ކ. މާލެ
|
1 ޖެނުއަރީ 2024 | ހޯމަ 07:25
ރޭޖް ރޫމްގައި ދެމީހަކު ތަށިތައް ތަޅަނީ
ތަށިތެޅުން
ފަރަންސޭސި ސިޓީއަކުން ފުލުފުލުގައި ތަށިތަޅާ އަޑު...މި ވަނީ ކިހިނެއް؟
 
'ރުޅިގަނޑު ބާލާލުމުން' ނަފުސަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭ
 
2024 ވަނަ އަހަރަށް މަރުޙަބާ ކިއުމުގެ ގޮތުން ކުރަން އެންމެ ރަނގަޅު ކަމަކަށް ބައެއް މީހުންނަށް ކުރަން ފެނުނު ކަމަކީ މިއީ

މީލާދީ އައު އަހަރަކަށް މަރުޙަބާ ކިއުމަށް އެކި މީހުން ކޮށް އުޅެނީ އެކި ކަންކަމެވެ. ޢާއިލާ މެންބަރުންނާއި އެކުވެރިންނާއެކު އައު އަހަރަށް ދަތުރު ދާ މީހުންނާއި މުނިފޫހިފިލުވުމުގެ ޝޯވތަކުގައި ބައިވެރިވާ މީހުން އުޅެއެވެ. އައު އަހަރަށް ނަފުސު ތައްޔާރު ކުރުމަށްޓަކައި އެކި ގޮތްގޮތުން އެކި ކަހަލަ ތައްޔާރީތައް ވާ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް، ފަރަންސޭސިވިލާތުގެ އުތުރުގެ ސިޓީއަކުން އިވެމުން ދަނީ މުޅިން ތަފާތު އަޑެކެވެ.

ފަރަންސޭސިވިލާތުގެ އުތުރުގެ ސިޓީއެއް ކަމަށް ވާ ލީއްލަގެ ޢިމާރާތެއްގައި ހުރި ކޮޓަރިތަކުން އެއް އަޑަކަށް އިވެމުން ދިޔައީ ތަށިތަކެއް ތެޅޭ އަޑެވެ. ރަނގަޅަށް ސަމާލުވެ އަޑު އަހަލައިފިނަމަ، އެއީ ތަށިތަކެއް ތެޅޭ އަޑު ނޫން ކަމާއި، އެއީ ގަސްތުގައި ބަޔަކު ކުރާ ކަމެއް ކަން ސާފުވެއެވެ. އަދި އެ އިވެނީ ހަމަ އެކަނި ތަށިތަކެއް ތަޅާ އަޑު ނޫން ކަމާއި، ފުޅިތަކެއްވެސް ތަޅަމުން ދާ ކަން ސާފުވެއެވެ. އެނޫންވެސް އެނޫންވެސް އެކި ކަހަލަ ގެވެހި ކަންވާރުގެ ސާމާނުތައް ފުނޑުފުނޑު ކުރާ އަޑުން ކޮޓަރިތައް ގުގުމައެވެ.

ވެގެން އުޅޭ ގޮތެއް ބަލަމާ ހިނގާށެވެ. މި ހުރިހާ ކަމެއްވެސް ގުޅެނީ މީލާދީ ސަނަތުން 2 ހާހާއި 23 ވަނަ އަހަރަށް އަލްވަދާޢު ކިޔުމާއެވެ. އާނއެކެވެ. 2024 ވަނަ އަހަރަށް މަރުޙަބާ ކިއުމުގެ ގޮތުން ކުރަން އެންމެ ރަނގަޅު ކަމަކަށް ބައެއް މީހުންނަށް ކުރަން ފެނުނު ކަމަކީ މިއީއެވެ. މަޤްޞަދެއް ކަމަށް ވަނީ ފާއިތުވި އަހަރު ދުވަހު ކުރިމަތިވި ހިތް ނުތަނަވަސް ކުރަނިވި ކަންކަމާއި، ރުޅިވެރިކަމަށްވެސް ވަދާޢުގެ ސަލާމް ކޮށްލުމެވެ.

ލީއްލަ ސިޓީގައި ހުންނަ ލު ދޫފުލުވަރ ރޭޖް ރޫމްތަކަށް ޒިޔާރަތް ކުރި އެކަކީ މެނަން ރަޑްލޮފްއެވެ. އޭނާ ބުނި ގޮތުގައި އައު އަހަރެއްގެ ފެށުމާ ދިމާކޮށް، ފާއިތުވެ ދާ އަހަރަށް އަލް ވަދާޢު ކިޔާލަން މިއީ ރަނގަޅު ގޮތެކެވެ. އަހަރުގެ ތެރޭގައި ކުރިމަތިލާން ޖެހުނު މައްސަލަތަކަށްވެސް ވަދާޢުގެ ސަލާމް ކުރުމުގެ ގޮތުންނެވެ. އަދި އެފަދަ ގޮތަކަށް 'ރުޅިގަނޑު ބާލާލުމުން' ނަފުސަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ކަންވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ރޭޖް ރޫމް ނުވަތަ ރުޅިބާލަން ހަދާފައި ހުންނަ ކޮޓަރިތަކަކީ އެތަންތަނަށް ޒިޔާރަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ވާ ފަދަ ޢާލާތްތައް ބޭނުންކޮށްގެން އެކި ކަހަލަ ސާމާނުތައް ތަޅާ ސުންނާފަތި ކުރާ ގޮތަށް ފަރުމާކޮށްފައި ހުންނަ ކޮޓަރިތަކެކެވެ. އައު އަހަރު ފެށުމާ ދިމާކޮށް ރޭޖު ރޫމުތަކަށް ޒިޔާރަތްކޮށް، ފުޅިއާއި ތަށި ފަދަ ތަކެތި ތެޅުމުގެ ޘަޤާފަތް ފެށިގެނ އައީ 2000ގެ އަހަރުތަކުގެ ފަހުކޮޅު، ޖަޕާނުގައި ކަމަށް ޤަބޫލު ކުރެވެއެވެ. ރޭޖު ރޫމުތަކުގައި ތަޅާ އެކި ކަހަލަ ސާމާނުތަކުން ހަށިގަނޑަށް ގެއްލުމެއް ވެދާނެ ކަމަށް ބަލާ، އެފަދަ ކަމެއް ދިމާވުމުގެ ފުރުޞަތު ވީހާވެސް ކުޑަ ކުރުމަށް މެހެމާނުން ތިބެނީ ރައްކާތެރި ކަމުގެ ސޫޓުތައްވެސް ލައިގެންނެވެ. ބޮލާއި މޫނުވެސް ނިވާ ކޮށްގެންނެވެ.

ލު ދޫފުލުވަރ ރޭޖް ރޫމްތައް ހުޅުވީ 2018 ވަނަ އަހަރު. އެތަނުގައި 4 ރޭޖް ރޫމް ހުންނަ އިރު، ދުވާލެއްގެ މައްޗަށް އޭރު ޒިޔާރަތް ކުރަމުން ދިޔައީ 20 އަކަށް މީހުންނެވެ. ރޭޖް ރޫމެއްގައި 20 މިނެޓް ހޭދަ ކޮށްލުމަށް އެކަނިވެސް 50 ޔޫރޯ ޚަރަދު ކުރަން ޖެހެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 900 އެއްހާ ރުފިޔާއެވެ. އެހެނެއް ކަމަކު އެތަނަށް ޒިޔާރަތްކޮށް، ޚިދުމަތް ހޯދާ މީހުންގެ ޢަދަދު ދަނީ އިތުރު ވަމުންނެވެ. އައު އަހަރުގެ ފެށުމާ ދިމާކޮށް، މިހާރު ދުވާލެއްގެ މައްޗަށް 35 ވަރަކަށް މީހުން ލު ދޫފުލުވަރ ރޭޖް ރޫމްތަކަށް ޒިޔާރަތްކޮށް ޚިދުމަތް ހޯދާ ކަމަށް އެތަނުގެ ފެސިލިޓީޒް މެނޭޖަރ އަނައެލް ކެލޯންސް ފާހަގަ ކުރިއެވެ.

އާނ، އަހަރު ނިމެން ދާ ވަރަކަށް 2023 ވަނަ އަހަރު ދިމާވި ކަންކަން ބޭރުކޮށްލަން މިކޮޅަށް އެބަ އާދޭ ވަރަށް ގިނަ މީހުން. 2024 ވަނަ އަހަރަށް، އައު ނަފުސަކާއެކީ ކުރިމަތިލުމުގެ އުންމީދުގަ. އަހަރެމެންނަށް ޑިސެމްބަރު މަހު ލިބޭ ފުދޭ ވަރަކަށް ކަސްޓަމަރުން. ޖެނުއަރީގަވެސް ފުދޭ ވަރަކަށް ލިބޭ ކަސްޓަމަރުން. އެއީ ވިއްޔާ ބައެއް މީހުންނަށް 2023 ނިމޭ ހިސާބަކީ.
އަނައެލް ކެލޯންސް؛ ލު ދޫފުލުވަރ ރޭޖް ރޫމްގެ ފެސިލިޓީޒް މެނޭޖަރ

ޚިދުމަތް ހޯދަން އަންނަ މީހުންގެ 2 ބައިކުޅަ އެއްބައި މީހުންނަކީ ހަމަ މަޖަކަލަށް އެކަން ކޮށްލަން ރޭޖް ރޫމުތަކަށް ދާ މީހުން ކަމަށް ވާ އިރު، އަނެއް ބައި މީހުންނަކީ ނަފުސާނީ އެކިއެކި ކަންކަމަށް ފަރުވާ ހޯދުމަށް ތެރަޕިސްޓުންނާއި ލައިފް ކޯޗުން ދޭ އިރުޝާދާއެކު އެތަންތަނަށް ދާ މީހުންނެވެ.

ފުދޭ ވަރަކަށް ގިނަ މީހުން މިކޮޅަށް އެބަ އާދޭ ތެރަޕިސްޓުންނާއި ސައިކޭޓްރިސްޓުންގެ އިރުޝާދާއެކީގަ. ނަފުސު ކުރިއަރުވާ ލައިފް ކޯޗުންވެސް އެބަ ފޮނުވާ މިކޮޅަށް ވަރަށް ގިނަ މީހުން. ބައެއް މީހުން މިކޮޅަށް އަންނަނީ ހަމަ އެގޮތަށް، ނަފުސާނީ ފަރުވާއެއް ހޯދުމުގެ ނިޔަތުގަ. އަހަރެން ފަހަރެއްގަވެސް މި ބުނަނީ އެއްޗެހި ހަލާކު ކުރުމަކީ ތެރަޕީއެކޭ ނޫން. އެކަމަކު، އެއީވެސް ތެރަޕީ ކަސްރަތެއްގެ ގޮތުގައި ކޮށް އުޅެވިދާނެ ކަމެކޭ މި ބުނަނީ އަސްލު.
އަނައެލް ކެލޯންސް؛ ލު ދޫފުލުވަރ ރޭޖް ރޫމްގެ ފެސިލިޓީޒް މެނޭޖަރ

އަނައެލް އިތުރަށް ފާހަގަ ކުރި ގޮތުގައި، ދޫފުލުވަރ ރޭޖް ރޫމްތަކުގެ ޚިދުމަތް ހޯދުމަށް ހުރިހާ ޢުމުރެއްގެ މީހުން ޒިޔާރަތް ކުރާ އިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ.

ނަފްސާނީ ބަލިތަކުގެ ދާއިރާއިން ހަދާފައި ވާ ދިރާސާތަކަށް ބަލާއިރު ރޭޖު ރޫމުތަކަކީ ރައްކާތެރި މާޙައުލެއްގައި ރުޅިބާލާލުމުގެ ފުރުޞަތު ދޭ ތަންތަންކަމުގައި ވީ ނަމަވެސް، އެއްޗެއްސަށް ގެއްލުންދީގެން ރުޅި ބޭރުކުރުމުގެ ސަބަބުން ފަހުން ނުކުންނަ ނަތީޖާއަކީ މާ އެދެވޭ ނަތީޖާއެއް ނޫންކަން ވަނީ ސާބިތުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް