ކ. މާލެ
|
31 ޖުލައި 2017 | ހޯމަ 06:16
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބުދުލް ޣަފޫރު މޫސާ
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބުދުލް ޣަފޫރު މޫސާ
ރާއްޖެ އެމްވީ
ކުނޫޒު ޖަލްސާ
ފުރާނަ ދާންދެއް ހައްގު ބަސްބުނުމުގައި ދެމި ތިބޭނަން: ޣަފޫރު
މަޖިލީހުގެ މެންބަރުންނާއި މެދު މި ސަރުކާރުން އަމަލުކުރަނީ ގެރިބަކަރީގެ އުސޫލުން
މަރާލިޔަސް ހައްގުބަސް ބުނާނަން
ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން މަގާމުންވަކި ކުރާނަން

 

އަމިއްލަ ހަށިގަނޑުން ފުރާނަ ދާންދެއް ހައްގު ބަސްބުނުމުގައި ދެމި ތިބޭނެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބުދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

 

މާފަންނު ކުނޫޒުގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ، ރައްޔިތުންނަށް ނުހައްގުން އަނިޔާދެމުން ދަނީ ރައްޔިތުންގެ މުދަލުން ވައްކަންކޮށް، ދައުލަތުގެ ޚަޒާނާއިން ވައްކަން ނުކުރާށޭ ބުނެ، އެ ރައްޔިތުންނަށް އަނިޔާވެރި ނުވުމަށް ގޮވާލުމުންކަމަށެވެ.

ޣަފޫރު ވިދާޅުވީ، އަނިޔާކުރިއަސް އަޒުމަށް ކުޑަވެސް ބަދަލެއް ނައިސް ހައްގުބަސް ބުނުމުގައި ދެމިތިބުމުގެ ހިތްވަރު އެބޭފުޅުންގެ ކިބައިގައި އެބަހުރިކަމަށެވެ.

 

"އަޅުގަނޑުމެން ނުކުމެ މި ތިބީ އެކަމަށް. އަޅުގަނޑުމެން ކޮންމެ މީހެއްގެ އެ ހިތްވަރު މިއަދު އެބަހުރި، ފަހަތަކަށް ނުޖެހޭނަން" ޣަފޫރު ވިދާޅުވިއެވެ.

 

ގަނޫނު އަސާސީއަކާއި، ދިވެހި ދައުލަތުގެ ދިދައާއި، ދިވެހި ޚަޒާނައިގެ ތަޅުދަނޑި ދީފައި ދިވެހިރައްޔިތުން ހަވާލުކުރި ވެރިކަން ރަނގަޅަށް ނުކޮށްދެވުނީމަައި "ޑެޑްލޮކްއޭ" ނުކިއުއްވާ ރައީސް ޔާމީން ދެން އިސްތިއުފާދީ ގެއަށް ވަަޑައިގަންނަވަންވީކަމަށް ޣަފޫރު ވިދާޅުވިއެވެ.

 

މިމަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ މެންބަރުން އެތަނުގެ ތެރެއަށް ވަނަ ނުދިނުމަށް ކުރަމުންދިޔަ ކަންތައްތަކުގައި ފުލުހުން އަމަލުކޮށްފައިވަނީ ވަރަށް އަނިޔާވެރިކޮށްކަން ފާގަހަކުރައްވާ ޣަފޫރު ވިދާޅުވީ، ސަރުކާރުން މަޖިލީހުގެ މެންބަރުންނާިއމެދު އެދުވަހު ކަންތައްކުރީ ވަރަށް އިހާނެތިކޮށްކަމަށާއި، މަގުމަތީގައި އުޅޭ ގެރިބަކަރިއާއި ދޭތެރޭވެސް އެގޮތަށް އަމަލު ނުކުރާނޭކަމަށެވެ. މަޖިލީހުގެ މެންބަރުންނަށް އަނިޔާކޮށް، ހައްޔަރުކޮށް، އިންސާފުން ބޭރުން ދައުވާތައް ކުރާ ކުރުމަކީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަށް ޣަފޫރު ވިދާޅުވިއެވެ.

އެދުވަހު މަޖިލީހުގައި ހިނގައި ދިޔަ ކަންކަމުގެ ތަހުގީގު ހިންގާ ޝަރީއަތް ކޯޓްތަކުގައި ފެށޭނޭ ދުވަސް އަންނާނޭކަމަށާއި، އެކަން ކުރި މީހުނަށް ހައްގު އަދަބު ދިނުމުގައި ފަހަތަށް ނުޖެހޭނޭކަމަށް އޭނާ ވިދާޅުވިއެވެ.

 

ވައްކަމާއި މީހުން މެރުމާއި ފޭރުން މިގައުމުގައި އާއްމުވެފައި މިއަދު ވަނީ މިދިޔަ 800 އަހަރުވެސް ނުވާވަރަށް ކަމަށާއި، އެކަންކަން ބަލަން ދެން ތިބެވެން ނެތްކަމަށާއި، ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން ވެރިކަމުން ދުރުކުރާނޭކަމަށް ޣަފޫރު ވިދާޅުވިއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މައްސަލައަށް އިޝާާރާތް ކުރައްވާ ޣަފޫރު ވިދާޅުވީ، އެ މެންބަރުން ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލައަށް އަވަސް ހުކުމެއް ބޭނުންކަމަށާއި، އެ މެންބަރުންނަށް ނުހައްގުން ޖަލުގައި އަނިޔާ ލިބެމުން އެ ދަނީ އިންސާފު ލިބުން ލަސްވާތީކަމަށެވެ.

 

އެހެންކަމުން މެންބަރުންގެ ފަރާތުން ހުށައެޅިފައިވާ މައްސަލައަށް އަވަސް ހުކުމެއް ސްޕްރީމް ކޯޓުން އިއްވަވައިދެއްވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

- ކޮމެންޓް