އުފަން ވާ އިރު އާދަޔާ ޚިލާފު ސިފަތަކެއް ލިބިފައި ވާ ކުދިންނާއި އާދަޔާ ޚިލާފު ގޮތް ގޮތަށް އުފަން ވާ ކުދިންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބޭ ސަމާލުކަން އަބަދުވެސް ބޮޑެވެ. އެފަދަ ވާހަކަތަކަކީ ގިނަ ބައެއްގެ ޝަޢުޤު ދަމައިގަންނަ ފަދަ ވާހަކަތަކެކެވެ. މިއީވެސް އެކަހަލަ ވާހަކައެކެވެ.
ދުވަހަކީ ޑިސެމްބަރު މަހުން 28 ވީ ބުރާސްފަތި ދުވަހެވެ. ޗިލީގެ ޢާއިލާއަކަށް ފިރިހެން ކުއްޖަކު އުފަންވިއެވެ. އުފަން ވީ އިރުވެސް ކުއްޖާގެ ބަރުދަނުގައި 7.105 ކިލޯ ހުއްޓެވެ. އެއީ ގާތްގަނޑަކަށް 4 މަހުގެ ކުއްޖެއްގެ ބަރުދަނެވެ. ދިވެހި ކާބަފައިން ކިޔައި އުޅުނު ގޮތުން ނަމަ ޗިލީގައި ބުރާސްފަތި ދުވަހު ވިހޭ ކުއްޖަކީ މާ ކުއްޖެއްގެ ގޮތުގައިވެސް ސިފަ ކުރެވިދާނެއެވެ. ނަމަވެސް، އެއީ އެ ކުއްޖާ ސިފަ ކުރަން އެންމެ ރަނގަޅު ގޮތް ކަމަކަށް ޤަބޫލެއް ނުކުރަމެވެ.
ޢުމުރުގެ އެހެން ކުދިންނަށް ވުރެ ބަރުދަން އިތުރުކޮށް އުފަންވާ ކުދިންނަށް ޞިއްޙީ ރަޢުޔުގައި ކިޔައި އުޅެނީ މެކްރޮޒޯމިކް ބޭބީޒްއެވެ. މެކްރޮޒޯމިކް ކުއްޖެއް ކަމަށް ބަލަނީ އުފަންވާ އިރު ބަރުދަނުގައި 4 ކިލޯއަށް ވުރެ އިތުރަށް ހުރި ކަމުގައި ވާނަމައެވެ.
މެކްރޮޒޯމިއާ ކުދިންނަކީ ލޭގައި ގްލޫކޯޒް ހުންނަން ޖެހޭ މިންވަރު އާދަޔާ ޚިލާފަށް ދަށްވުން ނުވަތަ ހައިޕޯގްލައިސީމިއާއާއި، ބިލިރޫބިން އިތުރުވެގެން ޖޯންޑިސްވުން ނުވަތަ ރީނދުވުމާއި، ރެޑް ބްލަޑް ސެލް ކައުންޓް މަތިވެގެން ކުރިމަތިވާ ޕޮލީސައިތީމިއާގެ ނުރައްކާ ބޮޑު ކުދިންތަކެއް.ޑރ މަރްސިޔާ ވެނެގާސް؛ މާބަނޑު މީހުންގެ ޚާއްޞަ ޑޮކްޓަރެއް
އުފަން ވީ އިރުވެސް ބަރުދަނުގައި 7 ކިލޯއަށް ވުރެ އިތުރަށް ހުރި ފިރިހެން ކުއްޖާ މިހާރު އޮތީ އިންޓެންސިވް ކެއަރ ޔުނިޓް ނުވަތަ އައިސީޔޫގައެވެ. ކުއްޖާގެ މަންމަވެސް އޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.
ވަރަށް ދެރަވެސް ވެ އަހަރެން މި ހުންނަނީ. ވަރަށް އެހެން ކަހަލަ އިޙްސާސްތަކެއް ކުރެވެނީ. އަހަރެން ދަރިފުޅުގެ ޞިއްޙީ ޙާލަތު މި ކަހަލަ ގޮތަކަށް އޮވެދާނެ ކަމަކަށް ފަހަރެއްގައިވެސް ހީއެއް ނުކުރަން.ލުއީސް ކޮންތުރެރާސް؛ ޗިލީގައި އުފަންވި ކުއްޖާގެ ބައްޕަ
ކޮންތުރެރާސް ބުނި ގޮތުގައި، ބަލާބެލުމަށް އޭނާގެ ދަރިފުޅު ހީވަނީ އަހަރެއްވަންދެން ގެންގުޅެ ބޮޑުކޮށްފައި އޮތް ކުއްޖެއް ހެންނެވެ.
މާބަނޑު މީހުންގެ ޚާއްޞަ ޑޮކްޓަރެއް ކަމަށް ވާ މަރްސިޔާ ވެނެގާސް ބުނި ގޮތުގައި، މި ކުއްޖަކީ ޗިލީގައި މިހާތަނަށް އުފަންވި އެންމެ ބަރު ކުއްޖާ ކަމަށްވެސް ވެދާނެއެވެ. ޗިލީގައި އުފަންވި ކުދިންގެ ތެރެއިން ބަރުދަނުގެ ރެކޯޑް ބެލެހެއްޓިފައިވާ ކޭސްތަކަށް ބަލާއިރު މިހާތަނަށް އެންމެ ބަރުކޮށް އުފަން ވެފައި ވަނީ 6 ކިލޯ ހުރި ކުއްޖެކެވެ.
މީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް. އުފަން ވާ އިރު ކިލޯއަށް ވުރެ ބަރުކޮށް ހުރުން މީ ވަރަށް ނުވާ ކަމެއް. ހަމަ ޤައިމުވެސް ޗިލީގަ ނެތް ރެކޯޑެއް. ޗިލީގަ އެންމެ ބަރުކޮށް އުފަންވި ކަމަށް ރެކޯޑް ކުރި ކުއްޖާގެ ބަރުދަނުގައިވެސް ހުރީ 6.7 ކިލޯ.ޑރ މަރްސިޔާ ވެނެގާސް؛ މާބަނޑު މީހުންގެ ޚާއްޞަ ޑޮކްޓަރެއް
އުފަން ވީ އިރުވެސް ކުއްޖާގެ ބަރުދަނުގައި 7.105 ކިލޯ ހުރި ކުއްޖާ އުފަންވީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ކުއްޖާ އުފަންވީ ޗިލީގެ ކުރަނިލާހުއޭ ސިޓީގައި ނަމަވެސް، ޞިއްޙީ މައްސަލަތަކެއް ދިމާވެ، އިތުރު ފަރުވާ ދިނުމަށްޓަކައި ކޮންސެޕްސިއޮން ސިޓީގެ ހޮސްޕިޓަލަކަށް ބަދަލު ކުރަން މަޖުބޫރުވިއެވެ. މަންމަ އެޑްމިޓް ކޮށްފައި އަދިވެސް އޮތީ ކުރަނިލާހުއޭ ސިޓީގެ ހޮސްޕިޓަލުގައެވެ. މަންމަގެ އުންމީދަކީ، ވީ އެންމެ އަވަހަކަށް ދަރިފުޅު ގާތަށް ދެވޭ ގޮތް ވުމެވެ.
ބުރާސްފަތި ދުވަހު އުފަންވި ކުއްޖާއަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުން ބުނި ގޮތުގައި، ކުއްޖާގެ ޙާލު ސީރިއަސް ނަމަވެސް ސްޓޭބަލްއެވެ. އަދި ކުއްޖާއަށް ފަރުވާ ދެމުން ދަނީ އަލަށް އުފަންވާ ކުދިންނަށް ޚާއްޞަ ސަރަޙައްދެއްގައި ކަންވެސް ހޮސްޕިޓަލުން ޢާންމު ކުރި ބަޔާނެއްގައި ވަނީ ފާހަގަ ކޮށްފައެވެ.
މީގެ 2 މަހެއްހާ ދުވަސް ކުރިން ކޭމްބްރިޖުގައިވެސް ވަނީ ނިސްބަތުން ބަރު ކުއްޖެއް އުފަންވެފައެވެ. އެކުއްޖަކީ ބަރުދަނުގައި ގާތްގަނޑަކަށް 6 ކިލޯ ހުރި ކުއްޖެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
މެކްރޮޒޯމިއާގެ ސަބަބުން ވިހެއުމަށް އުނދަގޫތަޖެއް ކުރިމަތިވެއެވެ. ސިޒޭރިއަން ހެދުމާއި ވިހެއުމުގެ ތެރޭގައިވެސް ދަރިފުޅަށް އަނިޔާވުމުގެ ނުރައްކާ އިތުރުވެއެވެ. ހެދި ބޮޑުވަމުން އަންނަ ވަރަކަށް އާދަޔާ ޚިލާފަށް ފަލަވުމާއި ހަކުރުބަލި ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތުވެސް، މެކްރޮޒޯމިކް ކުދިންނަށް ބޮޑެވެ.