ގަތަރުގައި ކުޅޭ އޭޝިއަން ކަޕުގައި އޮސްޓްރޭލިޔާއާ ދެކޮޅަށް އިންޑިޔާ ކުޅޭ މެޗަށް އޭއެފްސީ އަންހެން ރެފްރީއަކު ހަަމަޖައްސައިފި އެވެ.
މިއީ އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އަންހެން ރެފްރީއަކު އިސް ރެފްރީއެއްގެ ގޮތުގައި ނުކުންނަ ފުރަތަމަ ފަަހަރެވެ.
ހޮނިހިރު ދުވަހު ކުޅޭ މެޗުގައި ރެފްރީކަން ކުރާނީ ޖަޕާނުގެ ކުޅަދާނަ ރެފްރީ ޔޮޝީމީ ޔަމަޝީތާ އެވެ. އޭނާ އަކީ އެންމެ ފަހުގެ ވޯލްޑްކަޕުގައި ވެސް ރެފްރީކަން ކުރި ފަރާތެކެވެ. އަދި މިވަގުތު އޭޝިޔާގައި ހުރި އެންމެ ތަޖުރިބާކާރު އަންހެން ރެފްރީވެސްމެ އެެވެ.
ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމުގައި ކުޅޭ މި މެޗުގައި ދެ ފަރާތުގެ ރޮނގު ބަލަހައްޓާނީ ވެސް އަންހެން ރެފްރީންނެވެ. މި ގޮތުން ރޮނގު ބަލަހައްޓާނީ މޮޓޯކޯ ބޮޒޯނޯ އާއި ނައޮމީ ޓެޝިރޮގީ އެވެ.
އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގައި މި ފަހަރު އަންހެން ރެފްރީން މެޗުތަކަށް ނެރެން އޭއެފްސީން ނިންމީ އަންހެން ރެފްރީންނަށް ކުރިއެރުން ދިނުމުގެ ގޮތުންނެވެ.