ޔޫކްރެއިނުން ފުރަތަމަ ފަހަރަށް އެމެރިކާއިން ދީފައިވާ ދުރު ރާސްތާ މިސައިލުން ރަޝިޔާގެ ސަރަޙައްދަށް ހަމަލާ ދީފި ކަމަށް ރަޝިޔާ އިން ބުނެފިއެވެ.
ޔޫކްރެއިން އިން ހަމަލާ މި ދިނީ މިފަދަ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ ތެރެއަށް ހަމަލާ ދިނުމުގެ ހުއްދަ ވޮޝިންގޓަނުން ދިން ދުވަހުގެ ޖެހިގެން އައި ދުވަހުއެވެ.
އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމް (އެޓެކްމްސް) ޔޫކްރެއިން އިން ބޭނުން ކުރިކަން އެމެރިކާގެ އޮފިޝަލުން ވެސް ވަނީ ސީބީއެސް ނިއުސްއަށް ކަށަވަރު ކޮށްދީފައިވެއެވެ.
ޔޫކްރެއިނުން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އަންގާރަ ދުވަހު ހެނދުނު ޔޫކްރެއިނާ އިންވެގެން އުތުރުން އޮންނަ ބްރިޔާންސްކް ސަރަޙައްދަށް ހަމަލާ ދީފައިވާ ކަމަށެވެ.
ރަޝިޔާ އިން ބުނީ، ފަސް މިސައިލް ވަނީ ވައްޓާލެވިފައިވާ ކަމަށާއި އަދި އެއް މިސައިލަށް ގެއްލުންވެ، ވެއްޓުނު މިސައިލުގެ ބައިތަކުން ސަރަޙައްދުގެ އަސްކަރީ މަރުކަޒެއްގައި އަލިފާން ރޯވި ކަމަށެވެ.
ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރގޭ ލަވްރޮވް ވޮޝިންގްޓަނަށް ތުހުމަތު ކުރައްވާފައި ވަނީ ހަނގުރާމަ އިތުރަށް ގޯސްކުރަން މަސައްކަތްކުރާ ކަމަށެވެ.
"އެމެރިކާގެ އެހީތެރިކަމެއް ނެތި، މި ހައިޓެކް މިސައިލްތައް ބޭނުންކުރުމަކީ، ޕުޓިން ގިނަ ފަހަރު ވިދާޅުވެފައިވާ ފަދައިން، ކުރެވޭނެ ކަމެއް ނޫން." އޭނާ ވިދާޅުވިއެވެ.
ލަވްރޮވް ވިދާޅުވީ ރަޝިޔާއިން "ގަބޫލު ކުރާނީ" މި މިސައިލްތައް އޮޕަރޭޓްކުރީ "އެމެރިކާގެ އަސްކަރީ މާހިރުން" ކަމަށެވެ.
"އަޅުގަނޑުމެން މިކަން ދެކޭނީ ރަޝިޔާ އާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ އާ މަރުހަލާ އެއްގެ ގޮތުގައި. އަދި އަޅުގަނޑުމެން އެއާ އެއްގޮތަށް ރައްދު ދޭނަން،" ރިއޯ ޑި ޖެނެއިރޯގައި ބޭއްވުނު ޖީ20 ގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވިއެވެ.