައި އޮތް ކަމެއް ނޫން ވޯޓުލުމަކީ
އީސީގެ ނާއިބު ރައީސް ހަބީބު

އިލެކްޝަންސް ކޮމިޝަނުން ވަނީ 17 މާރޗްގައި މަޖިލިސް އިންތިޚާބު ބާއްވަން ނިންމާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 31ން އަންނަ މަހުގެ 14ށް ވަނީ ހުޅުވާލާފައެވެ. އެ ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 139165 އަންހެނުންނާއި 145162 ފިރިހެނުންނާއެކު، ޖުމްލަ 284327 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް