ކ. މާލެ
|
15 ޖެނުއަރީ 2024 | ހޯމަ 12:08
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރާއްޖެއެމްވީ
މަޖިލިސް އިންތިޚާބު 2024
މަޖިލިސް އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމިޓީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރަން ފުރުސަތު ހުޅުވާލައިފި
ޕްރޮފައިލް އަދި ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް
2024 ޖަނަވަރީ 28 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ފުރުސަތު އެބައޮތް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ޤައުމީ ލަފާދޭ ކޮމިޓީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށްޓަކައި، ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް އެ ކޮމިޝަނުން އެކުލަވާފައިވާ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ޤައުމީ ލަފާދޭ ކޮމިޓީ" އަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް ޝައުގުވެރިވާ ޖަމްޢިއްޔާއެއް ހޯދުމަށް، އެ ކޮމިޝަނުން ބޭނުންވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެެއިން މިކަމަށް ޝައުގުވެރިވާ އެންމެހާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް، 2024 ޖަނަވަރީ 14 ވާ އާދީއްތަ ދުވަހުން ފެށިގެން 2024 ޖަނަވަރީ 28 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް، އެފުރުޞަތު ހުޅުވާލާފައިވާކަމަށް ކޮމިޝަނުން މައުލޫމާތުދެއެވެ.

ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި މިކަމަށް ޝައުގުވެރިވާ އެންމެހާ ޖަމްޢިއްޔާ ޖަމާޢަތްތަކުން އެކަން ބަޔާންކޮށް ކޮމިޝަނަށް އެ ޖަމްޢިއްޔާގެ ޕްރޮފައިލް އަދި ރަސްމީ ލެޓަރ ހެޑުގައި، ސިޓީއެއް ފޮނުވަން ޖެހެއެވެ.

Advertisement

ޕްރޮފައިލް އަދި ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށްވާތީ، ކޮމިޝަނުގެ އީމެއިލް:[email protected] އަށް އީމެއިލް ކުރުމަށް އެދިފައިވެއެވެ

ޝައުގުވެރިކަން ފާޅުކުރައްވާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ޤައުމީ ލަފާދޭ ކޮމިޓީގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާނެ ޖަމްޢިއްޔާ އެއް ކަނޑައަޅާނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް އެންމެ ރަނގަޅަށް ކަށަވަރު ކުރެއްވޭނެ ފަރާތެއް ބެލުމަށް ފަހު ކަމަށް ކޮމިޝަނުން ބުނެއެވެ.

އަދި އެ ފަރާތްތަކުގެ ލަފަޔާއި ކަންބޮޑުވުންތައް ކޮމިޓީގެ ބައްދަލުވުންތަކުގައި އެންމެ ރަނގަޅަށް ބަޔާން ކުރެއްވޭނެ ކަމަށް، އެ ކޮމިޝަނަށް ޤަބޫލުކުރެވޭ ޖަމްޢިއްޔާއަކަށް އިސްކަން ދޭނެކަމަށްވެސް ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް