ކ. މާލެ
|
20 ޖެނުއަރީ 2024 | ހޮނިހިރު 07:37
މިޞްރުގެ ކެޕްޓަން ޞަލާޙަށް އަނިޔާވެ، ދަނޑު މަތީގައި
މިޞްރުގެ ކެޕްޓަން ޞަލާޙަށް އަނިޔާވެ، ދަނޑު މަތީގައި
މިޞްރުގެ ޤައުމީ ޓީމު
ޞަލާޙުގެ އަނިޔާ ސީރިއަސް ވެދާނެ ކަމުގެ ބިރު ބޮޑު!
ޞަލާޙުގެ ވާހަކައިން، އޭނާއަށް ބޮޑު އަނިޔާއެއް ވެފައިވާކަން އިޙުސާސް ކުރެވުނު ކަމަށް ވެސް ކްލޮޕް ވަނީ ބުނެފައި

މިޞްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙަށް ލިބުނު އަނިޔާ ސީރިއަސް ވެދާނެ ކަމުގެ ބިރު ބޮޑު ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޞަލާޙަށް އަނިޔާވީ، އެފްރިކަން ކަޕްގައި މިޞްރުން ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ޞަލާޙު ވަނީ ބަދަލު ވެސް ކޮށްފައެވެ. އެ މެޗު މިޞްރުން ނިންމާލަން ޖެހުނީ އެއްވަރުވެގެންނެވެ.

އިނގިރޭސި މީޑިއާއަކާ ވާހަކަ ދައްކަމުން، ޞަލާޙު ކުޅެމުން އަންނަ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ، މިޞްރުން ކުޅުނު މެޗަށްފަހު އޭނާ ޞަލާޙާ ވާހަކަދެއްކި ކަމަށެވެ. ޞަލާޙުގެ ވާހަކައިން، އޭނާއަށް ބޮޑު އަނިޔާއެއް ވެފައިވާކަން އިޙުސާސް ކުރެވުނު ކަމަށް ވެސް ކްލޮޕް ވަނީ ބުނެފައެވެ. އިތުރަށް ކްލޮޕް ބުނީ، އަނިޔާއެއް ވެގެން ދަނޑު މަތިން ޞަލާޙު ބާލަން ޖެހޭނީ، އެއީ ބޮޑު އަނިޔާއަކަށް ވެގެން ކަމަށެވެ. އެކަމަކު، ދެން އެކަން ބިނާވެގެންދާނީ، ނުވަތަ އެއްޗެއް ހަމަވާނީ މެޑިކަލް ޓީމުން ކުރިއަށްގެންދާ ޓެސްޓުތަކަށްފަހު ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ބައިނަލްއަޤުވާމީ މީޑިއާތަކުގައި ބުނެފައިވާ ގޮތުން، ޞަލާޙުގެ އަނިޔާ ސީރިއަސް ވެދާނެ ކަމުގެ ބިރު އެބައޮތެވެ. މިޞްރުގެ މެޑިކަލް ޓީމާ ޙަވާލާދީ އެކަން ރިޕޯޓުކޮށްފައިވާއިރު، ތަފްޞީލު ލިބޭނީ ޓެސްޓުތަކަށްފަހު ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. ކުރިއަށް އޮތް ވަގުތުތަކުގެ ތެރޭގައި އެކަން އެނގޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް މިޞްރުން ނިންމާލަން ޖެހުނީ އެއްވަރުވެގެންނެވެ. ފުރަތަމަ މެޗުގައި އެއްވަރުވީ މޮޒަންބީކާ ވާދަކޮށެވެ. މުބާރާތުގައި ދެން އެ ޓީމަށް ބާކީ އޮތީ ކެޕް ވާޑާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް