ކ. މާލެ
|
16 ޖެނުއަރީ 2024 | އަންގާރަ 18:11
ދިއްދޫ ފެނަކައިން ކަނޑާލި މުވައްޒަފުން އިހްތިޖާޖުގައި
ދިއްދޫ ފެނަކައިން ކަނޑާލި މުވައްޒަފުން އިހްތިޖާޖުގައި
ރާއްޖެއެމްވީ
ދިއްދޫ ފެނަކަ މުވައްޒަފުން
ރޯދަމަސް ކުރިއަށް އޮއްވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ އާއިލާތަކުން ތަކުލީފު އުފުލަންޖެހޭނެ ކަމެއް - އެމްޑީޕީ ދިއްދޫ ދާއިރާ
 
ވަޒީފާއިން ވަކިކުރި ހުރިހާ މުވައްޒަފުން ވަޒީފާ އަލުން އިއާދަކުރުމަށް ގޮވާލާފައިވޭ
 
57 މުވައްޒަފުން ވަކިކުރުމަކީ އެ މުވައްޒަފުން ނިސްބަތްވާ އާއިލާތަކަށް ދެވޭ ބޮޑު ދެރައެއް

ރޯދަމަސް ކުރިއަށް އޮއްވާ 57 މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ އާއިލާތަކުން ތަކުލީފު އުފުލަންޖެހޭނެ ކަމެއް ކަމަށާއި، އެއީ އާއިލާތަކަށް ދެވުނު ދެރައެއް ކަމަށް އެމްޑީޕީ ދިއްދޫ ދާއިރާއިން ބުނެފިއެވެ.

ދިއްދޫގައި މަސައްކަތް ކުރަމުން އަންނަ ފެނަކައިގެ މުވައްޒަފުންތަކެއް ހޯމަ ދުވަހުގެރޭ ދަންވަރު ވަޒީފާއިން ކުއްލި ގޮތަކަށް ވަކިކުރުމާއި ގުޅިގެން އެމްޑީޕީ ދިއްދޫ ދާއިރާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދިއްދޫ ފެނަކަ ސައިޓުގައި މަސައްކަތް ކުރާ 57 މުވައްޒަފުން އެއްވެސް ނޯޓިސްއެއް ދިނުމެއް ނެތި ކުއްލިގޮތަކަށް ވަކިކުރުން ކުށްވެރިކުރާ ކަމަށެވެ.

ދިއްދޫގައި އެމްޑީޕީގެ ސަރުކާރުން ފެށި ފެނަކަ އައު އިންޖީނުގެއާއި މަސްވެރިންނަށް އައިސް ދޫކުރުމަށް ހަދާ އައިސް ޕްލާންޓުގެ މަސައްކަތް ނިމެން ކައިރިވެފައިވަނިކޮށް އެ މަސައްކަތްތައް ނިންމުމުގެ ބަދަލުގައި، އެމަސައްކަތް ކުރަން ތިބި ދިއްދޫގެ 57 މުވައްޒަފުން ވަކިކުރުމަކީ އެ މުވައްޒަފުން ނިސްބަތްވާ އާއިލާތަކަށް ދެވޭ ބޮޑު ދެރައެއް ކަމުގައި ދެކޭކެމަށް އެ ދާއިރާގެ އޮފީހުން ބުނެފައިވެއެވެ.

އަދި ސިޔާސީ މަގާމެއް ނޫން އެއްވެސް ވަޒީފާއަކުން އެއްވެސް ފަރާތެއް ވަކި ނުކުރާނެ ކަމަށާއި، އަދި ރަށްރަށުގައި ގިނަ ވަޒީފާތަކެއް އުފައްދާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަން ހޯއްދެވި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެންމެ ދެމަސް ދުވަސް ނުވަނީސް އެ ހުރިހާ ވައުދެއް ހަނދުމަފުޅު ނައްތާލައްވާފައިވާ ކަމަށެވެ. އަދި ރަމަޟާން މަސް ކައިރިވެރިފައިވަނިކޮށް، ދިއްދޫގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުއްލި ގޮތަކަށް އެމީހުން ވަޒީފާއިން ވަކިކުރުމަކީ އެ މުވައްޒަފުންގެ އާއިލާތަކަށް މާލީދަތިތަކާއި ކުރިމަތިވެ ދިރިއުޅުމަށް އަސަރުކޮށް އިތުރު ތަކުލީފުތަކަކާ ކުއްލިއަކަށް ކުރިމަތިލާންޖެހޭނެ ކަމެއްކަމަށް ބުނެފައިވެއެވެ.

އެމްޑީޕީން ސަރުކާރުން ދިއްދޫގައި ފެށި އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކުގައި ފެނަކައިގެ މުވައްޒަފުން ބައިވެރިވެފައިވާކަންވެސް އެ ދާއިރާގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ދިއްދޫ ދާއިރާގެ އޮފީހުން ވަނީ ކުއްލިއަކަށް އެއްވެސް ނޯޓިސްއެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރި ހުރިހާ މުވައްޒަފުން ވަޒީފާ އަލުން އިއާދަކުރުމަށް ގޮވާލާފައެވެ. އަދި ޑރ. މުއިއްޒުގެ ވައުދާ އެއްގޮތަށް ހއ. ދިއްދޫގައި ކުރިއަށްގެންދާ ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް އަވަހަށް ނިންމައިދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

ކޮމެންޓް