ހައްޔަރު ކޮށްފައިވާ އެއްވެސް މެންބަރެއް މަޖިލީހަށް ހާޒިރު ނުކުރާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ގާނޫނީ ވަކީލު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރު މިހެން ވިދާޅުވީ ހޯމަ ދުވަހުގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިހާރު ފުލުހުން ހައްޔަރު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހާޒިރުކުރާނެތޯ ސާފު ކުރުމަށް ފުލުހުންނާއި ބައްދަލުކުރުމަށް ފަހުގައެވެ. އަލީ ޒާހިރު ފުލުހުންގެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފް ކުރެއްވުމަށް ފަހު ވިދާޅުވީ ހައްޔަރު ކޮށްފައިވާ އެއްވެސް މެންބަރެއް މަޖިލީހަށް ހާޒިރު ނުކުރާނެކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
އެހެންނަމަވެސް ފުލުހުންގެ ރަސްމީ ބަހެއް މިކަމުގައި ރާއްޖެއެމްވީއަށް ލިބިފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއަށް ހާޒިރު ނުކުރާނެ ކަމަށް ފުލުހުން ބުނުމުން، ހާޒިރު ނުކުރަނީ ކޮން ސަބަބަކާއި ގުޅިގެން ތޯ ސުވާލުކުރުމުން ޖަވާބު ދީފައި ނުވާ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަލީ ޒާހިރު ވިދާޅުވީ މިހާރު ފުލުހުން ހައްޔަރު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ. އަދި އެއީ ކުށެއް ސާބިތުވެގެން ހުކުމް ތަންފީޒް ކުރަމުންދާ މެމްބަރުން ތަކެއް ނޫން ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިހާރު ވެސް ތިއްބެވީ ބަންދުގަ އެވެ،