ކ. މާލެ
|
18 ޖެނުއަރީ 2024 | ބުރާސްފަތި 11:42
އައިޑީ ކާޑު ހެއްދުން
އައިޑީ ކާޑު ހެއްދުން
ޓްވިޓަރ/ބިންޖަނާބް
މަޖިލިސް އިންތިޚާބު 2024
މަޖިލިސް އިންތިޚާބަށް ވޯޓާސް ލިސްޓް ފައިނަލްކުރުމަށް، 18 އަހަރުން މަތީ ފަރާތްތަކުން އައިޑީކާޑު އައުކުރަން އެދޭނަމަ ހުށަހެޅުމަށް އެދިއްޖެ
 
މަޖިލީހުގެ އިންތިޚާބަށް ފަހު ކުރިޔެކޭވެސް އެއްފަދައިން 18 އަހަރުން މަތީ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުކޮށް އައިޑީކާޑު ހެއްދޭނެ
 
ހުށަހެޅުމުގެ ސުންގަޑިއަކީ 21 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން

މަޖިލިސް އިންތިޚާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށް، 18 އަހަރުން މަތީ ފަރާތްތަކުން އައިޑީކާޑު އައު ކުރަން އެދޭނަމަ ހުށަހެޅުމަށް އެދިއްޖެއެވެ.

ބުރާސްފަތި ދުވަހު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށްޓަކައި 18 އަހަރުން މަތީ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުވެފައިވާނަމަ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ހުށަހެޅުއްވުމަށް އެދޭކަމަށެވެ.

އެގޮތަށް ހުށަހެޅުމުގެ ސުންގަޑިއަކީ 21 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިންނެވެ.

އަދި 22 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުން ފެށިގެން 18 އަހަރުން މަތީ ފަރާތްތަކަށް މަޢުލޫމާތު ބަދަލުވެގެން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ދެވޭނީ، އެފަރާތްތަކަށް ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވޯޓު ނުލެވެވުނު ނަމަވެސް، އެފަރާތްތަކުން އިޢުތިރާޟް ނުކުރާކަމުގައިވާނަމަ ކަމަށްވެސް ޑީއެންއާރުން ބުނެފައިވެއެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު ކުރިޔެކޭވެސް އެއްފަދައިން 18 އަހަރުން މަތީ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުކޮށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދެމުން ދާނެކަމަށް ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް، ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ 2024 ޖަނަވަރީ 10 ވީ ބުދަ ދުވަހު އާންމުކޮށްފައިވާއިރު، މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓު، ކޮމިޝަނުގެ ވެބްސައިޓު، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެއެވެ.  

 ކޮމިޝަނުން މިހާރު ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮންނާނީ 2024 މާރިޗް 17 ވާ އާދިއްތަ ދުވަހު ކަމަށެވެ. އެއީ ރަމަޟާން މަހުގެ 7 ވަނަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް