ކ. މާލެ
|
15 ޖެނުއަރީ 2024 | ހޯމަ 14:46
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ
ޣައްޒާގެ ހަނގުރާމަ ހުއްޓާލަން ގޮވާލުން
ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ވައިޓް ހައުސްއިން އިސްރާއީލަށް ގޮވާލައިފި
 
ޣައްޒާގެ މި ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ސަރަޙައްދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިދާނެކަމުގެ ކަންބޮޑުވުން ވަނީ މިހާރު އުފެދިފައި

ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ވައިޓް ހައުސްއިން އިސްރާއީލަށް ގޮވާލައިފިއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަސްކަރީ ޙަމަލާތައް މަޑުޖައްސާލަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް އެމެރިކާއިން ބުނަމުން އަންނައިރު، އިސްރާއީލުގެ ލީޑަރުން ވަނީ އެ ސަރަހައްދުގެ ވެރިކަންކުރާ ހަމާސް ހަނގުރާމަވެރި ޖަމާއަތާ ދެކޮޅަށް އިސްރާއީލުން ހިންގާ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް ވައުދުވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާދެމުންދާތާ 100 ދުވަސް ވެފައިވާއިރު، އިސްރާއީލްގެ އެންމެ ގާތް އެކުވެރި އަދި އެންމެބޮޑު އެހީތެރިކަމެއް ވެދޭ އެމެރިކާއާއި، ޚިޔާލުތަފާތުވެފައިވާ މިންވަރު މިކަމުން ދޭހަވާކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ އިތުރުން، އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ލުބުނާނުގެ އަމާޒުތަކަށްވެސް ވަނީ ހަމަލާދީފައެވެ. އެ ހަމަލާދީފައިވަނީ އިސްރާއީލުގެ އުތުރުގައި އިސްރާއީލުގެ އާންމުންގެ ދެ މީހަކު މަރާލުމާ ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ޣައްޒާގެ މި ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ސަރަޙައްދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިދާނެކަމުގެ ކަންބޮޑުވުން ވަނީ މިހާރު އުފެދިފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ޣައްޒާގައި ފެށި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ ގާތްގަނޑަކަށް 24،000 މީހުން ޝަހީދުވެ، ޣައްޒާގެ ބޮޑު ސަރަހައްދެއް ވަނީ ސުންނާފަތިވެފައެވެ. އަދި ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 85 އިންސައްތަ މީހުން ގެދޮރު ދޫކޮށް، އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުން ވަނީ ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓިފައެވެ.

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމެރިކާއިން އިސްރާއީލާ ވާހަކަ ދައްކަމުން ދަނީ ޣައްޒާގެ "ލޯ އިންޓެންސިޓީ އޮޕަރޭޝަންތަކަށް ބަދަލުވުމުގެ ވާހަކަ" ކަމަށެވެ.

އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ އެ ޓްރާންސިޝަނަށް އެންމެ ރަނގަޅު ވަގުތު، އަދި އެމީހުންނާ ވާހަކަ ދައްކަމުން މިދަނީ އެކަން ކުރުމުގެ ވާހަކަ
ތަރުޖަމާނު ޖޯން ކިރްބީ

އިސްރާއީލުގެ ހަމަލާތައް ވަރުގަދަ ކުރާނެކަމަށް ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވާއިރު، ހަމާސްގެ ވަސް ދުނިޔެން ފުހެލައި އަދި ހަމާސްއިން ރަހީނުކުރި މީހުންގެ ތެރެއިން މިހާރު ހަމާސްގެ ބެލުމުގެ ދަށުގައިތިބި 100 އަށް ވުރެ ގިނަ މީހުންގެ މިނިވަން ކުރެވެންދެން ހަމަލާތައް ކުރިއަށް ދާނެ ކަމަށް ނަތަންޔާހޫ ވަނީ ވައުދުވެފައެވެ.

މި ހަނގުރާމައިގެ ސަބަބުން މުޅި ސަރަޙައްދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު، އިސްރާއީލުގެ ހަމަލާތައް ކޮންމެ ދުވަހަކުވެސް ޣައްޒާއަށް އަމާޒު ކުރަމުންދެއެވެ. އަނެއްކޮޅުން ލުބުނާނުގެ ޙިޒްބުالله ހަނގުރާމަވެރި ޖަމާއަތާއި އީރާނަށް ތާއީދުކުރާ ލަޝްކަރުތަކުން ސޫރިޔާ އާއި އިރާގުގައި ހުންނަ އެމެރިކާގެ އަމާޒުތަކަށްވެސް ދަނީ ހަމަލާތައް ދެމުންނެވެ.

މީގެ އިތުރުން ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ވަނީ ބައިނަލްއަގުވާމީ ޝިޕިންއަށް އަމާޒުކޮށް މިދިޔަ ހަފުތާއިން ފެށިގެން ވައިގެ ހަމަލާތައް ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް