ދިވެހިރާއްޖެ އަށް ކަމުނުގޮސްގެން ފޮނުވާލި ކްރޮއޭޝިޔާ ކޯޗު ޕީޓަ ސެގަޓް ތަޖިކިސްތާނުގެ ގައުމީ ޓީމު ގޮވައިގެން އޭޝިއަން ކަޕުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
މުބާރާތް ބާއްވާ ގައުމު ގަތަރާއި ލެބަނަން އަދި ޗައިނާ ހިމެނުނު ގްރޫޕުގެ ދެ ވަނަ ހޯދައިގެން އޭނާގެ ޓީމު ދެ ވަނަ ބުރަށް ދަތުރުކުރީ ގްރޫޕުގެ ފަހު މެޗުގައި އިއްޔެ ލެބަނަން 2-1އިން ބަލިކޮށްގެންނެވެ. ކުޅުނު ތިން މެޗުން ތަޖިސްތާނަށް ލިބުނީ ހަތަރު ޕޮއިންޓާއެކު ދެ ވަނަ އެވެ.
ސެގަޓް އަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުކޮށްދިން ކޯޗެވެ. އެކަމަކު ޑިސިޕްލިން އަށް ބާރު އަޅާ ކޯޗު ރާއްޖޭގައި ހުރިއިރު ދިމާވި އެންމެ ބޮޑު މައްސަލައަކީ އޭނާ އާއި ބައެއް ކުޅުންތެރިންނާ މައްސަލަ ޖެހުމެވެ. އަދި ދިވެހި ބައެއް ކޯޗުންނާ ވެސް ހިޔާލުތަފާތުވުމެވެ. އަނެއް މައްސަލައަކަށްވީ "މެންޓަލް" މި ބަސްބޭނުންކޮށް އޭނާ ދެއްކި ވާހަކަތައް ކުޅުންތެރިންނާއި ކޯޗުން އެމީހަކު ބޭނުންގޮތަކަށް މާނަކޮށް، ކޯޗާ ދިމާކޮށްލުމެވެ.
އެކަމަކު އަފްޣާނިސްތާނަށް ސާފް ޗެމްޕިއަންޝިޕް ވެސް ކާމިޔާބުކޮށްދިން ކޯޗު އިއްޔެ ބުނީ އޭނާގެ ކޯޗުކަމުގައި ތަޖިކިސްތާނުން ކާމިޔާބު ހޯދަމުންދަނީ "މެންޓަލީ ފިޓްކޮށް،" ތިބެ ކަމަށެވެ. އަދި ފުރަތަމަ ބެލީ އޭޝިއަން ކަޕަށް ކޮލިފައިވާން ކަމަށެވެ.
ފުރަތަމަ ބެލީ ކޮލިފައިވާން. އެއަށްފަހު ދެ ން ބެލީ ދެ ވަނަ ބުރަށް ދާން. އެކަން ކުރެވިއްޖެ. ޓާގެޓަށްވުރެ ކުރިއަށް ދެވުމުން މިހާރު އަހަރުމެންގެ އުއްމީދުތައް މަތިވެއްޖެކޯޗު
އޭނާ ބުނީ ލެބަނަން މެޗު ވެގެންދިޔައީ ދެ ޓީމުން މޮޅަށް ކުޅުނު މެޗަކަށް ކަމަށެވެ. އަދި ކާމިޔާބު ލިބުނީ "މެންޓަލީ ފިޓްކޮށް،" ވިސްނުންތެރިކަމާއެކު ހިތްވަރާއެކު ދޫނުދީ ކުޅުމުން ކަމަށެވެ.
ތަޖިސްތާން މީހުންނަކީ ވާދަކުރާ ބައެއް. އެމީހުންނަނީ ދޫދޭ ބައެއްނޫން. މެންޓަލް ވަރަށް ވަރުގަދަ ބައެއް. އެކަން ފެނިގެން މިދިޔައީ. އަހަރެން މެޗުގެ ކުރިން ޖޯހިމް ލޯ (ޖަރުމަނަށް 2010ގެ ވޯލްޑްކަޕް ކާމިޔާބުކޮށްދިން ކޯޗު)އާ ވާހަކަ ދެއްކިން. އޭނާ ގާތު ބުނިން މިއީ ވަރަށް ވަރުގަދަ މުބާރާތެކޭ. މި މެޗު ވަރަށް ވާދަވެރިވާނެއޭ. މިހާރު އަހަރުމެން އުއްމީދު މިކުރަނީ ކުރިއަށްވުރެ ދުރަށް ދިއުމަށްކޯޗު
ސެގަޓަކީ ރާއްޖެ އައުމުގެ ކުރިން ޖޯޖިއާގެ ގައުމީ ޓީމާއި 21 އަހަރުން ދަށުގެ ކޯޗުކަން ކުރި މީހެކެވެ. އަދި އޭނާ ވަނީ ޖަރުމަނުގެ ޓީމުތަކަށް ކޯޗުކޮށްދިނުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އޭނާ ވަނީ ތަޖިކިސްތާނަށް 2022ގެ ކިންގްސް ކަޕާއި މިދިޔަ އަހަރުގެ މާޑެކާ ކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ.