ފްރާންސްގައި ދިރިއުޅެމުންދާ ޒަވިއަރ ބަގެޓްގެ އެންމެ ގާތް ރަހުމަތްތެރިއަކީ ކޮތަރެކެވެ. 80 އަހަރުގެ ޒަވިއަރ ކޮންމެ ދުވަހަކު ވެސް މަސައްކަތަށް ދަނީ ވެސް ކޮތަރާއެކުއެވެ.
ބަލްޗަން ނަމަކަށް ކިޔާ މި އަންހެން ކޮތަރީ ޒަވިއަރގެ ދިރިއުޅުމުގެ ވަރަށް ބޮޑު ހިއްސާއެކެވެ. މުނިފޫހިފިލުވުމާއި، އަދިވެސް ކުރާ ހުރިހާ މަސައްކަތެއްގައި ބައިވެރިވާ ކަމަށް ޒަވިއަރ ބުންޏެވެ. އެގޮތުން ކޮންމެ ދުވަހަކު ބައިސްކަލުގައި މަސައްކަތަށް ދާއިރު، އޭނާއާއެކު ކޮތަރު ދާ ކަމަށާއި، ބަގީޗާއަށް ފެންދޭއިރު ބަލަން އިންނަ ވާހަކަތައް ހިއްސާކުރީ ވަރަށް އުފަލާއެކުއެވެ.
ކޮތަރާ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އުފެދުނު ގޮތާ ގުޅޭގޮތުން ޒަވިއަރ ބުނީ, ގެއާ މާދުރު ނޫން ހިސާބަކުން ހިނގާފައި ދަނިކޮށް ފިޔަ ކޮށާލާފައިވާ ކޮތަރެއް ވެއްޓިފައި އޮތް ކަމަށާއި، އެކޮތަރު ޝިކާރަކުރުމަށް ބުޅާތައް އުޅުނު ކަަށެވެ. މަންޒަރު ބަލަން ހުރުމަށްފަހު ގެއަށް ދިޔަ ކަމަށާއި، އެވާހަކަ އަންހެނުންނާ ހިއްސާކުރުމުން އެކޮތަރު ބުޅަލުގެ ކިބައިން ސަލާމަތް ނުކުރާނަންތޯ ސުވާލު ކުރިކަމަށް އޭނާ ބުންޏެވެ. އަދި ވަރަށް ބޮޑަށް ވިސްނުމަށްފަހު އެތަނަށް ގޮސް ކޮތަރު ސަލާމަތް ކުރީ ކަމަށް ބުންޏެވެ.
އަހަރެން ދިރިއުޅޭ އަވަށުން ހިނގަމުންދަނިކޮށް ފެންނަނީ ކުޑަކުޑަ ކޮތަރު ވެއްޓިފަ އޮއްވާ. އޭރު ބުޅަލުގެ ކިބައިން ސަލާމަތްވާން އޭތި ވަރަށް މަސައްކަތް ކުރަމުންދޭ. އެކަމަކު ބަލަން ހުރެފަ ވެސް އަނބުރާ ގެއަށް އައީ. އެކަމަކު ގެއަށް ދިޔަ މަގުމަތީގަ ވަރަށް ބޮޑަށް ވިސްނުނު. ދެން ގެއަށް ގޮސް އަހަރެން އަންހެނުން ކައިރީގަ ބުނުމުން އޭނަ ބުނީ އެ ކޮތަރު ނުގެންނާނަންހޭ. އެސުވާލު ކުރީމަ އާނއެކޭ ބުނެފަ ވެސް އަނބުރާ ދިޔައީ ކޮތަރު ކޮބައިތޯ ބަލަން. ދިޔައިރު ވެސް ކޮތަރު އޮތް. ދެން ކޮތަރު ޖީބަށްލައިގެން އައީ ގެއަށް.ޒަވިއަރ ބަގެޓް
އޭގެފަހުން ޒަވިއަރ އައީ ކޮތަރު ބަލަހައްޓަމުންނެވެ. ފިޔަފަޅައި، ބޮޑުވެފައިވާއިރު ފެންނަ ފެނުމަށް ކޮތަރު އޭނާއާއެކު ދިރިއުޅެމުންދަނީ އުފަލުންނެވެ.
އާއްމުކޮށް މީހުން ވަރަށް ސުވާލު ކުރާނެ. އެންމެ ގިނައިން އަހަނީ އެކުގަ އުޅޭތީ ކޮންކަހަލަ އިހުސާސްއެއްތޯ ކުރެވެނީ. އަހަރެން ބުނަން، ނޭނގެއޭ. އަހަރެން މިއީ ސައިކޮލޮޖިސްޓެއް ނޫނޭ. އެ އިހުސާސް ބުނާކަށް ނޭނގޭ. އެކަމަކު މިއީ ވަރަށް ހިތްހަމަ ޖެހޭ ކަމެއް.ޒަވިއަރ ބަގެޓް
މިއަދު ޒަވިއަރގެ އެންމެ ގާތް އެކުވެރިއަކީ އޭނާ ގެންގުޅެމުންދާ ކޮތަރެވެ. ކޮތަރާއެކު ހޭދަކުރަމުންދާ ކޮންމެ ދުވަހަކީ އުފާވެރި ދުވަހެއް ކަމަށް އޭނާ ބުނެއެވެ.