Advertisement
ކ. މާލެ
|
31 ޖުލައި 2017 | ހޯމަ 06:11
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ރާއްޖެ އެމްވީ
ކުނޫޒް ޖަލްސާ
ގާނޫނުއަސާސީއާއި އެއްގޮތަށް ވެރިކަން ކުރަން އުނދަގޫނަމަ ރައީސް އިސްތިއުފާ ދެއްވާ: ގާސިމް
ދުސްތޫރާއި އެއްގޮތަށް ވެރިކަން ކުރަން އެނގިވަޑައި ނުގަންނަވާ ނަމަ އިސްތިއުފާ ދެއްވަން ޖެހޭ
ގާނޫން އަސާސީއަށް ބަދަލު ގެންނާކަށް ނުޖެހޭ
ގާނޫނާއި އެއްގޮތަށް ވެރިކަން ކުރަން ނޭނގި، ގާނޫނުތައް ބަދަލުކުރާނަމަ، ދިވެހި ތާރީޚް އެބަޔަކަށް މަލާމާތް ކުރާނެ

ގާނޫނުއަސާސީއާ އެއްގޮތަށް ވެރިކަން ކުރަން އުނދަގޫނަމަ ރައީސް އަބުދުﷲ ޔާމީން ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.



މާފަންނު ކުނޫޒްގައި، އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ވަރަށް ފުރިހަމަ ނިޒާމެއްކަމަށާ ވެރިކަން ކުރަންޖެހޭނީ އެ ނިޒާމުގެ ތެރެއިންކަމަށެވެ. ވެރިކަން ކުރުމަށް ބޭފުޅަކާއި ގައުމުގެ ޒައާމަތު ހަވާލުކުރަނީ ގާނޫނުއަސާސީ އާއި އެއްގޮތަށް އަމަލުކުރުމަށް ކަމަށާއި ގާނޫނުއަސާސީއާއި އެއްގޮތަށް ވެރިކަން ކުރަން އުނދަގޫނަމަ އޮތީ ގާނޫން އަސާސީއަށް ބަދަލުނުގެނެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާދިނުންކަމަށެވެ.

 

ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައި ވަނީ "ޑެޑްލޮކް" އަކަށް ކަމަށް ވިދާޅުވެ ދައުލަތް ހުއްޓުމަކަށް ގެނެވޭނޭ ފަދަ މަގުތަކެއް ނުވަތަ ފުރުސަތުތަކެއް ދުސްތޫރީ އޮނިގަނޑުގައި ފަހިވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ، ވެރިކަން ކުރަން ހުންނަ މީހަކު ބޭނުންހާ ގޮތަކަށް ގާނޫނުއަސާސީއަށް ބަދަލު ނުގެނެވޭނެކަމަށާއި ގާނޫނުއަސާސީ އޮތްގޮތުން ވެރިކަން ކުރައްވަން ދަތިކަމަށް ވިދާޅުވެ ވާހަކަދެއްކެވުމަކީ ލަދުވެތިވާންޖެހޭ ކަމެއްކަމަށެވެ.

"ގާނޫނު އަސާސީ އޮތްގޮތުން ޑެޑްލޮކަކަށް އައީއްޔޭ، ރައްޔިތުން މަޖިލީހުގައި ޕެޑްލޮކް އެކޭ އަޅުވާނީ އޭ ބުނުމުން ދިވެހި ތާރީޚް އެބަޔަކަށް މަލާމާތް ކުރާނެ" ގާސިމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ގާނޫން އަސާސީގައި އޮތްގޮތަށް ވެރިކަން ކުރައްވަން ދަތިފުޅުނަމަ މަގާމުން އިސްތިއުފާދިނުމަށް ގާސިމް އިބްރާހިމް ވަނީ ގޮވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 6 މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އެކަމާއި ގުޅޭ ގޮތުން ފާޑު ވިދާޅުވަމުން ގާސިމް ވިދާޅުވީ، މެންބަރުންގެ ގޮނޑީގެ މައްސަލައަކީ ވަރަށް ސާފު މައްސަލައެއްކަމަށާ މެންބަރުންގެ ގޮނޑި ގެއްލޭނެ އެއްވެސް ހާލަތެއް މެދުވެރިވެފައިނުވާކަމަށެވެ. ކުރިން ކައުންސިލަރުން ޕާޓީ ބަދަލުކުރުމުގެ މައްސަލާގައިވެސް ސުޕްރީމްކޯޓުން ހުކުމެއް އިއްވާފައިވާކަމަށާ މަޖިލީސް މެންބަރުންގެ މައްސަލާގައިވެސް އެކޯޓުން އަދުލްވެރި ހުކުމެއް އިއްވާނެކަމަށް އުންމީދުކުރައްވާކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުން މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތެއް ކަނޑައަޅާ ނެރުނު ހުކުމުން ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ޕާޓީން ވަކިވުމަށް ސިޓީ ހުށައަޅާފައިވާ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭނެކަން ސާފުކޮށް އިނގޭކަމަށެވެ.


މެންބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ގާނޫނާއި ޚިލާފަށްކަން ފާހަގަކުރައްވަމުން ގާސިމް ވަނީ އަދުލުވެރި ނިންމުމެއް ކޯޓްތަކުން އެކަމުގައި ނިންމަވާނެކަމަާމެދު ޝައްކު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

މެންބަރުންތަކެއް ނުހައްގުން ޖަލަށްލާފައިވާތީ މިހާރުން މިހާރަށް އެ މެންބަރުން ދޫކޮށްލުމަށް ގާސިމް ވަނީ ގޮވާލައްވާފައެވެ. ގާސިމް ވިދާޅުވީ ފުލުހުން އެދުނުނަމަވެސް އަދި އެހެން ފަރާތަކުން އެދުނު ނަމަވެސް ގާނޫނީ އިމުން ބޭރުން މެންބަރުން އަދި އާންމު ރައްޔިތުން ޖަލުގޮޅީގައި ބަންދުކުރުމަށް ފުރުސަތު ނުދެެއްވުމަށް ކޯޓްތަކަށް ގޮވާލައްވާކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް